އިންޓަރނެޓްގެ އަގު ހެޔޮކުރުމަށް މަޝްވަރާތައް ކުރެއްވިނަމަވެސް، އަގުތައް އަދި ފައިނަލް ނުވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އިންޓަރނެޓްގެ އަގު ހެޔޮކުރުމަށް އޮޕަރޭޓާސްއާއި ސަރުކާރާ މަޝްވަރާކުރުމަށްފަހު ޖުލައި1 އިން ފެށިގެން އަގު ހެޔޮކުރާނެކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ފައްޔާޟް ވިދާޅުވީ، އިންޓަރނެޓްގެ އަގު ޤަބޫލުކުރެވޭ މިންވަރަކަށް ދަށްކުރުމަށާއި، އިންޓަރނެޓްގެ ޚިދުމަތް ދެމުން އަންނަ ފަރާތްތަކުގެ އިންވެސްޓްމަންޓްތަކަށް ޔަޤީންކަން ލިބޭނެގޮތަށް ބަދަލު ގެނައުމަށް މަޝްވަރާކުރެވޭތާ2 މަސް ދުވަސް ވެއްޖެކަމަށެވެ. އަދި އިންޓަރނެޓްގެ އަގަށް ހެޔޮ ބަދަލެއް އަންނާނެކަމަށާއި، ނަމަވެސް އަގު ފައިނަލް ނުވާކަމަށް ފައްޔާޟް ވިދާޅުވިއެވެ.
ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއާއި ވަގުތީ ގޮތުން ހަވާލުވެހުންނެވި ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު، އިންޓަރނެޓްގެ ޚިދުމަތް މިހާރު ފޯރުކޮށްދެމުން އަންނަ އޮޕަރޭޓަރުންނާއެކު ސަރުކާރުން ރޭ ބޭއްވި މަޝްވަރާތަކުގައި ޖުލައި މަހުގެ1 އިން ފެށިގެން އިންޓަރނެޓްގެ އަގު ހެޔޮކުރާނެކަމަށް ސަރުކާރުން ހާމަކޮށްފައިވާކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ސަރުކާރުން އަގުތަކެއް ހުށައެޅިކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
އެގޮތުން ސަރުކާރުގެ ހުށައެޅުމަކީ، 5 އެމްބީޕީއެސްގެ ސްޕީޑުގައި 200ރުފިޔާއަށް 30 ޖީބީ، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރުފިޔާއަށް އަށް 100 ޖީބީ، 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރުފިޔާއަށް 200 ޖީބީކަމަށްވެސް ބައެއް ފަތާތްތަކުން ވަނީ މަޢުލޫމާތު ދީފައެވެ.
The news circulating on media on internet price changes is not 100% accurate. We have been having dialogue witje tech industry users and providers over the last two months carrying on from previous discussions. Nothing has been finalized but meaningful changes will happen soon.
— Fayyaz Ismail (@faya_i) May 1, 2021
އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެެވެ. ނަމަވެސް އެ ވައުދު ނުފުއްދި އެތަށް ދުވަހެއް ފާއިތުވެގެންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ރާއްޖޭގައި އިންޓަރނެޓް އަގުހެޔޮ ކުރުމަށް ކުރެވުނު މަސައްކަތްތައް ހުއްޓުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުން ކަމުގައި ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވަނީ ވިދާޅުވެފައެވެ. އެގޮތުން އިންތަރނެޓް އަގުހެޔޮކުރުމަށް އެ މިނިސްޓްރީން ކުރަންޖެހޭ ކަންކަން 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނިންމާ ޕޮލިސީ އޮފީހަށް ފޮނުއްވެވިކަމަށް މަލީހު ވިދާޅުވެފައިވެއެވެ. މިސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން އިންޓަރނެޓްގެ އަގުހެޔިކުރުމަށް ވެފައިވާ ވައުދާއި އެއްގޮތަށް، އިންޓަރނެޓްގެ އަގު ހެޔޮ ކުރުމަށް ހުށަހެޅުމުންވެސް މިސަރުކާރުން އެކަން ނުކުރީ ވަޒީރަކަށް ހުރީ އެމްޑީޕީއަށް ނިސްބަތްވާ ވަޒީރަކަށް ނުވުމުންކަމުގައިވެސް މަލީހު ވިދާޅުވެފައިވެއެވެ.
އިންޓަރނެޓް ޕެކޭޖްތައް އަވަހަށް ހުސްވާކަމުގެ ޝަކުވާއަށް ހައްލުތަކެއް ހޯދުމަށް މިއަހަރު މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވެސް ވަނީ ވިދާޅުވެފައެވެ. މަބްރޫކް ވިދާޅުވީ، އިންޓަރނެޓް ޕެކޭޖްތައް އަވަހަށް ހުސްވުމާއި، ޕެކޭޖުގައި ފޯރުކޮށްދޭން ބުނާ ސްޕީޑަށްވުރެ އިންޓަރނެޓް ސްޕީޑް ލަސްކަމުގެ ޝަކުވާއަކީ އާއްމުންގެ ފަރާތުން ވަރަށް ގިނައިން ލިބޭ ޝަކުވާއެއްކަމަށެވެ. އެހެންކަމުން އިންޓަރނެޓް ތްރޮޓޮލްވުމުގެ މައްސަލަ ހައްލުކޮށް، ފެންވަރު ރަނގަޅު ޙިދުމަތެއް ފޯރުކޮށްދިނުމަށް މިއަހަރުގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއް ކުރައްވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ