ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވިޔަސް، މިނިވަންކުރުމަށް ގޮވާލާ އަޑުތަކަށް ފަނޑުކަމެއް ނާންނާނެ: ހިސްޓޯ

ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވިޔަސް، މިނިވަންކުރުމަށް ގޮވާލާ އަޑުތަކަށް ފަނޑުކަމެއް ނާންނާނެ: ހިސްޓޯ

Author
މުޙައްމަދު ޖިމީ
30 އޭޕްރިލް 2021 09:19
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޭބަންދަށް ބަދަލުކުރުމަކީ އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާ އަޑު ފަނޑުވާނެކަމެއް ނޫންކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝިފާޤް މުފިދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.
ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފިޒްކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން، މާފުށީ ޖަލުން ގޭބަންދަށް ބަދަލުކޯށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ގެއަށް އެމަނިކުފާނު ބަދަލުކުރެއްވީ މާފުށީ ޖަލުގައި ކޯވިޑް ފެތުރޭތީކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ ބުނެފައެވެ. ނަމަވެސް އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާ އިދިކޮޅު ޕީޕީއެމް ޕީއެންސީން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ. އަދި ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރުމަށް ގޮވާލަމުން ދަނިކޮށް ގެއަށް ބަދަލުކުރީ، ޖަލުގައި ކޯވިޑް ފެތުރޭތީކަމަށް ސަރުކާރުން ހާމަކުރިނަމަވެސް، ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރުން އެކަންކުރީ ޕްރެޝަރާހެދިކަމަށް ބުނަމުންނެވެ.

ރައީސް ޔާމީން ސަރުކާރުގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝިފާޤް މުފީދު ވިދާޅުވީ، ގޭބަންދަށް ބަދަލުކުރުމަކީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވައިލާ އަޑުތަކަށް ފަނޑުކަމެއް އަންނާނެ ކަމެއްނޫންކަމަށެވެ.

ހިސްޓޯ މިނިހެން ވިދާޅުވެފައިވާއިރު، ޕީޕީއެމްގެ ނާއިބު ރައީސް އަދި ތ.ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫންވެސް ވިދާޅުވެފައިވަނީ، އެމަނިކުުފާނު މިނިވަންކޮށް 2023 ވަނަ އަހަރުގެ ވެރިކަމަށް ގެނައުމުގެ މަސައްކަތުގައި ވަރުބަލިކަމެއްނެތި ޕީޕީއެމް ސާބިތުވެ އޮންނާނެކަމަށެވެ.

ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރުމަށާއި، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ގިނަބަކު ވަނީ މާލޭގައި މިރޯދަމަހުވެސް މުޒާހަރާ ކޮށްފައެވެ. އަދި އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މުޒާހަރާ ހުއްޓާލާނީ ރައީސް ޔާމީން މިނިވަން ވުމަށް ފަހުގައިކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.