ޕާކިސްތާނުގެ ބޮޑުވަޒީރު، އިމްރާޚާން ކޯވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އަމިއްލަފުޅަށް ގޭގައި އެކަހެރި ވެވަޑައިގެންފައި ވާކަމަށް އޭނާގެ ސިއްޙީ މުޝީރު ޑރ.ފައިސަލް ސުލްތާން ވިދާޅު ވެއްޖެއެވެ.
އިމްރާން ޚާން، 67، ކޯވިޑަށް ޕޮޒިޓިވް ވެފައި މިވަނީ، ކޯވިޑް19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖެއްސެވިތާ 2 ދުވަސް ފަހުންނެވެ. "ބޮޑުވަޒީރު އިމްރާން ޚާން ވަނީ ކޯވިޑް19 އަށް ޕޮޒިޓިވް ވެފަ، އަދި މިހާރުވަނީ އަމިއްލަފުޅަށް އައިސޮލޭޓްވެ ވަޑައިގެންފަ،" ސްޕެޝަން އެސިސްޓަންޓް ޓު ދަ ޕްރައިމް މިނިސްޓަރ އޮން ނޭޝަނަލް ހެލްތު ސާވިސެސް، ރެގިއުލޭޝަންސް އެންޑް ކޯރޑިނޭޝަން ޑރ. ސުލްތާން ޓުވިޓަރގައި ވިދާޅުވެފައި ވެއެވެ.
އިމްރާން ޚާން ވެކްސިން ޖައްސަވާފައިވަނީ، ޕާކިސްތާނުގައި މިހާރު ފެށިގެން ކުރިޔަށް ދާ ވެކްސިން ޕްރިގްރާމްގެ ދަށުންނެވެ. މިހާރު ޕާކިސްތާނުގައި ކުރިޔަށްދަނީ، ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމެވެ.
ފާއިތުވެދިޔަ ތަނުގައި، ޕާކިސްތާނުގައި ކޯވިޑް19އަށް ޕޮޒިޓިވް ވަމުންދާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. އަދި މިހާތަނަށް މިބަލީގައި 13،700 މީހުންވަނީ ކޯވިޑް ބަލީގައި އެގައުމުގައި މަރުވެފައެވެ. ފަހަކަށް އައިސް ޕާކިސްތާނުގައި ކޯވިޑް19އަށް ޕޮޒިޓިވް ވަމުންދާ މީހުންގެ އަދަދު އެންމެ ބޮޑަށް އިތުރުވަމުންދަނީ، އެގައުމުގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ޕަންޖާބުގައެވެ.
ޔުނައިޓެޑް ގްލާބަލް އެލައަންސް ފޯރ ވެކްސިން އެންޑް އިމިއުނައިޒޭޝަން (GAVI)ގެ އެހީތެރިކަމާއެކު، ވަރަށް އަވަހަށް ޕާކިސްތާނަށް އިންޑިއާގައި އުފައްދާފައިވާ ވެކްސިން ފޯރުކޮށްދިނުމަށް މިހާރުވަނީ ހަމަޖެހިފައެވެ.