މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމަށް އައްޔަންކުރުމަށް ދެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާއަށް ޖުމްހޫރީ ޕާޓީން ފޮނުވައިފިއެވެ.
ޓެކްނޮލޮޖީ މިނިސްޓަރުގެ މަޤާމު ހުސްވެފައިވަނީ މިއަހަރުގެ މަރިޗް މަހުގެ ފުރަތަމަ ދުވަހު، އޭރުގެ މިނިސްޓަރަކަށް ހުންނެވި މުޙައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެންނެވެ. އޭގެ ފަހުން މިއަދަށް ދެމަސް ފާއިތުވީއިރުވެސް އެ މަޤާމަށް މިނިސްޓަރަކު އައްޔަންކުރައްވާފައެއްނުވެއެވެ. އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމަށް ހަވާލުކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލަށެވެ.
ޓެކްނޮލޮޖީ މިނިސްޓަރުކަމަށް އައްޔަންކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވަނީ ދެ ނަމެއް ރައީސް ޞާލިހަށް މިހާރު ފޮނުއްވާފައެވެ. ޖޭޕީގެ އޮފިޝަލަކު ވިދާޅުވީ، ޓެކްނޮލޮޖީ މިނިސްޓަރުގެ މަޤާމު އަދިވެސް އޮތީ ޖޭޕީއަށްކަމަށް ރައިސް ޔަޤީންކަން ދެއްވާފައިވާކަމަށެވެ.
ރައީސްގެ އެދިވަޑައިގަތުމަށް ޤާސިމް އިބްރާހީމް ދެނަމެއް ޓެކްނޮލޮޖީ މިނިސްޓަރަކަށް އައްޔަންކުރުމަށް މިހާރު ފޮނުވާފައިވާއިރު، އެއީ ސިޔާސީ ދާއިރާގައި ހަރަކަތްތެރިވާ ދެބޭފުޅުން ނޫންކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ. އެ ދެބޭފުޅުންނަކީ ޤާސިމްގެ ވިލާ ކޮލެޖުގައި އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
އަދި މި ރަމަޟާން މަސް ނިމުމުގެ ކުރިން އެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވާނެކަމަށްވެސް ޖޭޕީގެ އޮފިޝަލް ވިދާޅުވިއެވެ. ޓެކްނޮލޮޖީ މިނިސްޓަރުކަމަށް ޖޭޕީގެ ބޭފުޅަކު އައްޔަންކުރައްވާއިރު، މިވަގުތުވެސް ޖޭޕީގެ ތިން މިނިސްޓަރަކު ކެބިނެޓްގައި އެބަތިއްބެވިއެވެ. އެއީ ޓްނާސްޕޯޓް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޤާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއާއި، އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން އާއި، ޓޫރިޒަމް މިނިސްޓާރ ޑރ.ޢަބްދﷲ މައުސޫމްއެވެ.
މި ދަނޑިވަޅަކީ މި ސަރުކާރުގެ ކެބިނެޓަށް ބޮޑު ބަދަލެއް ގެނައުމަށް އުޅުއްވާ ދުވަސްވަރެއްކަމުގެ އަޑުވެސް ވަނީ ގަދަވެފައެވެ.
ކޮމެންޓު ފޮނުވާ