އާންމު ރައްކާތެރިކަމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމާފައިވާ ނިންމުންތަކާއި އެކުލަވާލާ ގައިޑްލައިންތަކާއި ގަވާއިދު ތަކަކީ އޭގައި ވަކިމީހަކު ނުވަތަ ވަކިއިދާރާއެއް އިސްތިސްނާވާނެ ޤަވާއިދުތަކެއް ނޫން ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ކުއްލި ގޮތަކަށް ލުއިތަކެއްދީ، މަޖިލީހުން އެޗްޕީއޭގެ މައްޗަށް ނުފޫޒު ފޯރުވާކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޚާއްސަކޮށް މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކަންބޮޑުވުން ހުރި ގިނަ ކަންތައްތަކަށް އެޗްޕީއޭއިން ދަނީ ލުއިތަށް ދެއްވަމުންނެވެ.
އެޗްޕީއޭއިން އަމަލު ކުރާ އުސޫލުތަކާއި، ބަލި މަޑުކަމުގެ ހާލަތްތަކުގައި އަމަލު ކުރަމުންދާ ގައިޑްލައިންތަކަށް އިޝާރާތް ކުރައްވައި ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ބަލިމަޑުގެ ހާލަތްތަކުގައި އެޗްޕީއޭއިން ނެރޭ އުސޫލުތަކާއި، ނިންމުންތަކީ އެންމެންގެ ރައްކާތެރިކަމަށް ނިންމާ ނިންމުންތަކެއް ކަމަށެވެ. މި ނިންމުންތަކާއި ދެކޮޅަށް މަސައްކަތް ކޮށް، ނުވަތަ ނިންމުންތަކާއި ދެކޮޅަށް މަސައްްކަތް ކުރުމަކީ އެއްވެސް ބަޔަކަށް ލިބިގެންވާ ހައްގެއް ނޫންކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އެކިއެކި ނުރައްކާތެރި ބަލިބަލިން މުޅި ޤައުމު ސަލާމަތް ކުރެވޭނީ ހުރިހާ އިދާރާތަކަކުންވެސް އެޗްޕީއޭގެ ގަވާޢިދު ތަކަށްއަމަލު ކޮށްގެން. ވަކިމީހަކު ނުވަތަ ވަކިއިދާރާއެއް އިސްތިސްނާއެއް ނުވާނެ.
– ރައީސް މައުމޫން ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބާއި ދިމާކޮށް، ސަރުކާރު ހިންގާ އެމްޑީޕީގެ މެމްބަރުންނާއި، އިސްވެރިން ގެންދަވަނީ އަތޮޅު ތެރޭގެ ރައްތަކަށް ދަތުރުކޮށް، ކެމްޕެއިން ކުރަމުންނެވެ. އަދި އިންތިޚާބާއި ދިމާކޮށް އެމްޑީޕީން މާލެ ސަރަހައްދުގައި ޖަގަހަ ހުޅުވުމާއި، ސިޔާސީ އެކި ހަރަކާތްތައްވެސް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.
މާލެ ސަރަަހައްދުގައި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅު ތަކުގެ ތެރެއިން ހޮޓާ ކެފޭ ރެސްޓޯ ރެންޓު ބަންދުކުރާ ގަނޑިއަށް ގެނައި ބަދަލަށްވެސް މިހާރުވަނީ ނިމުމަކަށް ގެނެސްފައެވެ. އަދި މާލެ ސަރަހައްދުގައި ވެހިކަލް ދުއްވޭ ވަގުތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.
ކޮމެންޓު ފޮނުވާ