ޕާޓާގެ އެގްޒެކެޓިވް ބޯޑަށް ޑރ.މައުސޫމް އިންތިޚާބުވެވަޑައިގެންފި

ޕާޓާގެ އެގްޒެކެޓިވް ބޯޑަށް ޑރ.މައުސޫމް އިންތިޚާބުވެވަޑައިގެންފި

Author
މުޙައްމަދު ޖިމީ
01 މެއި 2021 02:53
0

ޕެސިފިކު އޭޝިއާ ޓްރެވަލް އެސޯޝިއޭޝަން (ޕާޓާ)ގެ އެގްޒެކެޓިވް ބޯޑަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުސޫމް އިންތިޚާބު ވެވަޑައިގެންފިއެވެ. ޕާޓާގެ މެންބަރުންގެ މެދުގައި އޮންލައިންކޮށް ކުރިއަށްގެންދިޔަ ސިއްރު ވޯޓު ކާމިޔާބުކުރައްވައިގެން، ޑރ.މަޢުސޫމް އެގްޒެކެޓިވް ބޯޑަށް އިންތިޚާބު ކޮށްފައިވަނީ މިދިޔަމަހުގެ 29ވަނަ ދުވަހުން ފެށިގެން 2 އަހަރުގެ ދައުރަކަށެވެ.

ޕާޓާއަކީ ޓޫރިޒަމް އިންޑަސްޓްރީގެ އަމިއްލަ ފަރާތްތަކާއި ޤައުމުތަކުގެ ޓޫރިޒަމް އިދާރާތައް ބައިވެރިވާ، އޭޝިއާ ޕެސިފިކުގެ ފަތުރުވެރިކަން ދެމެހެއްޓެނިވިގޮތައް ކުރިއަރުވަން މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. ޕާޓާގެ ޕްރޮގްރާމްތައް ހިންގުމުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދޭ 32 ޗެޕްޓަރ ދުނިޔޭގެ ކަންކޮޅުތަކުގެ ހިމެނޭއިރު ޕާޓާ މޯލްޑިވްސް ޗެޕްޓަރގެ ޗެއަރ އަކީ ފަތުރުވެރިކަމުގެ ދާއިރާގައި އިސްދައުރެއް އަދާކުރައްވަމުން ގެންދަވާ، ޢަބްދުﷲ ޤިޔާސެވެ.

ޕާޓާގެ މިހާރުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ.މާރިއޯ ހާރޑީގެ ދައުރު މިމަހު ނިމުމުން ދެން ޕާޓާގެ ސިއީއޯއަކަށް ހަމަޖައްސަން ނިންމާފައިވާނީ ލިޒް އޯރޓިގިއުރާއެވެ. އެކަމަނާއަކީ 1951ވަނައަހަރު ޕާޓާ އުފެދުނީންސުރެ އެޖަމްޢިއްޔާއަށް އައްޔަން ކުރާ ފުރަތަމަ އަންހެން ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

ޕާޓާގެ އެގްޒެކްޓިވް ބޯރޑުގެ މިހާރު ޗެއަރއަކީ ސިންގަޕޫރުގެ އޭސިއާ ޗައިނާ ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ މރ.ސޫންވާ ވޮންގއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.