ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ބައެއް ބިލްތައް ނިންމުން ލަސްވުމުގެ ސަބަބުން އިންސާފް ޤާއިމްކުރުމަށް ހުރަސްއެޅޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ލީގަލް އެޑްވައިޒަރ އަލްއުސްތާޛް އަޙްމަދު ޢަބްދުﷲ އަފީފް ވިދާޅުވެއްޖެއެވެ.
ދައުލަތުން ބަދަލު ދޭންޖެހޭ މައްސަލަތަކާއި ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަޙްމަދު ޢަބްދުﷲ އަފީފް ވިދާޅުވީ، މިސަރުކާރަކީ އިންސާފް ޤާއިމްކޮށްދިނުމުގެ ވަޢުދާއެކު އައި ސަރުކާރެއްކަމަށެވެ. އޭގެތެރޭގައި ނުހައްގުން ޖަލަށް ލާފައިވާ މީހުންނަށް އިންސާފް ހޯދައިދިނުމުގެ އިތުރުން، ދައުލަތުން އެކިއެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުން ބާޠިލްކުރުމުގެ ސަބަބުން ލިބޭ ގެއްލުމަށް އިންސާފް ހޯދައިދިނުންވެސް ހިމެނޭކަމަށެވެ. އޭނާ ވިދާޅުވީ، ދައުލަތުން އެކިއެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތައް ކަނޑައެޅިގެން ޤާނޫނާއި ޚިލާފަށް ބާޠިލްކޮށްފައިހުރުމުގެ ސަބަބުން، ބަދަލު ދޭންޖެހޭކަން އެނގިތިބެ ދައުލަތުން ކޯޓަށް ދިއުމުގެ ބަދަލުގައި ދެފަރާތުން އެއްބަސްވެވޭގޮތަށް މައްސަލަ ނިންމުމަކީ ދައުލަތަށް އެންމެ ލުއިވާނެ ގޮތްކަމަށެވެ. އެކަމުގެ ސަބަބުން ދައުލަތުން ބަދަލު ދޭންޖެހޭ މައްސަލަތަކުގައި ނިންމިފައިވަނީ ދައުލަތަށް އެންމެ ގެއްލުން ކުޑަގޮތަށްކަމަށްވެސް އަފީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި އެއްވެސް ސަބަބެއް ނެތި ގިނަ އެއްބަސްވުންތައް ބާތިލްކޮށްފައި އެެބަހުރިކަމަށާއި، އެކަމުގެ ސަބަބުން ވަރަށް ގިނަބަޔަކަށް ގެއްލުންވަމުންދާކަމަށެވެ. އަފީފް ވިދާޅުވީ 2020ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަދަނީ އިޖްރާއަތުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށާއި، އެބިލް އަދިވެސް އޮތީ ޖުޑީޝަރީ ކޮމިޓީގައިކަމަށެވެ. އެހެންކަމުން އެހާ ގިނަ ދުވަސްވެގެންދާއިރު އެބިލު ގާނޫނަކަށް ވެފައިނުވުމަކީއިންސާފު ލިބިިދިނުމުގައި ސަރުކާރަށް އޮތް ހުރަހެއް ކަމަށް އަފީފް ވިދާޅުވިއެވެ.
ދެފުއްފެންނަ ގޮތަށް މިކަން އެންމެ އިންސާފުކޮށް ކުރެވޭނީ ޤާނެނެއް އޮވެގެން. އަޅުގަނޑުމެން މަޖިލީހަށް 2020 ފެބުރުއަރީ ތެރޭގައި ފޮނުވިން މަދަނީ އިޖްރާއަތުގެ ބިލެއް. މިހާ ގިނަ ދުވަސް ވިއިރު މި ބިލް ޤާނޫނަށްކަމަށް ނުވުމަކީ މިކަންކަން އިންސާފް ލިބިދިނުމަށް ސަރުކާރަށް އޮތް ހުރަހެއްކަމަށް ދަންނަވަން.
އަޙްމަދު ޢަބްދުﷲ އަފީފް
އަފީފް ވިދާޅުވީ، އިންސާފް ލިބެންޖެހޭ މީހާއަށް އިންސާފް ލިބެންޖެހޭނީ ކޯޓުގެ ތިންމަރުހަލާ ނިމިގެން ނޫންކަމަށް ދައުލަތުން ޤަބޫލުކުރާކަމަށެވެ. އޭނާ ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި ދެފަރާތުން އެއްބަސްވެގެން ހަދާފައިވާ ގިނަ ޢަދަދެއްގެ އެއްބަސްވުންތައް ކަނޑައެޅިގެން ޤާނޫނާއި ޚިލާފަށް ބާޠިލްކޮށްފައިވާކަމަށެވެ. އެކަމުގެ ސަބަބުން ގިނަ ޢަދަދެއްގެ މައްސަލަތައް ދައުލަތުން ބަދަލު ހޯދައިދިނުމަށް ކޯޓު މަރުހަލާގައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެފަދަ 50އަށް ވުރެ ގިނަ މައްސަލަ މިހާރުވެސް ކޯޓު މަރުހަލާގައި އެބައޮތްކަމަށެވެ. އަދި މިސަރުކާރުން މިހާތަނަށް ބަދަލު ދީފައިވާނީ 3 ފަރާތަކަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ