"ސްޕެޝަލް އިކޮނޮމިކް ޒޯން މޯލްޑިވްސް"ގެ ނަން، "އިންވެސްޓް މޯލްޑިވްސް"އަށް ބަދަލުކޮށްފި

"ސްޕެޝަލް އިކޮނޮމިކް ޒޯން މޯލްޑިވްސް"ގެ ނަން، "އިންވެސްޓް މޯލްޑިވްސް"އަށް ބަދަލުކޮށްފި

Author
މުޙައްމަދު ޖިމީ
02 މެއި 2021 11:46
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އަބްދުލްޤައްޔޫމްގެ ވެރިކަމުގައ އުފެއްދެވި "ސްޕެޝަލް އިކޮނޮމިކް ޒޯން މޯލްޑިވްސް" ގެ ނަން، "އިންވެސްޓް މޯލްޑިވްސް" ގެ ނަމަށް، މިސަރުކާރުން ބަދަލުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދާ "ސްޕެޝަލް އިކޮނޮމިކް ޒޯން މޯލްޑިވްސް" ގެ ނަން، "އިންވެސްޓް މޯލްޑިވްސް" ގެ ނަމަށް، 2021 އެޕްރީލް 22 ވަނަ ދުވަހުން ފެށިގެން ބަދަލުކުރައްވައި، އެ ތަނުގެ މަސައްކަތްތަކަށް ބައެއް ބަދަލު ގެނެސްފައިވާކަމަށެވެ.

އިންވެސްޓް މޯލްޑިވްސްގެ މަސައްކަތްތައް

1. ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓުކުރާ މިންވަރު އިތުރުކުރުމަށް ޓަކައި ކޮންފަރަންސްތަކާއި ސެމިނާރުތައް ރާއްޖެއާއި ބޭރުގެ ޤައުމުތަކުގައި ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމާއި، އިންވެސްޓްމަންޓް ޕްރޮމޯޝަންގެ އެހެނިހެން ހަރަކާތްތައް ހިންގުމާއި، ބޭރުގެ އިންވެސްޓަރުންނާ ދިވެހި ވިޔަފާރިތަކާ އޮންނަ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށް ހަރަކާތްތައް ހިންގުން.
2. ރާއްޖޭގައި އިންވެސްޓްކުރަން ޝައުޤުވެރިކަން ފާޅުކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާއާ ގުޅޭ މަޢުލޫމާތާއި، ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމާއި، އެ ފަރާތްތަކުން ރާއްޖޭގައި ވިޔަފާރި ފެށުމަށް ނުވަތަ ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
3. ސަރުކާރުން ރާވައި ހިންގަން ކަނޑައަޅާ ބޮޑެތި މަޝްރޫޢުތަކުގެ އިންވެސްޓްމަންޓްތައް ޕްރޮމޯޓު ކުރުމުގެ މަސައްކަތްތައް ކުރުން.
4. ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ދާއިރާތައްކަމަށް އިކޮނޮމިކް ކައުންސިލުން ކަނޑައަޅައި އިސްކަންދީފައިވާ ތަރުތީބުން އެ ދާއިރާތައް ރާއްޖޭގެ އިންވެސްޓަރުންނާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ޕްރޮމޯޓްކުރުން.
5. ރާއްޖެއަށް އަންނަ ބޭރުގެ އިންވެސްޓަރުން އިތުރުކުރުމަށް ޓަކައި ޤައުމުތަކުގެ ސަރުކާރުތަކާއި ސަރަޙައްދީ އަދި މަލްޓިލެޓަރަލް އިދާރާތަކާއި ޖަމާޢަތްތަކާއެކުގައި ހަރަކާތްތައް ހިންގުން.
6. ރާއްޖޭގައި ބިދޭސީން އަމިއްލައަށް ވިޔަފާރި ހިންގުމަށާއި، ރާއްޖޭގައި ދިވެހިންނާ ގުޅިގެން ބިދޭސީން ވިޔަފާރި ހިންގުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެ، އެ ހުށަހެޅުންތައް ދިރާސާކޮށް (އެޕްރެއިޒްކޮށް)، އެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުއްދަދިނުމާއި، މިކަންކަމާ ގުޅިގެން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
7. ސަރުކާރުން ކުރިޔަށްގެންދަން ކަނޑައަޅާ މުހިންމު މަޝްރޫޢުތަކުގެ ތެރެއިން ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ އުސޫލުން ކުރިޔަށް ގެންދަން ކަނޑައަޅާ މަޝްރޫޢުތަކަށް، ކަމާބެހޭ އިދާރާތަކުގެ ލަފަޔާއެކު އިންވެސްޓަރުން ހޯދުމާއި، އެ މަޝްރޫޢުތަކަށް އިންވެސްޓްމަންޓް ހަމަޖެހެންދެން ޓްރާންސެކްޝަން ޕްރޮސެސް މެނޭޖްކުރުން.
8. އަންސޮލިސިޓެޑް ޕްރޮޕޯޒަލް ޕޮލިސީގެ ދަށުން ހުށަހެޅުންތައް ބަލައިގަނެ، އެ ހުށަހެޅުންތަކާ ގުޅޭ އިދާރީ މަސައްކަތްތައް ހިންގުން.
9. އިންވެސްޓްމަންޓްތަކާބެހޭ މަޢުލޫމާތު އެއްކޮށް، އެ މަޢުލޫމާތުގެ ބޭނުންކޮށްގެން ކަމާބެހޭ ދިރާސާތައް ކުރުން.
10. ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އެނޫން ޤާނޫނުތަކުން ބޯޑް އޮފް އިންވެސްޓްމަންޓުގެ މަސްއޫލިއްޔަތު ކަމުގައި ހަމަޖައްސާ ކަންތައްތައް އިދާރީގޮތުން ހިންގައި ބެލެހެއްޓުމާއި، އެ ބޯޑަށް ބޭނުންވާ ދިރާސާތައް ކުރުމާއި، ފަންނީ އެހީތެރިކަމާއި އެހެނިހެން އެހީތެރިކަން ދިނުން.
11. ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޛު ކުރުމުގައި ބޯޑް އޮފް އިންވެސްޓްމަންޓަށް އެހީތެރިވެދިނުން.
12. ބޯޑް އޮފް އިންވެސްޓްމަންޓުން އެކުލަވައިލާ ޓެކްނިކަލް ކޮމިޓީގެ ކަންތައްތައް އިދާރީގޮތުން ހިންގައި ބެލެހެއްޓުމާއި، އެ ކޮމިޓީއަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އެހެނިހެން އެހީތެރިކަން ދިނުމާއި، ބޯޑް އޮފް އިންވެސްޓްމަންޓާއި ޓެކްނިކަލް ކޮމިޓީއާ ދޭތެރޭގައި ވިލަރެސްކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން.
13. ބޯޑް އޮފް އިންވެސްޓްމަންޓްގެ ނިންމުންތައް ތަންފީޛު ކުރުން.

ރާއްޖޭގެ އިގްތިޞާދުގައި އޮތް ޓޫރިޒަމްގެ ބަރޯސާ ކުޑަ ކުރުމަށް، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ނަމުގައި ޤާނޫނެއް ފާސްކުރީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އަދި މަޝްރޫއުގެ ބައިތައް ހިންގާގެ ބައެއް ސަރަހައްދުތަކުގެ ފީޒިބިލިޓީ ހަދަން ބަޔަކާ ވެސް ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް މިއަދާ ހަމައަށް އެސްއީޒެޑް މަޝްރޫއުއެއް ފެށިފައެއްނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.