ބޭރުގެ ނުފޫޒުފަދަ ޤައުމުތަކުގެ އަތްދަށަށް ރާއްޖެ ދިޔަނުދީ ހިފެހެއްޓިފައިވަނީ ރައީސް ޔާމީންގެ ސާބިތު މަސައްކަތްތަކުގެ ސަބަބުން ކަމުގައި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ 2012 ވަނަ އަހަރު އޭރުގެ ރައީސް މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު ހިނގައިދިޔަ ކަންތައްތަކަކީ ދިވެހި ތާރީހު ދެކެފައިވާ ނުރައްކާތެރި ދުވަސްތަކެއް ކަމަށެވެ. ރާއްޖޭގެ ބައެއް ފަރާތްތަކާއި ގުޅިގެން ބޭރުންގެ ބާރުގަދަ ނުފޫޒުގަދަ ފަރާތްތަކުން ރާއްޖެއަށް އަތްގަދަ ކުރުމަށް އެދުވަސްވަރު ކެނޑިނޭޅި މަަސައްކަތް ކުރެވެމުންދިޔަ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
ނަމަވެސް އެދުވަހު އެކަންކަން ހުއްޓުވުމަށް ދިވެހިންގެ ތެރެއިން އެތައް ބަޔަކު ކުރެއްވި މަސައްކަތުން އެކަން ކާމިޔާބްވެފައި ނުވާކަމަށެވެ. ވަކިން ޚާއްސަކޮށް 2013 ގެ އިންތިޚާބަށް ނުފޫޒު ފޯރުވައި ބޭރުގެ ބާރުތަކުން އަތްގަދަ ކުރުމަށްވެސް މަސައްކަތް ކުރިކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. ނަމަވެސް އެކަން ހުއްޓުވައި ވެރިކަމަށް ވަޑައިގެން އެފަދަ ނުފޫޒުގަދަ ފަރާތްތަކުގެ ކިބައިން މިޤައުމު ސަލާމަތް ކޮށްދެއްވީ ރައީސް ޔާމީންގެ މިނެތް މަސައްކަތުންކަމަށް ޑރ.ވަހީދު ވަހީދު ވިދާޅުވިއެެވެ.
އަޅުގަނޑުމެންނަށް އެގޭ ބޭރުގެ ބައެއް ޤައުމުތަކުން ރައީސް ޔާމީނަށް ވަރަށް ނަފްރަތުކުރާކަން. އެކަން އެގޮތަށްވަނީ އެމަނިކުފާނު މިޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ނެގެހެއްޓުމަށް ކުރެއްވި މަސައްކަތުން. މިއަދު ރާއްޖޭގެ ޤައުމިއްޔަތާއި، މިނިވަންކަން ދެމެހެއްޓިފައިވަނީ އެމަނިކުފާނު ދެއްކެވި ސާބިތުކަމުގެ ސަބަބުން.
– ރައީސް ވަހީދު
ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގެ މިނިވަކަން ހިފަހައްޓައި ޤައުމުގެ އިސްތިޤުލާލު ހިފެހެއްޓެވި ވެރިކަޔަކު ޖަލުގައި ނުހައްގުން އަނިޔާ ދިނުމަކީ މިޤައުމަށް ދެވޭ އަނިޔާއެއްކަމަށެވެ. އަދި މިހާރުން މިހާރަށް އެމަނިކުފާނު މިނިވަަންކޮށް ރާއްޖޭގެ މިނިވަކުރުމަށް ރައީސް ވަހީދުވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި އެމަނިކުފާނު މިނިވަންކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގައި ފަސްނުޖެހޭނެކަމަށް މިރޭވެސް ރައީސް ވަހީދުވަނީ ވިދާޅުވެފައެވެ.
ޤައުމީ ދުވަހު ހުރިހާ ރައްޔިތުންވެސް އަޒުމް އާކުރަންވީ މިޤައުމުގެ މިނިވަންކަން ބީވެގެން ނުދާނެހެން ތާއަބަދަށް ޤައުމުގެ މިނިވަންކަން ހިފެހެއްޓުމަށްޓަކައި މީގެ ކުރިންވެސް ކުރެއްވި މަސައްކަތްކޮށް ގެއްލިގެންދާ މިނިވަންކަން ހިފެއްޓުމަށް ކަމުގައި ރައީސް ވަހީދު ވިދާޅުވިއެވެ.