ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށްވެސް ރަޖިސްޓްރީ ކޮށްފައިވާ ތަނަކަށް ވޯޓު ލެވޭނެކަމުގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް ރަޖިސްޓްރީވެފައި ތިބި މީހުންނަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ނިޔަލަށް އިލެކްޝަން ކޮމިޝަނުން ވަނީ އިއްޔެ ހުޅުވާލާފައެވެ.
ކޮމިޝަންގެ މިހުޅުވާލާލުމާއި ގުޅިގެން ބައެއް ފަރަތްތަކުން ސިއްރުކަން ގެއްލޭގޮތަށް ވޯޓަށް ރަޖިސްޓްރީ ކޮށްފައިވާ މީހުން އަލުން ރީ ރަޖިސްޓްރީ ނުކޮށްފިނަމަ ވޯޓު ނުލެވޭނެކަމަށް ބުނެ ދައްކަވަމުންދާ ވާހަތަކާއި ގުޅިގެން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށްވެސް ވޯޓު ލުމުގެ ފުސަތު ލިބިގެންދާނެކަމަށެވެ.
ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށްވެސް ރަޖިސްޓްރީ ކޮށްފައިވާ ތަނަކަށް ވޯޓު ލެވޭނެ، އެފަދަ ފަރަތްތަކަށް ވޯޓު ނުލެވޭނެ ކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ފަތުރަމުން އެބަދޭ. ސަމާލުވެ ލައްވާ.
– ޝަރީފް ވިދާޅުވިއެވެ.
Vote ge sirrukan gehley faraithah ves registry kohfaivaa thanakah vote leveyne, efadha faraithakah vote nuleveyne kamah dheyha vaa gothah baeh faraithakun vaahaka fathuramun ebadhey. Samaalu ve lahvaa
— Ahmed Shareef (@ShareefRangondi) March 23, 2021
އިލެކްޝަން ކޮމިޝަންނުން ވަނީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް 8000 މީހުން ރީ-ރަޖިސްޓްރީ ކޮށްފައިވާކަމަށް ބުނެފައެވެ.
އިލެކްޝަން ކޮމިޝަނުން މި ފުރުސަތު ހުޅުވާލާފައިވަނީ ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް ރަޖިސްޓްރީވެފައިވާ މީހުންގެ ލިސްޓު އާންމު ކުރުމަށްފަހުއެވެ. ކޮމިޝަނުން ބުނެފައިވަނީ މި ލިސްޓުގައިވާ މީހުން، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު މިއަދުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.
މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ، މި ފަރާތްތަކަށް ވޯޓު ލެވޭނީ މިހާރު ރަޖިސްޓަރީވެފައިވާ ތަން ނުވަތަ ރަށަށް ކަމަށާއި، އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މި އިޢުލާނުގައިވާ ލިސްޓުގައިވާ ފަރާތްތަކަށް އެކަނިކަމަށްވެސް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.
އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 273128 އެވެ.
މި އިންތިޚާބުގައި ޖުމްލަ 3934 ކެނޑިޑޭޓުން ވާދަކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.
ކޮމެންޓު ފޮނުވާ