މަޑުއްވަރީގައި ފުލުހުންނާއި ކުރިމަތިލި ހަތަރު މީހަކު ހައްޔަރުކޮށްފި

މަޑުއްވަރީގައި ފުލުހުންނާއި ކުރިމަތިލި ހަތަރު މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
25 މާރޗް 2021 11:57
0
ރ. މަޑުއްވަރީގައި ގުރޫޕަކުން ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރަން ގޮވާލާ އެ ރަށު ޕޮލިސް ސްޓޭޝަން ކައިރި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ މަޑުއްވަރީގައި ރޭ ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް ހަތަރު މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މަޑުއްވަރީގައި ހަމަނުޖެހުން ހިންގައި ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ހަމަލާ ދީފައިވާ މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

މަޑުއްވަރީ ސްކޫލުގެ ގުރޭޑް 8ގައި ކިޔަވަމުންދާ މި ކުއްޖާގެ މައްސަލަ ފެންމަތިވީ ކުއްޖާ އެހެން މީހުންނާ އެކަހެރިކޮށް އުޅެން ފެށުމުންނާއި ފިރިހެނަކު ފެންނަ އިރަށް ބިރުން ހަޅޭއްލަވާ ހަދަން ފެށުމުން ރަށު ސިއްހީ މަރުކަޒަށް ދެއްކުމުން ކަމަށެވެ. މިކުއްޖާގެ މައްސަލަ ޖެންޑާ މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވަނީ މަޑުއްވަރީ ސިއްހީ މަރުކަޒުން ކަމަށާއި މި އަންހެން ކުއްޖާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސް މާލެ ގެނައީ މީގެ 10 ދުވަސް ކުރިންނެވެ.

ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއްގައި މަޑުއްވަރީގެ މަސްލަހަތު ގެއްލިފައި ވާއިރު އެ މައްސަލައިގެ ތުހުމަތު ފުލުހަކަށާއި، ޓީޗަރެއްގެ އިތުރުން އިތުރު ބަޔަކަށްވެސް ރަށު މީހުން ކުރެއެވެ. ރޭޕް ކުރުމުގެ ހާދިސާ ހިނގި ކަމަށް ބުނަނީ މިމަހުގެ 03 ވަނަ ދުވަހު އެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

މަޑުއްވަރީގައި ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖު ހޫނުވެ ޕޮލިސް ސްޓޭޝަނަށްވެސް ވަނީ ގެއްލުން ދީފައެވެ. އަދި މަޑުއްވަރީ ހަމަނުޖެހުމުގައި ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ހަމަލާދީފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.