ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ ރާއްޖެ ވިއްކައި ނުލެވޭނެކަން ދުނިޔެއަށް ހާމަކުރަންލިބޭ ފުރުސަތެއްކަމުގައި ޕީއެންސީގެ ނާއިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށްޓަކައި އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މިއަދު ޤައުމުގެ މިސްރާބު އޮތް ގޮތާއިމެދު ދުނިޔެ ކަޅި އަޅަމުންދާކަމަށެވެ. އުތުރުތިލަފަޅު އެއްބަސްވުމާއިއެކު ދުނިޔޭގެ ކަޅި ރާއްޖެއަށް ހުއްޓި، އެތައް ޤައުމަކުން ރާއްޖެއާއިމެދު ފާރަވެރިވަމުންދާކަމަށެވެ. އަދި މިކަމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ކައުންސިލް އިންތިޚާބު ސަރުކާރު ހިންގާ އެމްޑީޕީއަށް ދިނުންކަމަށް ސައީދު ވިދާޅުވިއެވެ.
އެމްޑީޕީއަށް މިއިންތިޚާބު ދީފިނަމަ ސަރުކާރުން ދުނިޔޭގެ ކުރިމަތީގައި ވިއްކާނީ އުތުރު ތިލަފަޅާއި އެނޫން ފަޅުތައްވެސް ވިއްކަން ދިވެހި ރައްޔިތުން ތިބީ ރުހިގެންކަމަށެވެ. އަދި ރައްޔިތުން ތިބީ އުތުރު ތިލަފަޅުފަދަ ފަޅުތައް ބޭރަށް ވިއްކައިގެން ޤައުމު އަޅުވެރިކުރަން ތައްޔާރަށް ކަމަށެވެ. މިކަމަށް ދިވެހި ރައްޔިތުން މިއަދު ވަރަށް ސީރިއަސްކަމެއް ދެއްވައި ވިސްނައި މިއިންތިޚާބުގައި އެމްޑީޕީއަށް ބޮޑުތަނުން ނޫނެކޭ ބުނަންޖެހޭކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ޤައުމު އަޅުވެތިކަމާއި ދިމާލަށްދާން އެއްވެސް ރައްޔިތަކު ޖާގަ ދީގެން ނުވާނެކަމަށެވެ. މިއަދު ވެރިކަން ކުރާ މީހުންނަށް މިފުރުސަތު ދިނުމަކީ ރައްޔިތުން އަމިއްލަޔަށް ގައުމު އަޅުވެތިކުރުމަށް ދޭ ޖާގައެއްކަމަށް ސައީދު ވަނި ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ މިވެރިކަމުގެ މިވީ މަދު މުއްދަތުގެ ތެރޭގައި ޤައުމު ބޮޑު ތަނުން ދަރުވާލާފައިވާކަމަށެވެ. ދަރަނި އެތައް ބިލިޔަނަކުން މައްޗަށް އަރާފައިވާއިރު ނަގާފައިވާ ނޯނުތަކުގެ ދަރަނި އަދާނުކޮށްގެން ރާއްޖެއަށް ކާޑުވެސް ދަރަންޏަށްވެސް ދޭނެ ޤައުމެއް ނެތްކަމަށެވެ. ސައީދު ވިދާޅުވީ މިދާގޮތަށް ރާއްޖެ ދާނަމަ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ގެއްލި ރައްޔިތުން ބިކަހާލުގައި ޖެހުމަކީ ދުރުކަމެއް ނޫންކަމަށެވެ. މިކަންކަމާއި ރައްޔިތުން ފުންކޮށް ވިސްނައި މި އިންތިޚާބަކީ ޤައުމުގެ މިނިވަންކަމަށްޓަކައި ދެވޭ ވޯޓަކަށް ހެދުމަށް ސައީދު ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ