ކޯލިޝަން ބައިވެރިޔާގެ ރިސޯޓަށް ގެސްޓުން އޮލަވާގޮތަށް، ރަށު ޓޫރިޒަމް ކުނިވާގޮތަށް، ކޯލިޝަން އެންމެ ބޮޑު ބައިވެރިޔާއަށް ކުނިވުޒާރާ އެއް ނުހިންގޭނެކަމަށް ވިދާޅުވެ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) މިސަރުކާރުގެ ކޯލިޝަންގެ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް ފާޑުވިދާޅުވެއްޖެއެވެ.
ބާބެޓެރިތަކާ ވިހަ ކެމިކަލްތަކާއެކު އަންދަމުންދާ މާފުށީ ކުނިގޮނޑުގެ ވީޑިއޯއަކާއެކު ކުރެއްވި ޓްވީޓެއްގައި ބޮންޑެ ވިދާޅުވީ، ކޯލިޝަން ބައިވެރިޔާގެ ރިސޯޓަށް ގެސްޓުން އޮލަވާގޮތަށް ރަށު ޓޫރިޒަމް ކުނިވާގޮތަށް ކުނި ވުޒާރާ ނުހިންގޭނެކަމަށާއި، ރައީސުލް ޖުމްހުރިއްޔާގެ އިލްތިމާސްއަކަށް ވެސް ނުގުޑާނެކަމަށެވެ. އަދި ވަޒީރުން ޖެހޭނީ ވަކިވާންކަމަށްވެސް ބޮންޑެ ވިދާޅުވިއެވެ.
ކޯލިޝަން ބައިވެރިޔާގެ ރިސޯޓަށް ގެސްޓުން އޮލަވާގޮތަށް ރަށު ޓޫރިޒަމް ކުނިވާގޮތަށް ނޫނީ ކޯލިޝަން އެންމެ ބޮޑު ބައިވެރިޔާއަށް ކުނިވުޒާރާ އެއް ނުހިންގޭނެއެވެ!
އަދި ރައީސުލް ޖުމްހުރިއްޔާގެ އިލްތިމާސްއަކަށް ވެސް ނުގުޑާނެއެވެ .!
ޖެހޭނީ ވަކިވާށެވެ !
ކ. މާފުށި މިއަދު ގެ މަންޒަރެއް. pic.twitter.com/4wUxsFe6Dx— Ibrahim Rasheed (@BondeM4) May 1, 2021
ބޮންޑެ މިހެން ވިދާޅުވިއިރު، ކުނި މެނޭޖުކުރުމުގެމެންޑޭޓް އޮންނަ އެންވަޔަރަމަންޓް މިނިސްޓްރީއާއި، ޓޫރިޒަމް މިނިސްޓްރީގެ ސްލޮޓް ދީފައިވަނީ ޖުމްހޫރީ ޕާޓީއަށެވެ.
އަދި މި ދަނޑިވަޅަކީ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ބޮޑު ބަދަލެއް ގެނައުމުގެ ވާހަކަތައްވެސް ދެކެވޭ ވަގުތެކެވެ. ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ގިނަ މެންބަރުން، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ވަޒީރުންނަށް އަންނަނީ ބޮޑެތި ފާޑުކިއުންތަކެއް ރައްދުކުރަމުންނެވެ.
ބޮންޑެ ކުރިންވެސް ބޮޑެތި ފާޑުކިއުންތަކެއް އެންވަޔަރަމަންޓް މިނިސްޓަރަށް އަމާޒުކުރައްވާފައިވެއެވެ. އަދި މަޤާމުން އިސްތިއުފާދެއްވުމަށްވެސް ގޮވާލައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ