ވަޒީފާގެ މައިދާނަށް 3000 ޒުވާނުން ތަމްރީންކުރުމަށް ހިންގާ ޕްރޮގްރާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
މިއީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށުން ހިންގާ ޓިވެޓް އޮތޯރިޓީއާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ތަމްރީންދޭ މަރުކަޒުތައް ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ އެންމެ ބޮޑު މަޤްޞަދަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޒުވާނުންގެ ތެރެއިން ހަވާސާވެފައިވާ މީހުންނާއި، ޖުމްލަކޮށް ދެޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ހުނަރުތައް ދަސްކޮށްދިނުމެވެ.
ވަޒީފާގެ މައިދާނަށް 3000 ޒުވާނުން ތަމްރީންކުރުމަށް ހިންގާ ޕްރޮގްރާމަށް ކުރިމަތިލާން މިހާރު ހުޅުވާލާފައިވާއިރު، ގްރޭޑް 7 ނިންމާފައި ނުވަތަ 18 އަހަރު ފުރިފައިވާ ކޮންމެ ޒުވާނަކަށްވެސް މި ޕްރޮގްރާމަށް ކުރިމަތިލެވޭނެކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮގްރާމުގެ ތެރެއިން މަސައްކަތުގެ މައިދާނަށް ބޭނުންވާ ޢިލްމާއި ތަޖުރިބާ ދަސްކޮށްދެވިގެންދާއިރު، ޕްރޮގްރާމް ކުރިއަށްދާ 6 މަސްދުވަހު، ޕްރޮގްރާމުގެ ބައިވެރިންނަށް މަދުވެގެން 3000 ރުފިޔާގެ އެލަވެންސްއެއް ލިބޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ވަޒީފާގެ މައިދާނަށް ޒުވާނުން ތަމްރީން ކުރުމަށް ހިންގާ މި ޕްރޮގްރާމަކީ 2019 ވަނަ އަހަރު ސަރުކާރުން އިޢުލާންކުރި "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ކޮމެންޓު ފޮނުވާ