އަންގާރަ ދުވަހު ގޮވާމުން ޒަކާތް ދެއްކުމަށް ހުޅުވާލަނީ

އަންގާރަ ދުވަހު ގޮވާމުން ޒަކާތް ދެއްކުމަށް ހުޅުވާލަނީ

Author
މުޙައްމަދު ޖިމީ
02 މެއި 2021 12:05
0

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް އެ ފުރުޞަތު އަންނަ އަންގާރަ ދުވަހު ހުޅުވާލުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ބުނީ، އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުމަށް ބޭނުންވާ މީހުންނަށް، މިމަހުގެ އަންނަ އަންގާރަ ދުވަހުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެކަމަށެވެ. އަދި ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު މި ޒަކާތް ބަލައިގަންނާނެކަމަށް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ގޮވާމުންނަމަ ފިޠުރު ޒަކާތް ދައްކަންޖެހޭނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރުކަމަށެވެ. އެގޮތުން ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އާދައިގެ ހަނޑޫ، ބާސްމަތީ ހަނޑޫ، ގޮދަން ފުށް، ތައިލެންޑް ހަނޑޫ ، ރަތް ހަނޑޫ، އަދި އާޓާ ފުށެވެ. މިއަހަރު ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައިވަނީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގައެވެ.

ގޮވާމުން ޒަކާތް ބަލައިގަތުން

– ހެނދުނު 10:00ން މެންދުރު 12:00އަށް
– މެންދުރު 13:00ން 14:30އަށް
– ރޭގަނޑު 21:00ން 22:30އަށް

ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޒަކާތް ބަލައިގަންނަންވަނީ ފަށާފައެވެ. މިމަހުގެ 11 ވަނަ ދުވަހާ ހަމަޔަށް ގޮވާމުން ޒަކާތް ދައްކަން ބޭނުވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާއިރު މާލޭ ސަރަޙައްދުގައި ޒަކާތް ބަލައިގަންނާނެ އެންމެ ފަހުގެ ތާރީޚަކީ މޭ މަހުގެ 14 ވަނަ ދުވަހުއެވެ. އަދި އަތޮޅުތަކުގައި އެރަށެއްގެ ކައުސިލުން ކަނޑައަޅާ މުއްދަތަކަށް ޒަކާތް ދެއްކޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.