ރާއްޖޭގައި އެއްވެސް ޤައުމެއްގެ އަސްކަރީ މަރުކަޒެއް ހަދަން ޖާގަ ދީފިނަމަ އެހެން ޤައުމުތަކުން ރާއްޖޭގައި އެކަންކުރަން ދިމާކުރާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އުތުރު ތިލަފަޅުގައި އިންޑިޔާ ސަރުކާރުން އަސްކަރީ މަރުކަޒެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެ އަޑު ގަދަވެފައިވާ މި ދަނޑިވަޅުގައި ގިނަ ބަޔަކު ދަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އިންޑިޔާއާއިއެކު ހަދާފައިވާ އެއްބަސްވުން ހާމަ ކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް އެމްއެންޑީއެފްއިން ވަނީ މިއީ އަސްކަރީ މަރުކަޒެއް ނޫންކަަމށް ބުނެފައެވެ.
އަލީ ހުސެއިން ވިދާޅުވީ އެއްވެސް ޤައުމަކުން ރާއްޖޭގައި އަސްކަރީ މަރުކަޒެއް ހަދަން ޖާގަ ދިނުމަކީ އޭގެ ބޭނުން ދުނިޔޭގެ އެހެން ޤައުމުތަކުންވެސް ހިފަން ބޭނުންވާނެ ކަމެއްކަމަށެވެ. އަދި އެޖާގަ އެއްވެސް ޤައުމަކުން ދީފިނަމަ ދުނިޔޭގެ އެހެން ޤައުމުތަކުންވެސް އެކަން ކުރުމަށް ސަރުކާރަށް ހުށަހަޅައި އެ ހުއްޖަތް ދައްކާނެކަމަށެވެ. މިއީ އެއްވެސް ހާލެއްގައި ރާއްޖޭގެ ފަސްގަނޑުން ޖާގަ ދީގެން ވާނެ ކަމެއް ނޫންކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
ރާއްޖޭގައި އެއްވެސް ޤައުމެއްގެ އަސްކަރީ ބޭހެއް ހެދުމައް މިއަދު ޖާގަ ދީފިނަމަ އެކަން ވެގެންދާނީ ބާރުގަދަ އެހެނިހެން ގައުމުތަކުން މިރާއްޖޭގައި މާދަމާ އެ ގައުމުތަކުގެ މިލިޓަރީ ބޭސްތައް ގާއިމްކުރުމަށް ދައްކާނެ ބަހަނާއަކަށް. ފުންކޮށް ވިސްނަވާ.
– އަލީ ހުސެއިން ވިދާޅުވިއެވެ.
އުތުރު ތިލަފަޅުގައި އެމްއެންޑިއެފްއަށް ބޭނުންވާ ޚިދުމަތްތައް ގާއިމް ކުރުމަށް ފާއިތުވެދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ދިވެހި ސަރުކާރާ އިންޑިއާ ސަރުކާރާ ދެމެދު ސޮއި ކުރެވިފައިވާ އެއްބަސްވުމަކީ ސިއްރު އެއްބަސްވުމެއް ކަމުގައި ސަރުކާރުން ވަނީ ކަޑައަޅާފައެވެ.
އަދި މި އެއްބަސްވުން، ރައްޔިތުންގެ މަޖިލީހަށްވެސް ހާމަ ނުކުރެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެހެންނަމަވެސް، ދިވެހި އަސްކަރިއްޔާއަަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް ގާއިމްކުރެވޭ އެތަކެއް ޚިދުމަތްތަކަކަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަން ހޯދުމުގެ ބޭނުމުގައި ސޮއިކޮށްފައިވާ މިއެއްބަސްވުން އާންމު ކުރުމަށް ސަރުކާރުން ދެކޮޅު ހަދަމުންދާ ސަބަބެއް ސަރުކާރުން މިހާތަނަށް ސީދާ ގޮތެއްގައި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ