ކެފޭ، ރެސްޓޯރެންޓުތަކަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ގޮވާލާ މަޖިލީހަށް މައްސަލައެއް

ކެފޭ، ރެސްޓޯރެންޓުތަކަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ގޮވާލާ މަޖިލީހަށް މައްސަލައެއް

Author
މުޙައްމަދު ޝަޒައިމް
22 މާރޗް 2021 12:19
0

ހޮޓާ، ކެފޭ، ރެސްޓޯރެންޓުތަކަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ގޮވާލާ މަޖިލީހަށް މައްސަލައެއް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހަޅުއްވައިފިއެވެ.

މަޖިލީހަށް ސަލީމް ހުށަހެޅި މިމައްސަލާގައި ބުނެފައިވަނީ އެޗްޕީއޭގެ ގައިޑްލައިންގެ ތެރެއިން މިގޮތުން ލާޒިމް ކޮށްގެން ވިޔަފާރި ބަންދުކުރަން ޖެހުނު ވަގުތުތަކުގައި ގެއްލުނު އާމްދަނީ އަށް އެކަށީގެންވާ ބަދަލެއް ދިނުމާއި، ސަރުކާރުން ކުއްޔަށްދީފައި ތަންތަނުން ކުލި ލުއިކޮށް ދިނުމާއި، އެކަށީގެންވާ މުއްދަތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑާނުވާނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށާއި، ޖީއެސްޓީ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައި ދިނުމަށާއި، އެހެން ވިޔަފާރިތަކާ ތަފާތު ކުރުމެއްނެތި، އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ކެއުން ބުއިމުގެ ޚިދުމަތްދޭ ތަންތަނަށް ޚިދުމަތްދެވޭނެ ގޮތަށް ގަޑިތައް ކަނޑައެޅުމަށް ވަނީ ގޮވާލާފައެވެ.

މިމައްސަލަ ހުށަހަޅުއްވަމުން ސަލީމް ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން އިއުލާން ކުރެވިފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާފައިވާ ފިޔަވަޅުތައް ދިގުދެމިގެންގޮސް ގްރޭޓަރ މާލޭ އޭރިޔާގައިވަނީ ހޮޓާ، ކެފޭ، ރެސްޓޯރެންޓް ހިންގާ ފަރާތްތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އެބޭފުޅުންގެ ވިޔަފާރި ހުއްޓި، އެތައް ބައެއްވެ ވަޒީފާ ގެއްލިގެން ދިޔަކަމީ ހައްލު ހޯދަން ޖެހިފައިވާ މައްސަލައެއް ކަމަށް ސަމީލް ވިދާޅުވިއެވެ.

ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތައް ހިންގާ ގިނަ މީހުންނަކީ ކުދި ވިޔަފާރިވެރިންނަށްވާއިރު، ބޮޑު ކުއްޔަށް ތަންތަން ނަގައިގެން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މި ވިޔަފާރިއަށް އެރި ލޮޅުންތަކުގެ ސަބަބުން ގިނަ ތަންތަން މުޅިން އިނދަ ޖެހިފައިވާކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ކަރަންޓު ބިލާއި ފެން ބިލު ފަސްކޮށްދިން މުއްދަތުގެ ތެރޭގައިވެސް ނުދެއްކި، އެ ޚިދުމަތްތައް ކަނޑާލާފައި ހުރި ތަންތަންވެސް ހުރިއިރު މިކަމަށް އަވަސް ހައްލެއް ކަމައި ގުޅުންހުރި އިދާރާތަކުން ގެނެސްދޭން ޖެހޭކަމަށް ސަލީމް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްމަބރުންވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ވިޔަފާތީގައި ކުރިއަށްދެވޭނެ ފަދަ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ގޮވާލާފައެވެ. އަދި މިހާރު ހުރި އުސޫލުތަކުގެ ތެރެއިން ކަންކަން ކުރާއިރު އެތައްބައެއްގެ ވަޒީފާއާއި އާމްދަނީ ނުލިބޭނެ ގޮތަކަށް ހުރި ފިޔަވަޅުތަކާއިމެދު ވިސްނައި މިކަންކަމަށް އަވަސް ހައްލެއް ގެނައުމަށްވެސް މެމްބަރުން ވަނީ ގޮވާލާފައެވެ.

ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ގަޑިއާއިމެދު އެ ސިނާއަތުގެ ބޭފުޅުންގެ ކަންބޮޑުވުމާއިއެކު އެޗްޕީއޭއިން ވަނީ އެތައްތަން ބަންދުކުރާ ގަނޑިއަށް ބަދަލު ގެނެސްފައެވެ. އެގޮތުން މިހާރު ރޭގަނޑު 10:30 އާއި ހަމަޔަށް ހޮޓާ، ކެފެޓޭރިއް އަދި ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ގޮތަށް ގައިޑްލަނަށް ވަނީ ބަދަލު ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.