އިންޑިއާގެ ސިރަމް އިންސްޓިޓުއުޓުން އުފައްދާފައިވާ ކޮވިޝީލްޑްގެ އިތުރު ދެލައްކަ ޑޮޒް ވެކްސިން ދިނުމަށް ނިންމާފައިވާ ކަމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޗައިނާއިން ދިވެހިރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވާ ދެ ލައްކަ ޑޯޒް ވެކްސިންގެ ތެރެއިން އެއް ލައްކަ ޑޯޒު މިއަދު ރާއްޖެއަށް ގެނައުމާއި ގުޅިގެން ބޭއްވި އިވެންޓުގައި މިނިސްޓރަ މިނިސްޓރަ ޝާހިދު ވިދާޅުވީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެކްސްޓްރާޒެނެކާގެ ދިރާސާގެ މައްޗަށް ބިނާކޮށް އިންޑިއާއިން ތައްޔާރުކުރާ ކޮވިޝީލްޑް ވެކްސިން އެގައުމުން އެކްސްޕޯޓު ކުރުން ވަގުތީގޮތުން ހުއްޓާލިޔަސް ރާއްޖެއަށް ވެކްސިން ލިބޭނެ ކަމަށެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ އިންޑިއާ އިން ކޮވިޝީލްޑް ވެކްސިން އެކްޕޯޓްކުރުން މެދުކަނޑާލި ހަބަރު ރޭ ބީބީސީން އާންމުކުރުމާއެކު ގިނަ ބައެއްގެ ހިތުގައި ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނާއި ގުޅިގެން ސުވާލު އުފެދޭނެ ކަމަށެވެ. އެގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް ކޮނޑަށް ޖަހައިގެން، ދެވަނަ ޑޯޒްގެ އިންތިޒާރުގައި ކިހާ ދުވަހަކު ތިބެންޖެހޭނެތޯ އެމީހުންގެ ހިތުގައި ސުވާލު އުފެދިގެންދާނެ ކަމަށެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ މިހަފްތާގެ ތެރޭގައި އިންޑިއާއިން އެއް ލައްކަ ޑޯޒް ރާއްޖެއަށް ދޭނެ ކަމަށް އެ ގައުމުން އަންގާފައިވާ ކަމަށާއި އަދި އިތުރު އެއް ލައްކަ ޑޯޒް ވެސް ރާއްޖެއަށް ލިބޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
އިންޑިއާއިން ކޯވިޑް-19ގެ ޙާލަތުގައި އަވައްޓެރި ޤައުމުތަކަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެޤައުމުގެ ބޮޑުވަޒީރަށާއި ރައްޔިތުންނަށް މިނިސްޓަރުވަނީ ޝުކުރުއަދާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ