ފުލުހުންގެ ބާރު، ނަހަމަގޮތުގައި ބޭނުންކުރާ މަންޒަރު ފެނުމުން ލޭކެކޭ: ޢަލީ ޙުސައިން

ފުލުހުންގެ ބާރު، ނަހަމަގޮތުގައި ބޭނުންކުރާ މަންޒަރު ފެނުމުން ލޭކެކޭ: ޢަލީ ޙުސައިން

Author
މުޙައްމަދު ޖިމީ
02 މެއި 2021 11:16
0

ފުލުހުންގެ ބާރު، ނަހަމަ ގޮތުގައި ބޭނުންކުރާ މަންޒަރު ފެނުމުން ލޭކެކޭކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ޙުސައިން މިހެން ވިދޅުވެފައިމިވަނީ، މޭޑޭއާއި ދިމާކޮށް ޒުވާނުން އިސްނަގައިގެން ކުރި ކުޑަ އަދި ބައިމަދު މުޒާހަރާއެއް ކޮންޓޯލްކުރުމަށް އާދަޔާ ނުބައްދަލު ބާރުގެ ބޭނުންކުރުމުން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ. ފުލުހުން ވަނީ ރޭގެ އެއްވުމުގެ ބައެއް އަންހެން ބައިވެރިން އަތް ފުރަގަހަށްލައި ބިޑި އަޅުވައި، މޫނަށް ޕެޕަރ ސްޕްރޭޖަހާފައެވެ.

ފުލުހުންގެ އާދަޔާއި ޚިލާފަށް ބާރުގެ ބޭނުންކުރުމާއި ގުޅިގެން، އެކަމަށް އިޝާރާތްކުރައްވާ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވީ، ފުލުހުންގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރާ މަންޒަރު ފެނުމުން ލޭ ކެކޭކަމަށާއި، ރުޅިވެސް އަންނަކަމަށެވެ. އަދި ދެރަވާކަމަށްވެސް ވިދާޅުވެ ޢަލީ ޙުސައިން ވަނީ ފުލުހުންގެ މުއައްސަސާ އިސްލާޙު ކުރަން އެކަށީގެންވާ މަސައްކަތެއް މިސަރުކާރަށްވެސް އަދި ކުރެވިފައި ނުވާކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ.

ޢަލީ ޙުސައިން މިހެން ވިދާޅުވެފައިވާއިރު، ފުލުހުންގެ މުއައްސަސާ އިޞްލާހުކުރުމަކީ މިސަރުކާރުގެ ވަޢުދެކެވެ. އަދި ދާދިފަހުން ޢަމަލުކުރަންފެށި ފުލުހުންގެ ޚިދުމަތުގެ އައު ޤާނޫނުގެ ސަބަބުން ފުލުހުންގެ ޚިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ފުލުހުންގެ މަސައްކަތް ޕްރޮފެޝަނަލް ވެގެންދާނެކަމަށް ހޯމް މިނިސްޓަރ ވިދާޅުވެފައިވަނިކޮޮށް ރޭ ފުލުހުން ބާރުގެ ބޭނުންކުރި ގޮތާއި ގުޅިގެން ފުލުހުންނަށާއި، ހޯމް މިނިސްޓަރ އަދި ސީޕީއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވެއެވެ.

ޒުވާނުންގެ މޫވްމެންޓެއް ކަމުގައިވާ “ރައިސް އަޕް މޯލްޑިވްސް”އިން އިސްނަގައިގެން މަސައްކަތުގެ މާހައުލުގައި، މަސައްކަތްތެރިންނަށް ކުރާ ޖިންސީ ގޯނާއާއި، ޖިންސީ ފުރައްސާރައާއި ދެކޮޅަށް ރޭ ކުރި ސުލްހަވެރި ހިނގާލުން ފެށީ މާފަންނުކޮޅު ސޯޝަލް ސެންޓަރުންނަށް މުޒާހަރާ ފަށައިގެން މާދުރަކަށް ނުދެވެނީސް ފުލުހުން ވަނީ އެ އެއްވުމަށް ހުރަސް އަޅާފައެވެ.

މުޒާހަރާ ރޫޅާލުމުގައި ފުލުހުން ވަނީ އެއްވި މަދު ޒުވާނުންގެ ތެރެއިން ބައެއް ޒުވާނުންނަށް އެކި ވަރުގެ އަނިޔާތައް ކޮށްފައެވެ.

ޚާއްސަކޮށް ޒުވާން އަންހެން މީހަކު ބިންމައްޗަށް ވައްޓާލައި އޭނާ އަތުގައި ފަހަތަށް ބިޑި އަޅުވައި، މޫނަށް އަމާޒުކޮށް ޕެޕާސްޕްރޭ އިންތިހާއަށް ޖެހިތަން ވަނީ ފެނިގެން ގޮސްފައެވެ. ފުލުހުންނަށް މުޒާހަރާތަކުގައި ޕެޕާސް ޕްރޭ ބޭނުން ކުރެވޭ ހާލަތާއި ކަނޑައެޅިގެން ޚިލާފަށް ރޭގެ މުޒާހަރާގައި ޕެޕާސްރޭ ބޭނުންކޮށް ޕެޕާސްޕްރޭ ޖަހާފައިވެއެވެ. ޚާއްސަކޮށް ވަކި މީހަކަށް ނުވަތަ ވަކި މީހެއްގެ މޫނަށް އަމާޒުކޮށް ފުލުހުން ވަނީ ރޭގެ މުޒާހަރާގައި ޕެޕާސްޕްރޭ ޖަހާފައެވެ. މިއީ ކަޑައެޅިގެން ފުލުހުން ކުރުން މަނާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.