ބިސްމި މަޑުން ކިޔާތީ އެއްވެސް މީހަކު މިސްކިތުގައި ޝަކުވާ ނުކުރަނީސް، މިސްކިތުގެ ނަމާދުގެ ޖަމާޢަތަށް ނުވެސް އަރާ މީހަކު އެކަމާ ޝަކުވާ ކުރުމާއެކު މިސްކިތްތަކުގައި ޒުވާބުގެ ޝަކުވާތަކުގެ އަޑުގަދަވާން ފަށައިފިކަމަށް ވިދާޅުވެ، ނުސީދާކޮށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް، ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޒަމްޒަމް ފާރިޝް ފާޑުވިދާޅުވެއްޖެއެވެ.
މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރައްވާ އިމާމުން ބިސްމި ނުކިޔާތީ ކަންބޮޑުވުން ފާޅުކޮށް، އެކަމުގެ ސުވާލު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް ރައްދުވާ ގޮތަށް ރައީސް މައުމުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ގިނަ ފިޤުހު އިލްމުވެރިންނާއި ޤާރީންގެ ބަސްފުޅަކީ ނަމާދުގައި ބިސްމި ކިޔުންކަމަށެވެ. އެހެންކަމަށްވާނަމަ ރާއްޖޭގެ މިސްކިތްތަކުގައި އަޑުހަރުކޮށް ބިސްމި ނުކިޔަންވީ ކޮން ސަބަބާއި ހެދިތޯ ރައީސް މައުމޫން ވަނީ ސުވާލު ކުރައްވާފައެވެ.
އިމާމް ނަވަވީ ވިދާޅުވެފައިވަނީ ޞަޙާބީންނާއި ތާބިޢީންނާއި އޭގެފަހުގެ ގިނަފިޤުހު ޢިލްމުވެރީންނާއި ޤާރީންގެބަސްފުޅަކީ ނަމާދުގައި އަޑުހަރުކޮށް ބިސްމި ކިޔުންކަމުގައި. އެހެންކަމުގައިވާއިރު ރާއްޖޭގެ މިސްކިތްތަކުގައި އަޑުހަރުކޮށް ބިސްމިނުކިޔަނީ ކީއްވެބާ؟
– ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫންގެ މި ކަންބޮޑުވުމައި ގުޅޭގޮތުން ދީނީ ޢިމްލުވެރިޔާ ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވީ، މިއޮއް ހުރިހާ ދުވަހު ބިސްމި މަޑުން ކިޔާތީ އެއްވެސް މީހަކު މިސްކިތުގައި ޝަކުވާއެއް ނުކުރާކަމަށެވެ. ނަމަވެސް މިސްކިތުގެ ނަމާދުގެ ޖަމާޢަތަށް ނުވެސް އަރާ މީހަކު އެކަމާ ޝަކުވާ ކުރުމާއެކު މިސްކިތްތަކުގައި ޒުވާބުގެ ޝަކުވާތަކުގެ އަޑުގަދަވާން ފަށައިފިކަމަށް ޒަމްޒަމް ފާރިޝް ވިދާޅުވިއެވެ.
މަހުގެ ފަހުކޮޅަށް އެޅުމުން މިއުފެއްދީ ކޮންފަދަ ފިޠުނަވެރި ކަމެއް ހެއްޔެވެ؟
ޤައުމުގެ ބައިތުލްމާލު ހުސްވެ، ޅަދަރިން ރޭޕް ކުރެވި، ޒުވާނުން ބިކަވެ، މަސްވެރިން ޙާލުގައި ޖެހި، ޢާއިލާތަކަށް ބޯހިޔާވަހިކަން ނުލިބި އުޅޭއިރު ޝަކުވާއެއް ނުކޮށް ހުރެފައި، ބިސްމި މަޑުން ކިޔާތީ ޝަކުވާ ?— ZamzamFarish – ޒަމްޒަމް ފާރިޝް (@ZamzamFarish) May 2, 2021
އަޑުހަރުކޮށް ބިސްމި ކިޔުމާއި ގުޅޭގޮތުން 2018 ވަނަ އަހަރު ފަތުވާ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަޑު ހަރުކޮށް ކީރިތި ގުރުއާން ކިޔަވާ ނަމާދުތަކުގައި އިމާމުވެ ނަމާދު ކުރައްވާ އިމާމުން އެ ނަމާދުތަކުގައި ގުރުއާން ކިޔަވާ ވިދާޅުވުމުގައި އެންމެ ރަނގަޅީ ފާތިހާ ސޫރަތް ނުވަތަ “އަލްހަމްދު” ކިޔަވަން ފެށުމުގެ ކުރިޔަށް އަޑު ހަރުކޮށް ބިސްމި ކިޔަވާ ވިދާޅުވުން ކަމަށެވެ.
އެ މަޖިލީހުން ބުނީ އެކަން ސާފުކޮށް އޮތުމުން ރާއްޖޭގެ ރައްޔިތުން ކުރިންސުރެ އަމަލު ކުރަމުން އަންނަނީ ޝާފިއީ މަޒްހަބުގައިވާ ގޮތަށް ކަމަށްވާތީ ރައްޔިތުންގެ ވަހުދަތާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް އިމާމުވެ ނަމާދު ކުރައްވާ އިމާމުން އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އަމަލުކުރުން އެންމެ ރަނގަޅު ގޮތަކީ ބާރަށް ބިސްމި ވިދާޅުވުން ކަމަށެވެ.
ކޮމެންޓު ފޮނުވާ