ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް ރީ-ރަޖިސްޓްރީވުމަށް ފުރުސަތު ދިނީ މާދަމާގެ ނިޔަލަށް

ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް ރީ-ރަޖިސްޓްރީވުމަށް ފުރުސަތު ދިނީ މާދަމާގެ ނިޔަލަށް

Author
މުޙައްމަދު ޝަޒައިމް
23 މާރޗް 2021 01:47
0

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް ތިބި މީހުންނަށް ރީ-ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަންނުން ވަނީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް 8،000 މީހުން ރީ-ރަޖިސްޓްރީ ކޮށްފައިވާކަމަށް ބުނެފައެވެ.

އިލެކްޝަން ކޮމިޝަނުން މި ފުރުސަތު ހުޅުވާލާފައިވަނީ ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް ރަޖިސްޓްރީ ވެފައިވާ މީހުންގެ ލިސްޓު އާންމު ކުރުމަށްފަހުއެވެ. ކޮމިޝަނުން ބުނެފައިވަނީ މި ލިސްޓުގައިވާ މީހުން، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ، މި ފަރާތްތަކަށް ވޯޓު ލެވޭނީ މިހާރު ރަޖިސްޓަރީވެފައިވާ ތަން ނުވަތަ ރަށަށް ކަމަށާއި، އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މި އިޢުލާނުގައިވާ ލިސްޓުގައިވާ ފަރާތްތަކަށް އެކަނިކަމަސްވެސް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން މިއަދު ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް، މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް މިމަހުގެ 24 ގެ ނިޔަލަށް ހުޅުވާލާފައެވެ.

އަންނަ އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 273128 އެވެ.

މި އިންތިޚާބުގައި ޖުމްލަ 3934 ކެނޑިޑޭޓުން ވާދަކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.