ހުއްދަ ދިންތާ 10 ދުވަސްތެރޭ ޗައިނާ ވެކްސިން ރާއްޖެއަށް ގެނެސްފި

ހުއްދަ ދިންތާ 10 ދުވަސްތެރޭ ޗައިނާ ވެކްސިން ރާއްޖެއަށް ގެނެސްފި

Author
މުޙައްމަދު ޝަޒައިމް
25 މާރޗް 2021 01:15
0

ޗައިނާއިން ދިވެހިރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވާ ދެ ލައްކަ ޑޯޒް ވެކްސިންގެ ތެރެއިން އެއް ލައްކަ ޑޯޒު މިއަދު ރާއްޖެއަށް ގެނެސްފިއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެިއން ކުރާ މަސައްކަތްތަކަށް އެހީތެރިވުމަށް ޗައިނާއިން ކޯވިޑް-19 ޗައިނާއިން ވަނީ އެ ޤައުމުން އުފައްދާ ސިނޮފަރމް ވެކްސިންގެ 2 ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ. ސިނޮފަރމް ވެކްސިންގެ ފުރަތަމަ ބެޗް ރާއްޖެއާ ހަވާލުކުރުމަށް ރަސްމިއްޔާތެއް މިއަދު ވަނީ ބާއްވާފައެވެ.

މި އިވެންޓުގައި ޗައިނާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގްގެ އިތުރުން ޗައިނާ އެމްބަސީގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ރާއްޖެއަށް ދިމާވި ކޮވިޑްގެ ޙާލަތުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އިބްރާހިމް މުހައްމަދު ޞާލިޙްގެ އިސްނެންގެވުމުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. މި މަސައްކަތުގެ ދަށުން ޗައިނާ ސަރުކާރާއެކު ކުރި މަސައްކަތުގެ ދަށުން ޗައިނާގެ ސިނޮފަރމް ވެކްސިން ރާއްޖޭގައި އިމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދިންތާ އެންމެ 10 ދުވަހުގެ ތެރޭގައި ރާއްޖެ ގެނެސްފައިވާކަން ފޮރިން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސަރުކާރުން އަމާޒުހިފީ މި ވެކްސިން ވީ އެންމެ އަވަހަކަށް ރާއްޖެ ގެނައުމަށްކަން ފާހަގަކުރައްވައި ފޮރިން މިނިސްޓަރ ވިދާޅުވީ، މި އަމާޒުގެ ދަށުން ޤައުމީ އެއަރލައިން "މޯލްޑިވިއަން" ގެ ފްލައިޓެއްގައި، މާރޗް މަހުގެ 24 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ވެކްސިންތައް ރާއްޖެ ގެނެސްފައިކަމަށެވެ. މި ފްލައިޓް ޗާޓާކުރުމުގައި ހިނގި ޚަރަދު، ރާއްޖޭގައި މަސައްކަތްކުރާ ޗައިނާ ކުންފުނިތަކުން ސްޕޮންސަރކޮށްދީފައިވާކަން ފޮރިން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަޙްމަދު ނަޞީމްވަނީ ކޯވިޑް-19ގެ މި ދަތި އުނދަގޫ ދަނޑިވަޅުގައި ޗައިނާއިން ރާއްޖެއަށް ދެމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. މިގޮތުން ކޯވިޑް ރާއްޖެއިން ފެނުނު ހިސާބުން ފެށިގެން ބައްޔަށް ފަރުވާދިނުމަށްޓަކައި ބޭނުންކުރާނެ ޞިއްޙީ ސާމާނު ޚާއްސަކޮށް ޕީޕީއީއާއި މާސްކްފަދަ ތަކެތި ޗައިނާއިން ހަދިޔާކުރެއްވިކަން މިނިސްޓަރ ފާހަގަކުރައްވާފައެވެ.

ޗައިނާގެ ދެ ކުންފުންޏަކުން ގުޅިގެން އުފައްދާފައިވާ ސައިނޯފާމް ވެކްސިން ދުނިޔޭގެ ބައެއް ޤައުމުތަކުގައި މިހާރު ދޭން ފަށާފައިވާއިރު، އެ ވެކްސިނުން 78 އިންސައްތަ މީހުން ބަލިން ރައްކާތެރިކޮށްދޭކަމަށް ވެކްސިން އުފެއްދި ކުންފުނިން ވަނީ ހާމަކޮށްފައެވެ. ރާއްޖޭގައި ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ މަހުގެ 1 ވަނަ ދުވަހުއެވެ. ރާއްޖޭގައި މިވަގުތު ޖަހަމުން އަންނަނީ އިންޑިއާއިން މިދިޔަ މަހު ފޯރުކޮށްދިން އެއްލައްކަ ވެކްސިން ޑޯޒްއެވެ.

ރާއްޖޭގައި ސައިނޯފާމް ވެކްސިން ޖެހުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދެއްވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.