މިސަރުކާރުން މުއައްސަސާތަކަށް ނުފޫޒު ފޯރުވައި، ބިރެއް ނުދައްކާ: ރޮޒޭނާ

މިސަރުކާރުން މުއައްސަސާތަކަށް ނުފޫޒު ފޯރުވައި، ބިރެއް ނުދައްކާ: ރޮޒޭނާ

Author
މުޙައްމަދު ޝަޒައިމް
28 މާރޗް 2021 09:05
0

މިސަރުކާރުން މުއައްސަސާތަކަށް ނުފޫޒު ފޯރުވައިގެން ކަންކަން ކުރުމަށް މަސައްކަތް ކުރާރަން ނުފެންނަ ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަނީ މުއައްސަސާތަކަށް އެއްބާރުލުންދީގެން ކަންކަން ކުރުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މުއައްސަސާތަކުންކުރާ އެންމެހާ މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަޤިއްލުކަމާއި އެކު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައި ރޭ ރައީސް އޮފީހުން ނެރުނު ބަޔާނާއި ހަވާލާދީ ރޮޒޭނާ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްމުންދަނީ ޤާނޫނު އަސާސީން މިނިވަން މުއައްސަސާތަކަށް ދީފައިވާ ބާރުތަކާއިއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވުމަށްކަމަށެވެ.

ސަރުކާރުން މިނިވަން މުއައްސަސާތަކަސް ނުފޫޒު ފޯރުވައިގެން ކަންކަން ކުރާކަމަށް ތުހުމަތު ކުރައްވާ ފަރާތްތަކުން، އެފަދަ ކަމެއް ސަރުކާރުން ކުރާނަމަ އެކަމެއް ސާބިރުކޮށްދެއްވަން ޖެހޭކަމަށް ރޮޒޭނާ ވިދާޅުވިއެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިނިވަން މުއައްސަސާތަކަށްވެސް އެއްބާރުލުންދީ މިނިވަންކަމާއިއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދެއްވަން މަސައްކަތް ކުރާތަންކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

ސަރުކާރުން މުއައްސަސާތަކަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުކުރާއިރު، މި ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ބުނެދީ ސާބިތުކޮށް ދިނުން މުހިންމު. އަޅުގަނޑަށް ފެންނަތާ ސަރުކާރުން އަބަދުވެސް މުއައްސަސާތަކަށް އެއްބާރުލުން އެބަދޭ. ބިރެއް ނުދައްކާ.

– ރޮޒޭނާ ވިދާޅުވިއެވެ.

ސާބިތުކުރުމަށް ބޭނުންވާ ހެކިނެތިގެން ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރުމަށް ނިންމުމާއި ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވައްކަންކުރާ ސަރުކާރަކާއެކު އެމްޑީޕީ އޮންނަން ނޭދޭކަމަށް ވިދާޅުވެ މިސަރުކަރަށް ފަޑުވިދާޅުވެފައެވެ. މި މައްސަލާގައި ރައީސް ނަޝީދު ވަނީ ޕްރޮސެކިއުޓާރ ޖެނރަލް ޙުސައިން ޝަމީމް މަޤާމުން އިސްތިއުފާ ދެއްވުމަށްވެސް ގޮވާލައްވާފައެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައާއި ގުޅިގެން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، ކޯވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް ހޯދުމަށް ބޭނުންވާކަމަށް ޞިއްޙީ މާހިރުން ލަފާދެއްވި ވެންޓިލޭޓަރތައް އަވަހަށް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ހިންގި މުޢާމަލާތްތަކާއި ގުޅޭގޮތުން “ކޯވިޑް-19 އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް- މިނިސްޓްރީ އޮފް ހެލްތް” ގެ ނަމުގައި އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓް ގައި ބައެއް ކަންކަން ފާހަގަ ކުރައްވާފައިވާތީ، އެ މުޢާމަލާތްތަކުގައި ކޮރަޕްޝަންގެ ޢަމަލެއް ނުވަތަ އެއްވެސް ފަރާތަކަށް ނާޖާއިޒް ފައިދާއެއް ލިބޭގޮތަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ސަރުކާރުން އިސްވެ ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށާއި، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤު ކުރުމަށް އަންގާފަކަމަށެވެ.

އެގޮތުން، މި މައްސަލައާ ގުޅިގެން، ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވޭތޯ ބެއްލެވީ، ޤާނޫނު އަސާސީއިން އެކަން މަތިކޮށްފައިވާ މުސްތަޤިއްލު ކޮމިޝަން، “އެންޓި-ކޮރަޕްޝަން ކޮމިޝަން” އިން ކަމަށާއި، އެ މުއައްސަސާއިން ކުރެއްވި ތަޙްޤީޤަށް ބޭނުންވި އެންމެހައި މަޢުލޫމާތުތަކާއި، ފުރިހަމަ އެއްބާރުލުން އެ ކޮމިޝަނަށް ސަރުކާރުން ވާނީ ދީފައިވާކަމަށް ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ. އަދި އެ ތަޙްޤީޤް ހިނގަމުން ދިޔައިރު، ވީހާވެސް އިންސާފުވެރިކަމާއި އެކު މައްސަލަ ތަޙްޤީޤް ކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން އެ މައްސަލައިގައި ތުހުމަތު ކުރެވުނު ސަރުކާރުގެ އެންމެހައި މުވައްޒަފުން، ތަޙްޤީޤް ނިމެންދެން މަސައްކަތުން އެކަހެރި ކުރެވުނުކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ދިވެހި ދައުލަތާ ރައްޔިތުންގެ ޙައްޤުތައް ނަގަހައްޓައި އެ ޙައްޤުތައް ކަށަވަރު ކުރުމުގައި، ކަމާބެހޭ މުއައްސަސާތަކުން ކުރާ އެންމެހާ މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަޤިއްލުކަމާއި އެކު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާކަމަށްވެސް ރައީސް އޮފީހުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުދުހުދު
ބުނެވިދާނެ ގޮބޮޅިއަށް ކޮފުރާއޭ ވެސް..ދިވެހިން މޮޔަބަޔަކަށް ހަދަން ހިތަށްވެސް ނާރުވާތި.
އ އައިސް
އަންނި އޭ އެ ކިޔަނީ ސަރުކާރު ވައްކަން ކުރެއޭ..ދެން ކޮން މޮޔައެއް ގޮވަން..