ރައްޔިތުންގެ މަޖިލީހުގައި ވަޒީރުން ހާޒިރުކޮށް ދާއިރާތަކާއި ގުޅުންހުރި މައްސަލަތަކުގެ ސުވާލު ކުރުމުން އެސުވާލުތަކުގެ ޖަވާބު ރަށްވެހި ފަތިހުން ހޯދަން ނުޖެހޭނެކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ރައްދެއް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް އަށް ދެއްވައިފިއެވެ.
މަޖިލީހުގައި މިއަދު ވަޒީރު ހާޒިރުކޮށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ މަރަދޫގެ މަގު ހެދުމާއި، ބިން ހިއްކުމުގެ މަސައްކަތާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. މިސުވާލުތަކުގެ ޖަވާބު ދެއްވަމުން ވަޒީރުވަނީ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ޓެންޑާ ކުރެވިފައިވާކަމަށް ވިދާޅުވެފައެވެ. އަދި މަގު ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ.
މިސުވާލުތަކުގެ ޖަވާބު ވަރަށް ކުރުކޮށް ދެއްވުމަށްފަހު ވަޒީރު ވިދާޅުވީ ރަށްރަށުގެ މަޝްރޫޢުތަކުގެ މައުލޫމާތު ރަށްވެހި ފަތިސް ޕްރޮގުރާމުގައި ދެއްވަމުންދާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާވެސް ގެންދަވަނީ މަޝްރޫޢުތަކުގެ މައުލޫމާތު ވަރަށް ސާފުކޮށް އެ ޕްރޮގުރާމުގައި ހާމަކޮށް ދެއްވަމުންކަމަށެވެ.
އަސްލަމްގެ މިވާހަތަކަށް ތާއީދުކޮށް މަޖިލިސް ރައީސް ވަނީ ހުރިހާ ބޭފުޅުންވެސް ނޫސްތައް ކިޔުއްވުމަށާއި، އެރަށެއްގެ ކަންކަމާއި ގުޅިގެން ދެއްވާ މައުލޫމާތުތައް ބަލައި އަޑު އެއްސެވުމަށް އިރުޝާދު ދެއްވާފައެވެ. ރައީސް ނަޝީދުގެ މިވާހައާއިއެކު ޝަރީފް ވަނީ އިތުރަށް ރުޅިގަދަވެ މަޖިލީހުގައި އަޑު ގަދަ ކުރައްވައި މަޖިލީހަށް ވަޒީރުން ހާޒިރު ކުރަނީ ރަށްވެހި ފަތިހުން ޖަވާބު ހޯދުމަށް ނޫންކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައިވެސް އޮންނަނީ ވަޒީރުން މަޖިލީހަށް ހާޒިރުކޮށް، ކުރެވޭ ސުވާލުތަކުގައި ތެދު ބަހުން ޖަވާބުދޭންޖެހޭކަމަށެވެ. އެހެންކަމަށް ވުމުން ވަޒީރަށް މަޖިލީހުގައި ކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި އެހެން ޕްރޮގުރާމުތަކާއި، ދެއްވާ އިންޓަރވިއުތަކަށް ރިފާކޮށް ޖަވާބު ނެއްދެއްވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމަށެވެ.
ކޮމެންޓު ފޮނުވާ