ހަނދާބެހޭ ގޮތުން ދިރާސާކުރުމަށް ޚާއްސަ ޖަޕާންގެ ކުންފުނި، އައިސްޕޭސްއާއި ގުޅިގެން ޔޫއެއީން ހަނދަށް އުޅަދެއް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް އައިސްޕޭސް ކުންފުނިން ބުދަ ދުވަހު ހާމަ ކޮށްފިއެވެ.
ޔޫއޭއީން ގެންދަނީ، އެގައުމުގެ އިގްތިސާދު ފުޅާ ކުރުމުގެ ގޮތުން، ޖައްވީ ދިރާސާކުރުމުގެ ގާބިލްކަން އިތުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.
މިގޮތުން، ޔޫއޭއީން އެގައުމުގެ ޖައްވީ ޕްރޮގްރާމް ބޭނުންކޮށްގންެ، ޓެކްނޮލޮޖީއާއި އަދި ސައިންގެ ދާއިރާއިން ގާބިލްކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންދަނީ، އެގައުމުގެ އިގްތިސާދު ތެލަށް ބަރޯސާވެފަ އޮންނަ އޮތުން ކުޑަކުރުމުގެ ގޮތުންނެވެ.
އަރަބި ބައްރުން، ޖައްވަށް އެންމެ ފުރަތަމަ އުޅަދެއް ފޮނުވާފައިވާ ގަލްފުގެ ގައުމު ކަމުގައވާި ޔޫއޭއީން ފޮނުވި ޖައްވީ އުޅަދު ވަނީ މިއަހަރުގެ ފެބްރުއަރީމަހު، ޖައްވީ ޕްލެނެޓް މާރސްގެ އޯބިޓަށް ވަދެފައެވެ. އަދި މިއުޅަދުން މިހާރު ގެންދަނީ، މާސްގެ ޖައްވުގެ މައުލޫމާއި އަދި މޫސުމީ އެތަކެއް މައުލޫމާތެއްވެސް ބިމަށް ފޮނުވަމުންނެވެ.
2022 ގައި ޖައްވަށް ފޮނުވުމަށް ހަމަޖެހިފައިވާ އުޅަދު "ރާޝިދު ލޫނާ ރޯވަރ" އުފެއްދުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސްގައެވެ. ޔޫއޭއީން އެންމެ ފުރަތަމަ އަމާޒު ހިފާފައިވަނީ މިއުޅަދު 2024ގައި ޖައްވަށް ފޮނުވާލުމަށެވެ.
2010 ވަނަ އަހަރު އުފައްދާފައިވާ، ޖަޕާން އައިސްޕޭސް ކުންފުނީގެ މަގުސަދަކީ، ހަނދަށް ދަތުރުކުރުމުގެ ފުރުސަތު ވިޔަފާރީގެ އުސޫލުން ފަހި ކޮށްދިނުމެވެ. އަދި މުސްތަގުބަލުގައި ހަނދަށް ދަތުރުމުގެ މަޝްރޫޢު ފުޅާކޮށް، ހަނދަކީ ދުނިޔޭގެ އިގްތިސާދުގެ ބައެއްގެ ގޮތުގައި ހިމެނިގެން ދިއުމަކީ މި ކުންފުނީގެ މަގުސަދެކެވެ.
2022ގައި ހަނދަށް ފޮވުމަށް ހަމަޖެހިފައިވާ މި އުޅަދަކީ، އައިސްޕޭންއިން ކުރިަޔށް ގެންދާ މިބާވަތުގެ ފުރަތަމަ މިޝަންއެވެ. އަދި މި މިޝަންގައި، މި އުޅަދު ޖައްވަށް ފޮނުވާލުމަށް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ، އެމެރިކާގެ އެލޮން މަސްކުގެ ސްޕޭސް އެކްސްގެ ފެލްކަން 9 ރޮކެޓްއެވެ. މި ރޮކެޓް އުދުއްސާލުމަށް ހަމަޖެހިފައިވަނީ، އެމެރިކާގެ ފްލޮރިޑާއިންނެވެ.
މި އުޅަދު (ރާޝިދު ލޫނާ ރޯވަރ) އުފެއްދުމަށް ހަމަޖެހިފައިވަނީ، ދުބާއިގައި ހުންނަ މުހައްމަދު ބިން ރާޝިދު ސްޕޭސް (MBRSC) ސެންޓަރުގައެވެ. އެމިރޭޓްސްގެ ލޫނާ މިޝަންގެ މެނޭޖަރ ހަމަދު އަލް-މަރުޒޫގީ ވިދާޅުވަފައި މި އުޅަދު ހަދަށް ދަތުރު ކުރުމަށްފަހު، ހަދުން ނަގަންޖެހޭ މައުލޫމާތު ނެގުމަށްފަހު، މިއުޅަދު އޮންނާނީ ހަނދުގައި ކަމަށެވެ.
ސެޕޭސްއެކްސް ގެ ރޮކެޓުން އަދާ ކުރާނެ ދައުރަކީ، އައިސްޕޭސްގެ ލޭންޑަރ ހަނދުގެ އޯބިޓާއި ހަމައަށް ގެންގޮސް ދިނުމެވެ. އައިސްޕޭސްގެ ފައުންޑަރ ޓަކެޝި ހަކަމަޑާ ވިދާޅުވި ގޮތުގައި، ސްޕޭންސްއެކްސް ރޮކެޓުން އައިސްޕޭސްގެ ލޭންޑަރ ހަނދުގެ އޯބިޓާއި ހަމައަށް ގެންދިއުމަށްފަހު، ލޭންޑާ އޭގެ ޒާތުގައި އަމިއްލައަށް ހަދުގެ ބިމާއި ހަމައަށް ދަތުރު ކުރާނެ ކަމުގައެވެ. އަދި ލޭންޑަރ ހަދުގެ ބިމަށް ތިރިކުރުމަށްފަހު، ޖައްވީ އުޅަދު ލޭންޑަރއިން އަމިއްލައަށް ހަނދަށް ދަތުރު ކުރާނެއެވެ.
އައިސްޕޭސްގެ ލޭންޑަރއިން، ޖަޕާނުގެ NGK ސްޕާކް ޕްލަގް ކުންފުނިން އުފައްދާފައިވާ ބެޓަރިއެއް، ހަނދުގައި ތަހުލީލު ކުރުމަށްޓަކާ ހަނދަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޔޫއޭއީން ހަދަށް އުޅަދެއް ފޮނުވުމަށް މިކުރަމުންދާ މަސައްކަތަކީ، އެގައުމުން 2117 ވަނަ އަހަރު ހަދުގައި ފައިތިލަ ސާބިތު ކުރުމަށް އެކުލަވާލާފައިވާ މިޝަންއަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ބައެކެވެ.
ޔޫއޭއީން އެގައުމުގެ އަމިއްލަ ގާބިލްކަން އިތުރު ކުރުމަށްޓަކާ، ގައުމީ ސްޕޭސް ޕްރޮގްރާމް އިފްތިތާހު ކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. އަދި 2019 ވަނަ އަހަރުވަނީ، އެގައުމުން އެންމެ ފުރަތަަމަ ޖައްވަށް ދަތުރުކުރި ހައްޒާ އަލް-މަންސޫރީ ޖައްވީ ސްޓޭޝަނަށް ފޮނުވާފައެވެ. އަދި ޔޫއޭއިން މިޙާރު ގެންދަނީ، އެސްޓްރޮނޯޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދެވުނު ފުރަތަމަ އަންހެން މީހާ ތަމްރީނު ކުރަން ފަށާފައެވެ.