މިހާތަލުގައި ތާއަބަދު ނުތިބެވޭނެ، 65 ގޮޑި ދިނީ ސަރުކާރުކާރު ޒިންމާދާރު ކުރުމަށް: އާޒިމް

މިހާތަލުގައި ތާއަބަދު ނުތިބެވޭނެ، 65 ގޮޑި ދިނީ ސަރުކާރުކާރު ޒިންމާދާރު ކުރުމަށް: އާޒިމް

Author
މުޙައްމަދު ޝަޒައިމް
22 މާރޗް 2021 02:25
0

ދިވެހި ރައްޔިތުން އެމްޑީޕީއަށް މަޖިލީހުގެ 65 ގޮޑި ދިނީ ސަރުކާރު ޒިންމާދާރުކޮށް، ޖަވާބުދާރީ ކުރުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ކޯވިޑަށް ޕޮޒިޓީވްވުމަށްފަހު ބަލިން ފަސޭހަވެ، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް މިއަދު ދިމާވާ ހާލަތަކީ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅައި ހައްލުތަކެއް ހޯދަންޖެހޭ ކަމެއްކަމަށެވެ. އާޒިމް ވިދާޅުވީ ރައްޔިތުން އެމްޑީޕީއަށް ދިނީ ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުމަށްކަމަށެވެ. އެއްވެސް ހާލެއްގައި ސަރުކާރުން ނިންމާހާ ކޮންމެ ނިންމުމަކަށް ތާއީދުކޮށްގެން ތިބޭކަށް ނޫންކަމަށެވެ.

ރައްޔިތުން މަޖިލިސް ދިނީ އެމްޑީޕީއަށް އިތުބާރުކޮށްގެން. ސަރުކާރު ޖަވާބުދާރީކޮށް ޒިންމާދާރު ކުރުމަށް އެމްޑީޕީ މެމްބަރުން ލާފަތިބީ. ރައްޔިތުންނަށް އުދަގުލެއް ތުރާލެއް އަންނަ ކޮންމެ ފަހަރަކު އަޅުގަނޑުމެން އެމްޑީޕީ މެމްބަރުން އެވާހަކަ ދައްކާނެ.

– އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަކީ ސަރުކާރު ޖަވާބުދާރީކޮށް ޒިންމާދާރު ކުރުމަށް ދައްކަންޖެހޭ ވާހަކަ ދައްކަން ފަހަތަށް ނުޖެހޭނެކަމަށެވެ. އޭނާ ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ތެރެއިން ހޮޓާ، ކެފޭ، ރެސްޓޯރެންޓު ހިންގާ ފަރާތްތަކަށް ބޭނުންވާ ހައްލުތައް ސަރުކާރުން ހޯދައި ދޭންޖެހޭކަމަށެވެ. ކޯވިޑްގައި ރާއްޖެ ލޮކްޑައުންކޮށް ފިޔަވަޅު އެޅީ އެކަން އެގޮތުގައި ތާއަބަދު ބޭއްވުމަށް އެޅި ފިޔަވަޅުތަކެއް ނޫންކަމަށެވެ.

ކޯވިޑްގެ ފިޔަވަޅުތަކަކީ ރާއްޖޭގައި ހުރި ޞިއްޚީ ނިޒާމުގެ ހާލަތަށް ބަދަލު ގެނެސް އެދުތަކާއި، ޞިއްޚީ ވަސީލަތް އިތުރު ކުރުމަށް ދިން ފުރުސަތެއްކަމަށް އާޒިމް ވިދާޅުވިއެވެ. އެއީ އެއްވެސް ހާލެއްގައި ތާއަބަދު އެއް ހާލަތެއްގައި ތިބުމަށް ދެވުނު ފުރުސަތެއް ނޫންކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ހުށަހެޅިފައިވާ މައްސަލައަށް އަތާއި ބޮލުން، ލޮލުންވެސް ތާއީދު ކުރަން. މިމައްސަލަ މިއަދުން މިއަދަށް ހައްލު ކުރުމަކީ ކުރަންޖެހޭ ކަމެއް. ކޯވިޑުން ސަލާމަތް ވުމަށް ލޮކްޑައުންކޮށް އެޅި ފިޔަވަޅުތަކަކީ ތާއަބަދަށް ބޭއްވުމަށް އޮތް ހާލަތެއްނޫން.

– އާޒިމް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްމަބރުންވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ވިޔަފާތީގައި ކުރިއަށްދެވޭނެ ފަދަ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ގޮވާލާފައެވެ. އަދި މިހާރު ހުރި އުސޫލުތަކުގެ ތެރެއިން ކަންކަން ކުރާއިރު އެތައްބައެއްގެ ވަޒީފާއާއި އާމްދަނީ ނުލިބޭނެ ގޮތަކަށް ހުރި ފިޔަވަޅުތަކާއިމެދު ވިސްނައި މިކަންކަމަށް އަވަސް ހައްލެއް ގެނައުމަށްވެސް މެމްބަރުން ވަނީ ގޮވާލާފައެވެ.

ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ގަޑިއާއިމެދު އެ ސިނާއަތުގެ ބޭފުޅުންގެ ކަންބޮޑުވުމާއިއެކު އެޗްޕީއޭއިން ވަނީ އެތައްތަން ބަންދުކުރާ ގަނޑިއަށް ބަދަލު ގެނެސްފައެވެ. އެގޮތުން މިހާރު ރޭގަނޑު 10:30 އާއި ހަމަޔަށް ހޮޓާ، ކެފެޓޭރިއް އަދި ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ގޮތަށް ގައިޑްލަނަށް ވަނީ ބަދަލު ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.