ދިވެހި ޤައުމަށް މިސަރުކާރުން ވަމުންދާ ޚިޔާނާއި، ވައްކަންތަކާއި، އަޑިނޭގޭ އެއްބަސްވުންތަކުގެ ހަގީގަތް ހާމަކޮށްފާނެތީ، ސިވިލްސާވަންޓުންގެ ދުލުގައި ތަޅު އަޅުވަން އުޅުނަސް ސިވިލްސާވަންޓުން އެކަން ޤައުމަށްޓަކައި ހާމަކުރާނެ ކަމުގައި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ސިވިލްސާވަންޓެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ދައުލަތަށް ޚިދުމަތް ކޮށްދެއްވާފައިވާ ޑރ.ޚަލީމް ވިދާޅުވީ ދިވެހި ސިވިލްސާވަންޓުނަކީ ދިވެހި ދައުލަތުގެ އެންމެބޮޑު ރައުސުލް މާލުކަމަށެވެ. ދިވެހި ދައުލަތުން ރައްޔިތުންނަށްޓަކައި ހެޔޮނިޔަކުގައި ކޮށްދޭ އެއްވެސް ކަމަމަކަށް ސިވިލްސާވަންޓުން ދެކޮޅު ނުހައްދަވާނެކަމަށް ޚަލީލް ވިދާޅުވިއެވެ.
ޚަލީލް ވިދާޅުވީ އެމްޑީޕީއަކީ ދުވަހަކުވެސް ސިވިލްސާވިސްގެ މުވައްޒިފުންނަށް ހެޔޮ އެދުނު ބައެއް ނޫންކަމަށެވެ. އިސްތިއުފާދެއްވި ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ސިވިލްސާވަންޓުންނަށް އެތަކެއް ދުއްތުރާތަކެއް ޖައްސައި ރައްޔިތުންނާއި ދެކޮޅަށް ކުރަމުންދިޔަ ކަންކަން އޭރުވެސް ހާމަކޮށްދެއްވީ ސިވިލްސާވަންޓުންކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި މިއަދުވެސް ދިވެހި ޤައުމުގެ މިނިވަންކަން ގެއްލޭ ގޮތަށް ހަދަމުންދާ އެއްބަސްވުންތަކާއި، ކުރަމުންދާ ވައްކަންތަކަކީ ގައުމަށް ހެޔޮ އެދޭ ސިވިލްސާވަންޓުން ޖާގަ ދޭނެ ކަންތައްތަކެއްނޫންކަމަށް ޚަލީލް ވިދާޅުވިއެވެ.
ޚަލީލް ވިދާޅުވީ މިސަރުކާރުން ކުރަމުންދާ ނޭއްގާނީ ކަންކަން ހާމަކޮށް ގައުމުގެ މިނިވަންކަމާއި ސިޔާދަތަކަށްޓަކައި މިސަރުކާރުން ހިންގާ މިފަދަ ކަންކަން ހާމަކުރަން ބޭނުންވާ އެތައް ސިވިލްސާވަންޓުންނެއްތިބިކަމީ ސިވިލްސާވަންޓުންގެ ދުލުގައި ތަޅުއަޅުވަން އުޅޭ އެންމެ ބޮޑު ސަބަބު ކަމަށެވެ. ނަމަވެސް އެކަން ނުކުރެވޭނެކަމަށާއި، ދާދިއަވަކަށް މިސަރުކާރުގެ ނޭއްގާނީ ހުރިހާ ކަމެއް ޤައުމުގެ ހައްގުގައި ސިވިލްސާވަންޓުން ހާމަކުރާކަމަށް ޚަލީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޤައުމުގެ ތަރައްޤީގެ އެންމެބޮޑު ހިއްސާވާ މީހުންނަކީ އެއްވެސް ބައެއް ނޫންކަމަށް އެމްޑީޕީ ދެކުމަކީ ދިވެހި އެތައް ރައްޔިތަކަށް ދޭ އަނިޔާއެއްކަމަށެވެ. މިއަނިޔާތަކަކީ ދިވެހި އާއިލާތަކުން ބަލައި ގަންނާނެ އަދި ތަރުހީބު ދޭނެ ކަންތައްކެއް ނޫންކަމަށާއި، ކައުންސިލް އިންތިޚާބުގައި އެކަން ފެންނާނެތީ މިސަރުކާރުން ސިވިލްސާވަންޓުނަށް ބިރުދައްކައި އަނިޔާކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް ބިރު ފަހަނަ އަޅައިގޮސް އަނިޔާވެރިކަމިުން ސަލާމަތްވުމަށް ސިވިލްސާވަންޓުން އެމްޑީޕީއަށް މިފަހަރު ނޫނެކޭ ބުނާނެކަމީ ޝައްކު ކުރައްވާކަމެއްނޫން ކަމުގައި ޑރ.ޚަލީލް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ