ހަނިމާދޫ އެއާޕޯޓާއިއެކު ތިލަދުންމަތި މުޅިދުނިޔެއަށް ހުޅުވާލެވިގެންދާނެ: ޝިފާޢު

ހަނިމާދޫ އެއާޕޯޓާއިއެކު ތިލަދުންމަތި މުޅިދުނިޔެއަށް ހުޅުވާލެވިގެންދާނެ: ޝިފާޢު

Author
މުޙައްމަދު ޝަޒައިމް
24 މާރޗް 2021 08:54
0

ހަނިމާދޫގައި ތަރައްޤީ ކުރާ އިންޓަރނޭޝަނަލް އެއަރޕޯރޓާއިއެކީ ތިލަދުންމަތި މުޅީ ދުނިޔެއަށް ހުޅުވިގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ ބީލަން މަރުޙާލާގެ ފުރަތަމަ ހަރުފަތްކަމުގައިވާ ކޮންޓްރެކްޓަރުން ޕްރީކޮލިފައިވުމަށް ހުށަހެޅުމަށް އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބެންކުން އިއްޔެ ވަނީ ހުޅުވާލާފައެވެ.

އެއާޕޯޓް ތަރައްޤީ ކުރާނެ ބަޔަކު ހޯދުމަށް ހުޅުވާލުމާއިއެކު މެމްބަރު ޝިފާއު ވިދާޅުވީ މިއީ ތިލަދުން މަތީގެ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުކަމަށެވެ. އަދި މިއާއިއެކު މުޅި އަތޮޅަށް އިންގިލާބީ ބަދަލުތަކެއް އައިސް، މުޅި ދުނިޔެއަށް ހުޅުވާލެވިގެން ދިއުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. މިއާއިއެކު އިޤްތިޞާދީ އެތައް ފުރުސަތުތަކެއްލިބި އަތޮޅުތެ ތަރައްޤީ އެހެން ލެވެލް އަކަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

ތިލަދުންމަތީގެ އިޤުދިސާދު މުޅިންއެހެން ލެވެލްއަކަން ގެންދާނޭ ވިސްނުމަކީމިއީ. ތިލަދުންމަތި މުޅިދުނިޔެއަށް ހުޅުވާލާނީ މިދޮރާށިން. އިޤްތިސާދީ އެތަށްފުރުސަތު ތަކެއް ރައްޔިތުންނަށް ތަނަވަސްވެ، ފުދުންތެރި ރައްޔިތުންތަކެއް އުފެދިގެންދާނެކަން ޔަގީން.

– ޝިފާއު ވިދާޅުވިއެވެ.

މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި، ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ހަނިމާދޫ އެއަރޕޯޓުގެ ޓަރމިނަލް ފަރުމާކުރެވިފައިވަނީ ދިވެހި ކަނޑުތަކުގައި ދިރިއުޅޭ މަޑި ސިފަވާނެފަދަ ދިވެހިވަންތަ ފަރުމާއަކަށެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ވަޞީލަތްތަކާއެކުގައެވެ. ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމަކީ ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުންވާ ވިސްނުންފުޅުގެ ދަށުން ކުރިޔަށް ގެންދާ މުހިއްމު މަޝްރޫއެކެވެ.

އިންޑިއާ ސަރުކާރުން ވަނީ ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުއަށް އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ރުފިޔާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ފަންޑުކުރަން ނިންމާފައެވެ. މި މަޝްރޫއުގެ ފައިނަލް ޓެންޑަރިންގެ މަސައްކަތް ކުރާނީ ދިވެހި ސަރުކާރުންނެވެ. އެގްޒިމް ބޭންކްގެ ގައިޑްލައިންތަކުގައިވާ ފަދައިން މިފަދަ މަޝްރޫއުތަކުގެ މަސައްކަތުގައި އިންޑިއާގެ ކުންފުނިތަކާއެކު ބައިވެރިވުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ލިބިގެންދާނެއެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މި އަހަރުގެ ތިންވަނަ ކުއާޓަރުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަހުމަދު ނަޢީމް
މުޅިން ކޮސް ވާހަކަ ދައްކަނީ! ބޯހަލާކު!
މ މަންތިރި
ހަނިމާދޫގައި ދެވަނަ އެއާރޕޯޓެއް ހަދަނީ ހަނިމާދޫ ކޮނތާކު އޮތް ބިމެއްގައިކަން އެނގެން ބޭނުން