ގޯސްކޮށް ކަމެއްހިނގާ ދިޔަޔަސް ހުރިހާ ފުލުހުން ނުބައިކޮށް މުޅި މުއައްސަސާގެ އަގުވައްޓާލައިގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ޒުވާނުންގެ މޫވްމެންޓެއް ކަމުގައިވާ “ރައިސް އަޕް މޯލްޑިވްސް”އިން އިސްނަގައިގެން މަސައްކަތުގެ މާހައުލުގައި، މަސައްކަތްތެރިންނަށް ކުރާ ޖިންސީ ގޯނާއާއި، ޖިންސީ ފުރައްސާރައާއި ދެކޮޅަށް ރޭ ކުރި ސުލްހަވެރި ހިނގާލުން ފެށީ މާފަންނުކޮޅު ސޯޝަލް ސެންޓަރުންނަށް މުޒާހަރާ ފަށައިގެން މާދުރަކަށް ނުދެވެނީސް ފުލުހުން ވަނީ އެ އެއްވުމަށް ހުރަސް އަޅާފައެވެ. މުޒާހަރާ ރޫޅާލުމުގައި ފުލުހުން ވަނީ އެއްވި މަދު ޒުވާނުންގެ ތެރެއިން ބައެއް ޒުވާނުންނަށް އެކި ވަރުގެ އަނިޔާތައް ކޮށްފައެވެ.
ޚާއްސަކޮށް ޒުވާން އަންހެން މީހަކު ބިންމައްޗަށް ވައްޓާލައި އޭނާ އަތުގައި ފަހަތަށް ބިޑި އަޅުވައި، މޫނަށް އަމާޒުކޮށް ޕެޕާސްޕްރޭ އިންތިހާއަށް ޖެހިތަން ވަނީ ފެނިގެން ގޮސްފައެވެ. ފުލުހުންނަށް މުޒާހަރާތަކުގައި ޕެޕާސް ޕްރޭ ބޭނުން ކުރެވޭ ހާލަތާއި ކަނޑައެޅިގެން ޚިލާފަށް ރޭގެ މުޒާހަރާގައި ޕެޕާސްރޭ ބޭނުންކޮށް ޕެޕާސްޕްރޭ ޖަހާފައިވެއެވެ. ޚާއްސަކޮށް ވަކި މީހަކަށް ނުވަތަ ވަކި މީހެއްގެ މޫނަށް އަމާޒުކޮށް ފުލުހުން ވަނީ ރޭގެ މުޒާހަރާގައި ޕެޕާސްޕްރޭ ޖަހާފައެވެ. މިއީ ކަޑައެޅިގެން ފުލުހުން ކުރުން މަނާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެކެވެ. ފުލުހުން އެކަށީގެން ނުވާ ބާރުގެ ބޭނުންކުރި މައްސަލާގައި ބޮޑެތި ފާޑުކިއުންތަކެއް ފުލުހުންނަށް ވަނީ އަމާޒުވެފައެވެ.
އަދި ފުލުހުންގެ ނަން ބޭނުންކޮށް، ފިޔަވަޅު އެޅުމަށްވެސް ގޮވާލަމުންގޮސްފައިވެއެވެ.
މިކަމާއި ގުޅިގެން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވީ، ދިވެހި ފުލުހުންގެ ތެރޭގައިވެސް ތިބީ ދިވެހިރައްޔަތުންކަމަށާއި އެއީ މި ގައުމުގެ ރައްޔަތުންކަމަށެވެ. ގޯސްކޮށް ކަމެއްހިނގާ ދިޔަޔަސް ހުރހާ ފުލުހުން ނުބައިކޮށް މުޅި މުއައްސަސާގެ އަގުވައްޓާލައިގެން ނުވާނެކަމަށްވެސް މޫސާ މަނިކު ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ތެރޭގައިވެސް ތިބީ ދިވެހިރައްޔަތުން މި ގައުމުގެ ރައްޔަތުންގެ. ކަންކަމާ އިންތިހާއަށް އެހީ ތެރިވެސް ވާ ފުލުހުންގިނައީ، ގޯސްކޮށް ކަމެއްހިނގާ ދިޔަޔަސް ހުރހާ ފުލުހުން ނުބައިކޮށް މުޅި މުއައްސަސާގެ އަގުވައްޓާލައިގެން ނުވާނެ
— Moosa Maniku (Reeko) (@ReekoMoosa) May 2, 2021
ފުލުހުން އެކަށީގެން ނުވާ ބާރުގެ ބޭނުންކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށް ފުލުހުން އަދި ހޯމް މިނިސްޓަރުވެސް ވިދާޅުވެފައިވާއިރު، ރޭގެ މުޒާހަރާގައި ބާރުގެ ބޭނުންކުރި ފުލުހުން މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.
ކޮމެންޓު ފޮނުވާ