ރާއްޖޭގެ ބަނދަރުތަކުގެ ހާލަތު ސޯމާލިޔާގެ ބަނދަރުތަކަށްވުރެ ގޯސް: ބޮންޑޭ

ރާއްޖޭގެ ބަނދަރުތަކުގެ ހާލަތު ސޯމާލިޔާގެ ބަނދަރުތަކަށްވުރެ ގޯސް: ބޮންޑޭ

Author
މުޙައްމަދު ޝަޒައިމް
24 މާރޗް 2021 11:33
0

ރާއްޖޭގެ ބަނދަރުތަކަކީ ސޯމާލިޔާގެ ބަދަރުތަކަށްވުރެ ހާލަތު ގޯސް ބަނދަރުތަކެއް ކަމުގައި ރައްޔިތުންގެ މަޖިލީގު މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް)ގައި އެންމެ ފަހުން ހިނގި ދެ ހާދިސާ ހިނގުމުގައި އެތަނުގެ އިހުމާލު އޮތްކަމަށް ދެކި، އިހުމާލުވީ ފަރާތްތަކަމެދު ޖިނާޢީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޮންޑް އެންޓަޕްރައިޒަސް ކޮމިޓީން ފާސްކުރި ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވުމަށްފަހު ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ރައްޖޭގެ ބަނދަރުތަކުގެ ހަލަތު ވަރަށް ދެރަވަރުކަމަށެވެ.

ބޮންޑޭ ވިދާޅުވީ ބަނދަރުތަކުގައި ގެންނަ މުދަލާތާއި، ބޭރުކުރެވޭ މުދާތައް ރައްކާތެރިކަމާއިއެކު އެތެރެކޮށް ބޭރުކުރެވޭނެ ވަސީލަތްތައްވެސް ނެތްކަމަށެވެ. އަދި ފެނިގެންދަނީ ވަރަށް ކުރީގެ ސިސްޓަމްތަކަށް އަދިވެސް ތަންތަން ހިންގާ މަންޒަރުކަމަށެވެ. އޭނާ ވިދާޅުވީ މިކަން ރަނގަޅު ކުރެވޭނީ މިހާރު ނިޒާމުތަގައި ތިބި މިކަމަށް ނުފަރިތަ ބޭފުޅުންނަށް އެއްކައިރި ކުރެވިގެންކަމަށެވެ.

އޭނާ ވިދާޅުވީ ޕޮޓްތަކާއި ވައިގެ ބަނދަރުތައްވެސް ހުރީ އެއް ހާލެއްގައިކަމަށެވެ. އަދި މިތަންތަނުގެ އޯޑިޓް ރިޕޯޓެއްވެސް ހެދުމެއްނެތި ހުރި މައްސަލަތައް އެއްވެސް ވަރަކަށް ހައްލު ކުރުމަށް މަސައްކަތް ނުކުރާކަމަށެވެ.

އެމްޕީއެލްގައި ހިނގި ހާދިސާތައް އެސްއޯއީ ކޮމިޓިން ބަލައި ފާސްކޮށްފައިވާ ރިޕޯޓްގައި ވަނީ، މާލޭ ވިޔަފާރީ ބަނދަރުގައި ހިނގާފައިވާ ނުރައްކާތެރި ދެ ހާދިސާގައި އިހުމާލުވި އެންމެހާ ފަރާތްތަކަށް ޖިނާއީ ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ދަންނަވާ އަދި ތަހުގީގު ނިމުނު ގޮތުގެ ރިޕޯޓު އެސްއޯއީ ކޮމިޓީއަށް ފޮނުއްވައި ދެއްވުމަށް ދެންނެވުމަށެވެ.

މި ހާދިސާއާއި ގުޅިގެން ކޮމިޓީއަށް ޙާޒިރުކުރުމުން ޓްރާންސްޕޯޓް މިނިސްޓްރީން ހިއްސާކުރި މަޢުލޫމާތުތަކަށް ބަލައި ކޮމިޓީގެ ރިޕޯޓްގައި ވަނީ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރުމަށް ހަދަންޖެހޭ އެސްއޯޕީއަށް މިހާތަަނަށްވެސް ހަދާފައި ނުވުމެވެ. އަދި މަސައްކަތް ފެށުމުގެ ކުރިން ރިސްކް އެސެސްމަންޓެއް ހަދަންޖެހޭއިރު، އެވެސް ހަދާފައި ނުވުމާއި، ޗެކްލިސްޓްވެސް ނެތްކަމަށް ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން މަޖޫރީން ބަނދަރުގައި މަސައްކަތްކުރާނެ ގައިޑްލައިނެއްވެސް އެކުލަވާލާފައި ނުވާކަމަށް ކޮމިޓީގެ ރިޕޯޓްގައިވެއެވެ.

މީގެ އިތުރުން ބަނދަރުގައި މަސައްކަތްކުރާ މަޖޫރީންނަށް ދޫކުރާ ހެވީ ވެހިކަލް ދޫކުރާނެ އުސޫލެއް ނެތުމާއި އެ ބޭނުންކުރުމުގައި އަމަލުކުރާނެ އުސޫލްތައްވެސް ނެތްކަމަށް ކޮމިޓީގެ ރިޕޯޓްގައިވެއެވެ.

މިނޫނަސް މަޖޫރިންނާއި އަދި ބަނދަރުގައި ފުރިހަމަވާންޖެހޭ ވަރަށް ގިނަ ކަންކަން ފުރިހަމަނުވެ އަދި އެކުލަވާލަންޖެހޭ އުސޫލްތައް ހެދިފައިނުވާތީ، އެކަންކަން އިސްލާހުކުރުމަށް ކޮމިޓީން ވަނީ އެމްޕީއެލްއަށް ދެންނެވުމަށްވެސް ރިޕޯޓްގައި ހިމަނާފައެވެ.

އެމްޕީއެލްގައި އެންމެ ފަހުން ހިނގި ދެ ހާދިސާއާއި ގުޅިގެން އެތަނުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަމަށް އެމްޕީއެލްއިން ވަނީ ކޮމިޓީއަށް އަންގާފައެވެ. ކޮމިޓިގެ ރިޕޯޓްގައި ވަނީ ކުރިއަށް އޮތްތަނުގައި އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް، އަދި އެމްޕީއެލްއިން ކުރަންޖެހޭ މަސައްކަތްތައް ހަރުދަނާކޮށް ރައްކާތެރިކަމުގެ ގޮތުން އަލާންޖެހޭ އެންމެހާ ސަލާމަތީކަންކަން އެޅުމަށް އެމްޕީއެލްއަށް އެންގުމަށްވެސް ހިމަނާފައެވެ.

ފަހަކަށް އައިސް އެމްޕީއެލްގައި ހިތާމަވެރި ހާދިސާތައް ހިނގައި އެކި މީހުންނަށް ބޮޑެތި އަނިޔާތައްވެ، ބައެއް މީހުންގެ ފުރާނަ ގެއްލިފައިވެސްވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގޯދީމީޑިއާ
އަދިވެސް މިރާއްޖޭގައި އޮތީ ޔާމީނު ސަރުކާރުތޯ