ކޮމިޝަނަށް ދެ އަހަރު، ދައުވާކުރުމަށް އަދި ފޮނުވުނީ 2 މައްސަލަ: އައްސަދު

ކޮމިޝަނަށް ދެ އަހަރު، ދައުވާކުރުމަށް އަދި ފޮނުވުނީ 2 މައްސަލަ: އައްސަދު

Author
މުޙައްމަދު ޝަޒައިމް
26 މާރޗް 2021 08:19
0

އެމްއެމްޕީއާރްސީގެ ޚާއްސަ އޮޑިޓް ރިޕޯޓުތަކާއި ގުޅޭގޮތުން މިހާތަނަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ތަހްގީގުކުރި މައްސަލަތަކުގެ ތެރެއިން ދައުވާ ކުރަން ފޮނުވުނީ އެންމެ ދެ މައްސަލައިގައި ކަމަށް އެކޮމިޝަންގެ ރައީސް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ޚާއްސަ އޮޑިޓް ރިޕޯޓުތަކާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ ބޭފުޅުންނާ ބައްދަލުކޮށް ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން ކޮމިޝަންގެ ރައީސް އަޙްމަދު އައްސަދު ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ކޮރަޕްޝަނަށް މަގުފަހިވާކަމަށް ތުހުމަތުވާގޮތަށް 100 އަށްވުރެ ގިނަ މައްސަލަ ކޮމިޝަނުން ތަހުގީގް ކުރަމުންދާކަމަށެވެ.

ކޮމިޝަނުން މިހާތަނަށް ކުރެވުނު މަސައްކަތުން ދައުވާ ކުރުމާއި ހަމައަށް ފޮނުވިފައިވަނީ އެންމެ ދެ މައްސަލަކަމަށް އައްސަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮމިޝަނަށް ރައްޔިތުން ބޭނުންވާ ވަރާއި ގާތަށްވެސް މަސައްކަތް ނުކުރެވޭކަމަށް ގަބޫލު ކުރައްވާކަމަށެވެ. ނަމަވެސް މިމަސައްކަތަކީ އުގަދޫ އަދި ގޮންޖެހުން ބޮޑު މަަސައްކަތެއްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މަސައްކަތް ކުރަމުންދަނީ މިހާރުވެސް ބަލަމުންދާ ގިނަ މައްސަލަތައް ވީހާވެސް އަވަހަށް ނިންމުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ މިމަސައްކަތުގައިި ޚާއްސަކޮށް އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިން 14 ކަމެއް ފާހަގަކޮށްފައިވާނެކަމަށެވެ. އޭގެ ތެރޭގައި ޤާނޫނުގެ ގޮންޖެހުންތައް ބޮޑުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިހާރުވެސް މަޖިލީހުގައި ހުރި ބައެއް ޤާނޫނުތައް ވީހާވެސް އަވަހަށް ނިމިގެން ދިއުމަކީ ލިބިގެންދާނެ އިތުރު ފަސޭހައެއްކަމަށެވެ. އަދި ބައެއް ވުޒާރާތަކުން ލިބެންޖެހޭ މައުލޫމާތު ނުލިބުމާއި، ލިބެންޖެހޭ ވަރަށް އެއްބާރުލުން ނުލިބުމަކީވެސް ހުރި ގޮންޖެހުމެއްކަމަށެވެ.

އައްސަދު ވިދާޅުވީ ސަރުކާރަކީ އެއްސަރުކާރަަކަށްވާއިރު، އަދި އަމާޒުހުރީ އެއްދިމާލަކަށް ދިއުމަށް ކަމަށްވާއިރު އެއްބަޔަކު އަނެއްބަޔަކަށް މިފަދަ ކަންކަމުގައި އެއްބާރުލުންދޭންޖެހޭކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ދެވެންހުރި ދޫތައް ދީގެން މައްސަލަތައް ނިންމުމަށް މަސައްކަތް ކުރުމަކީ ހުރިހާ ފަރާތްތަކުންވެސް ކުރަންޖެހޭ ކަމެއްކަމަށް އައްސަދު ވަނީ ވިދާޅުވެފައެވެ.

އައްސަދު ވަނީ މީގެ ކުރިން ރައީސް އޮފީހުގައި ބޭއްވި ޕްރެސްއެއްގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ހޯދިކަމަށް ކުރިން ތުހުމަތުކުރެވުނީ 267 މީހެއްކަމަށް ބެލެވުނުނަމަވެސް، އެކަމުގައި ބައިވެރިވި މީހުންގެ ޢަދަދު 300 އަށްވުރެ މަތިކަން ހާމަވެފައިވާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މި ތަޙްޤީޤްގެ އެންމެ އުނދަގޫ މަރުހަލާއަކީ ނަގުދު ފައިސާއިންކޮށްފައިވާ މުޢާމަލާތްތަކުގައި ބައިވެރިވި މީހުން ހޯދުންކަމަށާއި، ވަކި ހިސާބަކުން ކުރިއަށް ގެންދަން ވަރަށް ދަތިވާކަމަށެވެ. ނަމަވެސް އެއްވެސް މައްސަލައެއް "ކޮޅުބެދިގެން" ހުއްޓާލާފައި ނުބާއްވާނެކަމުގެ ޔަޤީންކަން އަރުވަމުން އަސްޢަދު ވިދާޅުވީ، މިމައްސަލާގައި ޝައްކުވާމީހެއް ހުރިނަމަވެސް އެމީހެއްގެ މައްސަލަވެސް ބަލާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.