ފަސްހާހަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ އެސްއެސްސީ އަދި އޯލެވެލް އިމްތިހާން މިއަދު ފަށައިފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރ ނޮވެމްބަރުގައި ބޭއްވުމަށް އޮތް އިމްތިހާން ފަސްކުރީ ކޯވިޑާއި ގުޅިގެން ޤައުމުތައް ފުރަބަންދުކޮށް، ރާއްޖޭގައިވެސް ކޯވިޑުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމާއި ގުޅިގެންނެވެ. މިއާއެކު މިއަހަރުގެ މެއި ޖޫންއަށް އިމްތިހާން ފަސްކޮށް މިއަދު މިވަނީ އިމްތިހާން ފަށާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ސާނަވީ ނިންމާ އިމްތިހާނުތަކުގައި ޖުމްލަ5،955 ދަރިވަރުން ބައިވެރިވާކަމަށެވެ. މި އިމްތިހާން ރާއްޖޭގެ235 ސެންތަރެއްގައި ކުރިއަށް ދާނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު ފެށުނު އިމްތިހާން، އޮންނަ ހުރިހާ ސެންޓަރުތަކެއްވެސް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ދަރިވަރުންނާއި، ކަރަންޓީންކޮށްފައިވާ ދަރިވަރުން ގެ ތެރެއިން އިމްތިހާން ހެދޭ ހާލަތުގައި ތިބި ދަރިވަރުންނަށް އިމްތިހާން ފޯރުކޮށްދިނުމުގެ އިންތިޒާމްތައް އެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއި ރަށްރަށުގެ ސިއްޙީ އިދާރާތަކާއި، ރަށްރަށުގެ ޓާސްކުފޯސްތައް ގުޅިގެން ހަމަޖައްސާފައިވާކަމަށެވެ.
މިކަންކަން އިމްތިޒާމްކުރުމުގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްއާއި އެޗްޕީއޭގެ އިރުޝާދުގެ ދަށުން ސްކޫލްތަކުން ޢަމަލުކުރަމުން އަންނަކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެެވެ.
މިއަދު އޯލެވެލް އަދި އެސްއެސްސީ އިމްތިހާންތައް ފަށާފައިވާއިރު، އެޑެކްސެލް އޭ ލެވެލް އިމްތިހާންވެސް މިހާރު ފެށިގެން ދަނީ ކުރިއަށެވެ. އެގޮތުން މިދިޔަ މަހުގެ26ގައި ފެށި އޭލެވެލް އިމްތިހާންވެސް މިމަހުގެ14 އާއި ހަމައަށް ކުރިއަށް ދާނެއެވެ.
ރާއްޖޭގައި އޭލެވެލް އަދި އޯލެވެލް އިމްތިހާޏް އޮންނަ ދުވަސްތައް ބަދަލުވެފައިމިވަނީ، ކޯވިޑާއި، ގުޅިގެން ދިރާސީ އަހަރުގެ ކިޔެވުންވެސް ބަދަލުކޮށްފައިވާތީއެވެ. އެގޮތުން މިއަހަރުން ފެށިގެން ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ އޯގަސްޓް މަހުން ފެށިގެންނެވެ. މިއީ ދާއިމީ ބަދަލެއްކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ