ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެތަކެއް ހައްގުތަކަކާއި، އިންތިޚާބުތަކާއި ބެހޭ ޤާނޫނުން ކަށަވަރުކުރާ އެތަކެއް ހައްގެއް ނިގުޅައިގަތުމަށްފަހު ބާއްވާ އިންތިޚާބެއް ދުސްތޫރީގޮތުން ޞައްޙަ ނުވާނެކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 10 ވަނަ ދުވަހު ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ޞިއްޚަތުގެ ކުއްލި ނުރައްކަލާއިއެކު ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އެތަކެއް ހައްގުތަކެއް ނިގުޅައި ގެނަވިފައިވާކަމަށެވެ. މިހާލަތުގައި ކައުންސިލް އިންތިޚާބު ބާއްވާއިރު، ޤާނޫނު އަސާސީން ލިބިދޭ ހައްގުތައް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށާއި، ޕާޓީތަކަށާއި، އަދި ވޯޓުލުމަށް ޤާނޫނު އަަސާސީން ކަށަވަރުކޮށްދޭ ހައްގުތައްވެސް، ކަށަވަރުކޮށްދޭން ޖެހޭކަމަށް ޑރ.އަބްދުﷲ ދީދީ ވިދާޅުވިއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޞިއްޚީ ކުއްލި ހާލަތާއިއެކު ލޯކަލް ކައުންސިލް އިންތިޚާބު 1 އަހަރުގެ މުއްދަތަށް ލަސްކުރުމަށް ފާސްކުރެވުނު ޢައިރު ދުސްތޫރީ ވަޤުތީ ޤާނޫނުން އިންތިޚާބު ފަސްކުރެވުނު މުއްދަތުގެ ތެރޭގައި18 އަހަރު ފުރި ވޯޓު ލުމުގެ ހައްގު ލިބިދޭ މީހުންނަށް އެހައްގު ވަނީ ނުގުޅައިގެންފައިކަމަށެވެ. މިއީ ޤާނޫނީ ގޮތުން ބޮޑެތި ސުވާލު އުފެދޭ ޤާނޫނު އަސާސީއާއި ކަނޑައެޅިގެން ތަޢާރަޒުވާ ކަންކަމަށް ވާއިރު މިހާލަތުގައި ބޭއްވޭ އިންތިޚާބެއް ސައްޚަވާނެ ގޮތެއް ނޯންނާނެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބުނާ، ވޯޓުދިނުމާއި އިންތިޚާބުތަކުގައި ވާދަކުރުމުގެ ޙައްޤު އެތައް ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަނެގެން ބާއްވާ އެއްވެސް އިންތިޚާބެއް ދުސްތޫރީގޮތުން ޞައްޙައެއް ނުވާނެ! ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތަށް ރިޢާޔަތް ކޮށް ލޯކަލް ކައުންސިލް އިންތިޚާބު 1 އަހަރުގެ މުއްދަތަށް ލަސްކުރުމަށް ފާސްކުރެވުނު ޢައިރު ދުސްތޫރީ ވަޤުތީ ޤާނޫނުން އިންތިޚާބު ފަސްކުރެވުނު މުއްދަތުގެ ތެރޭގައި ޢުމުރުން 18 އަހަރު ފުރޭ ރައްޔިތުންނަށް ޤާނޫނު އަސާސީގެ 26 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ޙައްޤު ވަނީ ނިގުޅައިގެންފަ.
– ޑރ.އަބްދުﷲ ދީދީ ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާއިރު ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ހަމަހަމަ ކަމާއިއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ނެތްކަމަށް ހުރިހާ ސިޔާސީ ޕާޓީތަކަކުންވެސް ދަނީ ބުނަމުންނެވެ. އިންތިޚާބު މިހާލަތުގައި ބާއްވާއިރު، ކޯވިޑް-19 އާއި ގުޅިގެން މިހާރުވެސް ބައެއް ރަށްތަކަށް ވަނީ އަރާފޭބުން މަނާކޮށްފައެވެ. އަދި އެރަށްތަކުގައި އެއްވެސް ވަރަކަށް ގެއިން ބޭރަށްނިކުމެ ސިޔާސީ ހަރަކާތް ހިންގުމަށްވެސް ވަނީ މަނާކޮށްފައެވެ.
ކައުންސިލް އިންތިޚާބާއި ގުޅިގެން ޤާނޫނީ ގޮތުން އުފެދިފައިވާ ބޮޑެތި ކަންބޮޑުވުންތަކާއިއެކު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ކޯޓަށްވެސް ދާން ނިންމާފައެވެ. ކޯވިޑާއި ގުޅިގެން އިލެކްޝަން ކޮމިޝަނުންވެސް ބުނެފައިވަނީ މިހާލަތަކީ އިންތިޚާބު ބޭއްވުމަށް އެންމެ އެކަށޭނެ ހާލަތެއް ނޫންކަމަށެވެ.
ކޮމެންޓު ފޮނުވާ