އެޗްޕީއޭވަނީ އައިޖީއެމްއެޗްގެ މާލީ މަންފާ ހޯދާ ގުރޫޕަކުން ހިސޯރުކޮށްފަ: ބޮންޑޭ

އެޗްޕީއޭވަނީ އައިޖީއެމްއެޗްގެ މާލީ މަންފާ ހޯދާ ގުރޫޕަކުން ހިސޯރުކޮށްފަ: ބޮންޑޭ

Author
މުޙައްމަދު ޝަޒައިމް
22 މާރޗް 2021 11:48
0

އެޗްޕީއޭ މިއަދު ހިންގަމުންދަނީ އެބޭފުޅުންގެ އިޚްތިޔާރާއި ބާރެއްނެތި އައިޖީއެމް އެޗްގައި އޮންނަ ޓެގްޓީމެއްގެ ކޮންޓްރޯލްގެ ތެރެއިންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ހޮޓާ، ކެފޭ، ރެސްޓޯރެންޓަށް ދިމަވާ ދަތިތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު މައްސަލާގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ އެޗްޕީއޭއަކީ މިއަދު އެތަނުގައި ތިއްބެވި އެބޭފުޅުންގެ ކޮންޓްރޯލްގައި ހިނގާ ތަނެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ މިއަދު އަޅަމުންދާ ފިޔަަޅުތަކާއި، އެޗްޕީއޭގެ ނިންމުންތަކަކަކީވެސް ވަކި ބައެއްގެ މާލީ މަންފާތަކަށް ބަލައިގެން އެޅޭ ފިޔަވަޅު ތަކެއްކަމަށެވެ.

ބޮންޑޭ ވިދާޅުވީ މިއަދު އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލްގެ މައްޗަށް އޮތީ އައިޖީއެމްއެޗްގެ ވަކި ގްރޫޕެއްގެ ނުފޫޒާއި ބާރުކަމަށެވެ. މުޅި ސިސްޓަމް ތެރެއިން ފެނިގެންދަނީ ބޮޑެތި މައްސަލަތައް ކަމަށާއި، އިންތިހާއަށް އަމިއްލަ މަސްލަހަތުގައި ވަކި މަންޒާއެއް ހާސިލް ކުރުމަށް ކުރެއްވޭ މަސައްކަތްތަކެއްކަމަށް ބޮންޑޭ ވިދާޅުވިއެވެ.

އެޗްޕީއޭއިން ޢާންމުކުރި ހޮޓާ، ކެފޭ، ރެސްޓޯރެންޓްގެ ގައިޑްލައިންގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން އެޗްޕީއޭގެ ވެރިން މިއަދު ރައްޔިތުންގެ މަޖިލީހަށް ޙާޒިރުކުރުމަށް ވަނީ ނިންމާފައެވެ.

ކޯވިޑާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް ލުއި ދިންނަމަވެސް ކެފޭ ރެސްޓޯރަންޓް ވިޔަފާރިތައް ރޭގަނޑު އެއްކޮށް ބަންދުކުރާގޮތަށް އުސޫލު އާންމުކޮށް އެ އުސޫލަށް އަމުލުކުރުމުގެ މުއްދަތު އިތުރުކުރަމުން ދަނިކޮށް، އެޗްޕީއޭއިން ވަނީ ފާޑުކިއުމާއި ޕްރެޝަރު ބޮޑުވެ ގަޑިތަކަށް ބަދަލު ގެނެސްފައެވެ.

އެޗްޕީއޭއިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ މިހާރު ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަން ރޭގަނޑުގެ 10.30 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ. އަދި އެ އެންގުމުގައި ބުނެފައިވަނީ މި ފިޔަވަޅުތަކަށް މިއަދުން ފެށިގެން އަމަލުކުރާނެ ކަމަށެވެ.އެޗްޕީއޭއިން މިއަދު މިބަލު ގެނައިރު މާލެ ސަރަހައްދުގެ ސައިހޮޓާ، ރެސްޓޯރަންޓް ފަތިހު 4:30 އިން 11:30 އަށް ޚިދުމަތް ނުދޭވޭ އުސޫލު ރޭވަނީ އިތުރު ހަފްތާއަކަށްވެސް ދަންމާލާފައެވެ. ނަމަވެސް މިބަދަލާއިއެކު މާލެ ސަރަހައްދުގައި ކެފޭ ރެސްޓޯރެންޓުތަައް ބަންދު ކުރާނެ ވަގުތު ވަނީ 10:30 އަށް ކަނޑައަޅާފައެވެ.

މާލެ ސަރަޙައްދުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު ހަވީރު 6:00 އިން ހެނދުނު ހަޔަކަށް އިންޖީނުލީ އުޅަނދު ދުއްވުންވެސް ވަނީ މަނާކޮށްފައެވެ. އަދި ފިހާރަތައް ރޭގަނޑު 10:30 ގައި ބަންދުކުރަންޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.