ޅ.ނައިފަރާއި، ފެލިވަރުގައި ކޯވިޑް-19 ގެ ހާލަތު ގޯސްވެ، ގިނަ ބަޔަކު ޕޮޒިޓިވްވަމުންދާތީ ސަރުކާރުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސަރުކާރަށް ގޮވާލައްވައިފިއެވެ.
ނައިފަރާއި، އަދި ޖެހިގެން އޮތް މަސްވެރިކަމުގެ ސިނާއަތުގެ އުރުތުގެ މައިހަބު ކަމުގައިވާ ފެލިވަރުގައި ކޯވިޑްގެ ކޭސްތައް އިތުރުވެ ރައްޔިތުން ތިބީ ބޮޑު ބިރުވެރި ކަމެއްގެ ތެރޭގައެވެ. ނައިފަރުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ޚަބަރު އޮންލައިންނަށް މައުލޫމާތު ދެއްވަމުން އެދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ނައިފަރުގެ ރައްޔިތުންނާއި، އަދި ފެލިވަރުގައި ދިރިއުޅޭ ރައްޔިތުންގެ މިވަގުތު ހާލަތައިމެދު ނުހަނު ކަންބޮޑުވާކަމަށެވެ.
އެންމެބޮޑު ކަންބޮޑުވުމަކީ މިކަމުގައި އެންމެ ބޮޑު ޚިދުމަތެއް ދޭންތިއްބެވި ޞިއްޚީ ޚިދުމަތްތެރިންގެ ތެރެއިން ދެބައި ކޮށްފަ އެއްބައި މީހުން ކަރަންޓީންވާން ޖެހުމާއި، ފުލުހުންގެ ތެރެއިންވެސް ގިނަ ބަޔަކު ކަރަންޓީން ވާން ޖެހުންކަމަށް ޝިޔާމް ވިދާޅުވިއެވެ. ނައިފަރުގަިއވެސް އަދި ފެލިވަރުގައިވެސް ހުމާއި ރޯގާ އިންތިހާއަށް އޮތްއިރު، މިކަމަށް ވަރަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ޝިޔާމް ވަނީ ސަރުކާރަށް ދަންނަވާފައެވެ.
އަދި މާލެ އިން ޓީމެއް ގޮސްގެން ނަމަވެސް ރަށުގެ ޞިއްޚީ ހާލަތަށް އެހީތެރިވެދެއްވަން ޖެހޭކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރުވެސް އެކި ވުޒާރާތަކާއި، ސަރުކާރުގެ ކަމާއި ގުޅުންހުރި ބޭބޭފުޅުންނަށް ގުޅައިގެން މިކަމަށް އަވަސް ހައްލެއް ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުންދާކަމަށެވެ.
ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމްވެސް ހުންނެވީ ކޯވިޑަށް ޕޮޒިޓިވްވެ، ކަރަންޓީނުގައެވެ. ނަމަވެސް ގޭގައި ހުންނަވައިގެންވެސް ކުރެވެން އޮތް ކަމެއް ކުރެވެން އޮތް މިންވަރަކަށް ކުރައްވަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އުންމީދަކީ ސަރުކާރުން ނައިފަރާއި، ފެލިވަރުގެ ހާލަތު ގާތުން ބައްލަވައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުން ކަމަށެވެ.
ކޯވިޑްގައި ނައިފަރާއި ފެލިވަރުން ޕޮޒިޓިވްވާ މީހުންގެ އަދަދުވަނީ މިއަދު ޕޮޒިޓިވްވި މީހުންނާއިއެކު އިތުރު ވެފައެވެ. އެދެރަށުން މިހާތަނަށް 70 އަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
ކޮމެންޓު ފޮނުވާ