ޑާކްރެއިންގެ "ދައުވަތު" ދެކުނިންތަ، ޔޫޓިއުބުން ބަލާލެވޭނެ

ޑާކްރެއިންގެ "ދައުވަތު" ދެކުނިންތަ، ޔޫޓިއުބުން ބަލާލެވޭނެ

ގުޅުންހުރި

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފިލްމް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޑާކްރެއިން އިން ޔޫޓިއުބް މެދުވެރިކޮށް ނެރޭ ކުރުފިލްމު ސިލްސިލާގެ ފުރަތަމަ ފިލްމް "ދައުވަތު" ޔޫޓިއުބްގައި ރިލީޒް ކޮށްފިއެވެ.

"ޑާކްރެއިންޝޯޓްސް"ގެ ނަމުގައި ގެނެސްދޭ މި ސީރީސް އިން ފުރަތަމަ ރިލީޒްކުރި "ދައުވަތު" ލިޔެ ޑައިރެކްޓް ކޮށްފައިވަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. މި ކުރު ފިލްމަކީ ސަސްޕެންސް ގިނަ، ބެލުންތެރިން ޝައުޤުވެރިވާފަދަ ޓްވިސްޓްތަކުން ފުރިގެންވާ ކުރުފިލްމެކެވެ. ގާތްގަނޑަކަށް 12 މިނެޓާއި 30 ސިކުންތުގެ މި ފިލްމަކީ ތްރިލާއަށް ޝައުޤުވެރިވާ މީހުންނަށް ވަރަށް ކަމުދާނެ ފިލްމެއްކަމަށް ޑާކްރެއިން އިން ބުނެއެވެ.

މިއީ ކޯވިޑް-19ގެ މި ޙާލަތުގައި ފަންނާނުންނަށް ކޮންމެވެސް ވަރެއްގެ ސަޕޯޓެއް ދިނުމުގެ ގޮތުން ކުރަންފެށި މަސައްކަތެއް ކަމަށް ޑާކްރެއިން އިން ބުނެއެވެ. އަދި މިއީ އާއިލާއާއެކު ގޭގައި ގިނަ ވަގުތު ހޭދަކުރަންޖެހިފައިވާ މި ދަނޑިވަޅުގައި ފޫހި ފިލުވާލަން އާއިލާއާ އެކު ބަލާލަން ރަނގަޅު ސީރީސްއަކަށް ވާނެ ކަމަށްވެސް ޑާކްރެއިން އިން ބުނެއެވެ. "ޑާކްރެއިންޝޯޓްސް"ގެ ފިލްމުތައް ރިލީސް ކުރުމަށް ހަމަޖެހިފައިވަނީ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ޔޫޓިއުބް ޗެނަލުގައެވެ.

“ދައުވަތު”ގެ ކާސްޓުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ، އަހްމަދު ސުނީ އާއި އަލަށް ތައާރަފްވާ ޒުވާން ބަޠަލާ މަރިޔަމް ޝިފާ އާއި ބަޠަލު ހޫދު އިބްރާހިމެވެ. ޝިފާ އަކީ ޓީވީ ޕްރެންޓަރެއްގެ ގޮތުގައި އާއްމުންގެ ތެރޭގައި މަޝްހޫރު ފަންނާނެކެވެ.

ޝިފާ އަކީ މުހައްމަދު ނިޔާޒް (ޓެޑްރީ) ގެނެސްދޭން ތައްޔާރުވަމުން އަންނަ ފިލްމު “ލަސްވިޔަސް” އިން ފެންނާނެ ތަރިއެކެވެ. އެ ފިލްމު ވެގެންދާނީ އޭނާގެ ފުރަތަމަ ފީޗަރ ފިލްމަށެވެ.

"ޝޯޓްސް"ގެ ނަމުގައި ޑާކްރެއިންއިން ކުރިއަށްވެސް ގިނަ ފިލްމްތަކެއް ގެނެސްދޭން ރާވާފައިވާއިރު، ދެން އެންމެ އަވަހަށް ފެނިގެންދާނީ، މި މަހުގެ 14 ގައި ރިލީޒްކުރާ ކުރުފިލްމް “އަނގުރު” އެވެ. މި ފިލްމްގެ ޕޯސްޓަރުވެސް މިހާރު ވަނީ ދައްކާލާފައެވެ. މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ ކާމިޔާބު އެކްޓަރު ރޯނު ހަސަން މަނިކާއި، ބައިސްކޯފުން ގެނެސްދިން "އެހެނަސް" ސީރީސް އިން ފެނިގެންދިޔަ އެކްޓްރެސް ޝިލްނާ ނަދީހްއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *