ސަރުކާރުގެ މިސްރާބުހުރީ ދުނިޔޭގެ ބޮޑެތި ޑިކްޓޭޓަރޝިޕްތަކުން ދަތުރު ކުރަމުންދިޔަ މިސްރާބަށް ކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
ސަރުކާރުން ސިވިލް ސަރވިސް މުވައްޒަފުންގެ އަގުވައްޓާލާ، ފުރައްސާރަކުރަމުން ގެންދާ ގެންދިއުން ކުށްވެރިކޮށް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސިވިލް ސަރވިސް މުވައްޒަފުންގެ އަގު ވައްޓާލާ، އެ މުވައްޒަފުންނަށް ގޯނާކޮށް ނަފްސާނީގޮތުން ބަލިކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުރަމުންގެންދާ އެންމެހާ މަސައްކަތްތައް ހަރުކަށި އިބާރާތުން ޕްރޮގްރެސިވް ކޯލިޝަނުން ކުށްވެރިކުރާކަމަށެވެ.
ސިވިލް ސަރވިސް މުވައްޒަފުން ކުށުގެ ގޮޅިއަކަށް ފެއްތުމުގެ ގޮތުން ސިވިލް ސަރވިސްގެ ޤާނޫނު އިސްލާޙު ކުރުމަށްސަރުކާރުން މިހާރު ކުރަމުންދާ ކަމަކީ ސިވިލް ސަރވިސް މުވައްޒަފުންގެ އަނގަބަންދުކޮށް، ހުރިހާ ބާރެއް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެމުށުތެރެއަށް ޖަމާކުރުމަށް ކުރާ ކަމެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މި ސަރުކާރު މިހާރު ދަތުރު ކުރަމުންދަނީ ޑިމޮކްރެސީގެ އަސާސްތަކާ ދުރަށް، ދުނިޔޭގެ އެންމެ ބޮޑެތި ޑިކްޓޭޓަރޝިޕްތަކުން ދަތުރު ކުރަމުންދިޔަ މިސްރާބަށް. ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުން ސިވިލް ސަރވަންޓުން މަޙުރޫމް ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބައެއް އިސްލާޙުތަކާ މެދު އިންތިހާއަށް ވަނީ ކަންބޮޑުވުން އުފެދިފަ.
– އިދިކޮޅު ބަޔާނުގައި ވެއެވެ.
މަޖިލީހުގައި އެއިސްލާޙުތަކަށް ވާހަކަފުޅު ދައްކަވަމުން، މިސަރުކާރު ތަމްސީލް ކުރައްވާ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވަނީ ސިވިލް ސަރވަންޓުންނަކީ، އެމީހުންގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުންލައިގެން ތިބެންޖެހޭނެ ބައެއްކަމަށާއި، އެއީ "ފޭސްލެސް" އަދި "އަޑެއް ނެތް" ބައެއްކަމަށް ވިދާޅުވެފައިކަމަށާއި، މިއީ ދިވެހި ސިވިލް ސަރވިސްގައި ޚިދްމަތްކުރާ ސައްބީސް ހާހަށްވުރެ ގިނަ މުވައްޒަފުންގެ އަގު ވައްޓާލާ އެ މުވައްޒަފުންނަށް ނިކަމެތިކަން ގެނެސްދިން ވާހަކަތަކެއްކަމަށް ބުނެފައިވެއެވެ. އަދި ޤައުމީ ޚިދުމަތުގައި ރެޔާދުވާލު މަސައްކަތްކުރާ މުވައްޒަފުންނާއި ޤައުމަށް އަގުނުކުރެވޭފަދަ ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކާމެދު ދައްކާފައިވާ ވަރަށް އިޙްތިރާމްކަން ކުޑަ ވާހަކަތަކެއްކަމަށްވެސް އިދިކޮޅު ބަޔާނުގައި ވެއެވެ.
މިއަދު ސަރުކާރާ ރައްޔިތުންގެ މަޖިލީހާއި އަދި ޖުޑީޝަރީވެސް މި ސަރުކާރުގެ މުށުތެރެއަށް ޖަމާކޮށްގެން ތިބެ ސިވިލްސަރވިސް މުވައްޒަފުންނަކީ ކަށްވަޅަށް ދާންދެން ހަނުތިބެންޖެހޭ ބައެއްކަމަށްބުނެ އެ މުވައްޒަފުންނާއި ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ އެންމެ އަސާސީ ޙައްޤުތައް ގެއްލޭގޮތަށް ވާހަކަދެއްކުމަކީ މިއަދުގެ ސަރުކާރުގެ ހީލަތްތެރިކަން ރައްޔިތުންނަށް ހާމަވެގެންދާކަމެއްކަމަށް މިބަޔާނުގައި ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ