ކުރިއަށް ކައުންސިލް އިންތިޚާބުގައި އޭޕްރީލް މަހުގެ 10 ވަނަ ދުވަހާއި ހަމައަށް 18 އަހަރުފުރޭ ހުރިހާ ދިވެހި ރައްޔިތުންނަށް ވޯޓުލެވޭނެ ކަމުގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ މޭޔަރުގެ މަޤާމަށް މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އަލްހާން ފަހުމީ ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. އަލްހާން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ 18 އަހަރު ފުރޭ ކުދިންނަށް ވޯޓު ލުމުގެ ފުރުސަތު ނުދެނީ އެމްޑީޕީގެ ފަލްސަފާ އެކުދިންނަށް ރަނގަޅަށް އެނގޭނެތީކަމަށެވެ. އަދި މިކަން ސިސްޓަމް ހިސޯރުކޮށްގެން ތިއްބެވި ބޭފުޅުންނަށް އެގޭނެކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.
އަލަށް 18 އަހަރު ފުރޭ ކުދިންނަށްވެސް ކެހިވެރި ފަތިސް ރަނގަޅަށް އެނގޭނެ. އެހެންވެ، އެމީހުންނަށް މިހާރު ވޯޓުލުމުގެ ފުރުސަތު ދީފިނަމަ ޗިޗަންޑާ19 އަށް ނޫނެކޭ ބުނާނެކަން، ސިސްޓަމް ހައިޖެކް ކޮށްގެން ތިބި މީހުންނަށް އެނގޭ.
– އަލްހާން ވިދާޅުވިއެވެ.
އަލްހާންގެ ވާހަތަކާއި ގުޅިގެން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބު ބާއްވާ ދުވަހަށް 18 އަހަރު ފުރޭ ކޮންމެ ދިވެހި ރައްޔިތަކަށް ވޯޓު ލެވޭނެކަން ކަށަވަރު ކުރާނެކަމަށެވެ.
10 އޭޕްރީލް އަށް 18 އަހަރު ފުރޭ އަދި ފުރިފައިވާ ދިވެހި ހުރިހާ ރައްޔިތުންނަށް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލެވޭނެ، އެކަން އިލެކްޝަން ކޮމިޝަނުން ކަށަވަރު ކޮށްދެން.
– ޝަރީފް ވިދާޅުވިއެވެ.
އިންތިޚާބާއި ގުޅޭގޮތުން ޤާނޫނީ ދުވާލުތަކެއް މިއަދު އުފެއްދެވީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީއެވެ. ޑރ.ދީދީ ވިދާޅުވެފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ޞިއްޚަތުގެ ކުއްލި ނުރައްކަލާއިއެކު ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އެތަކެއް ހައްގުތަކެއް ނިގުޅައި ގެނަވިފައިވާކަމަށެވެ. މިހާލަތުގައި ކައުންސިލް އިންތިޚާބު ބާއްވާއިރު، ޤާނޫނު އަސާސީން ލިބިދޭ ހައްގުތައް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށާއި، ޕާޓީތަކަށާއި، އަދި ވޯޓުލުމަށް ޤާނޫނު އަަސާސީން ކަށަވަރުކޮށްދޭ ހައްގުތައްވެސް، ކަށަވަރުކޮށްދޭން ޖެހޭކަމަށް ޑރ.އަބްދުﷲ ދީދީ ވިދާޅުވިއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޞިއްޚީ ކުއްލި ހާލަތާއިއެކު ލޯކަލް ކައުންސިލް އިންތިޚާބު 1 އަހަރުގެ މުއްދަތަށް ލަސްކުރުމަށް ފާސްކުރެވުނު ޢައިރު ދުސްތޫރީ ވަޤުތީ ޤާނޫނުން އިންތިޚާބު ފަސްކުރެވުނު މުއްދަތުގެ ތެރޭގައި18 އަހަރު ފުރި ވޯޓު ލުމުގެ ހައްގު ލިބިދޭ މީހުންނަށް އެހައްގު ވަނީ ނުގުޅައިގެންފައިކަމަށެވެ. މިއީ ޤާނޫނީ ގޮތުން ބޮޑެތި ސުވާލު އުފެދޭ ޤާނޫނު އަސާސީއާއި ކަނޑައެޅިގެން ތަޢާރަޒުވާ ކަންކަމަށް ވާއިރު މިހާލަތުގައި ބޭއްވޭ އިންތިޚާބެއް ސައްޚަވާނެ ގޮތެއް ނޯންނާނެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ