ތައިލޭންޑުގެ ބޮޑުވަޒީރު އެސްޓްރާޒެނެކާ ވެކްސިންޖައްސަވަނީ

ޔޫރަޕްގެ ގިނަ ގައުމުތަކުން ވަގުތީގޮތުން މަނާކޮށްފައި ވަނިކޮށް، ތައިލޭންޑްގެ ބޮޑުވަޒީ އެސްޓްރާޒެނިކާ ވެކްސިން ޖައްސަވައިފި

ޔޫރަޕްގެ ގިނަ ގައުމުތަކުން ވަގުތީގޮތުން މަނާކޮށްފައި ވަނިކޮށް، ތައިލޭންޑްގެ ބޮޑުވަޒީ އެސްޓްރާޒެނިކާ ވެކްސިން ޖައްސަވައިފި

އެސްޓްރާޒެނިކާ ކުންފުނިން އުފައްދާފައިވާ ކޯވިޑް19 ވެކްސިނާއި ގުޅިގެން ޔޫރަޕްގެ ގިނަ ގައުމުތަކުގައި އުފެދިފައިވާ ކަންބޮޑުވުންތަކާއެކު، ޔޫރަޕްގެ އިއްތިހާދުގެ ގިނަ ގައުމުތަކުން މިވެކްސިން ބޭނުންކުރުން ވަގުތީގޮތުން މަނާކުރަމުން ދަނިކޮށް، ތައިލޭންޑުގައި އެސްޓްރާޒެނިކާ ވެކްސިން ޖެހުމުގެ ޚާއްސަ ކެމްޕޭން ފައްޓަވާ ދެއްވާ، އެގައުމުގެ ބޮޑުވަޒީރު ޕްރަޔުތު ޗަން-އޮޗާ އެސްޓްރާޒެނިކާ ކޯވިޑް ވެކްސިން ޖައްސަވައިފިއެވެ.

ތައިލޭންޑުގައި ވެކްސިން ޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން، އެސްޓްރާޒެނިކާ ކޯވިޑް ވެކްސިން އެންމެ ފުރަތަމަ ޖެއްސެވީވެސް ބޮޑުވަޒީރު ޕްރަޔުތު ޗަން-އޮޗާއެވެ. އަދި ވެކްސިން ޖެއްސެވުމަށްފަހު އޭނާ ވިދާޅުވެފައިވަނީ، މިވެކްސިން އެގައުމުގައި ޖެހި އެންމެ ފުރަތަމަ މިހާއަށް ވާން އޭނާ ބޭނުންވީ ވެކްސިނާ ގުޅޭގޮތުން އާންމުންގެ މެދުގައި އިތުބާރު ބޮޑުކުރުމުގެ ގޮތުން ކަމުގައެވެ.

އެސްޓްރާޒެނިކާ ވެކްސިނާ ގުޅޭގޮތުން އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން އެންމެ ފުރަތަމަ ތައލޭންޑުގައިވެސް މިވެކްސިން ބޭނުންކުރުން ވަގުތީގޮތުން މެދުކަޑާލުމާ ގުޅިގެން، ތައިލޭންޑުގެ ބޮޑުވަޒީރުގެ އިތުރުން ކެބިނެޓްގެ ވަޒީރުން މިވެކްސިން ޖެހުމަށް ކުރިން ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.

އޫރަޕް ސަރަހައްދުގައި، ކޯވިޑް19ގެ 3 ވަނަ ރާޅެއް ބޯމަތިވެފައިވާއިރު، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ލަފައާއިވެސް ދެކޮޅަށް، އެސްޓްރާޒެނިކާ ކޯވިޑް ވެކްސިންގެ ސަބަބުން ހަށިގަޑުގައި ދައުރުވަމުންދާ ލޭ ގަޑުވުމުގެ މައްސަލަ ކުރިމަތި ވާކަމަށް ކުރެވެމުންދާ ޝައްކުތަކުގެ މައްޗަށް ބިނާކޮށް، މިވެކްސިން ޖެހުން ވަގުތީގޮތުން އެންމެ ފަހުން ހުއްޓާލި ޔޫރަޕްގެ 3 ގައުމަކީ ޖަރުމަނުވިލާތް، އިޓަލީ އަދި ފްރާންސްއެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި ވަގުތީގޮތުން މިވެކްސިން ބޭނުންކުރުން މެދުކަޑާލާފައިވި ނަމަވެސް، އިގިރޭސިވިލާތުގެ ބޭސް އުފައްދާ ކުންފުންޏެއްކަމުގައިވާ އެސްޓްރާޒެނިކާ ކުންފުނިން ބުނެފައިވަނީ މިވެކްސިން ޖެހުމުގެ ސަބަބުން އެފަދަ އެއްވެސް މައްސަލައެއް ކުރިމަތި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމުގައެވެ.

ޔޫރަޕުން ބޭރުން، ވެނެޒުއޭލާ އަދި އިންޑޮނޭޝިއާއިންވެސް ވަނީ މިވެކްސިންގެ ބޭނުންކުރުން ވަގުތީގޮތުން މެދުކަޑާލާފައެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުގައި، މިވެކްސިން މިހާރު ވަގުތީގޮތުން މަނާކޮށްފައިވިނަމަވެސް، އޮސްޓްރޭލިއާއިން ބުނެފައިވަނީ، މިވެކްސިން ޖެހުން މަނާކުރުމުގެ އެއްވެސް ވިސްނުމެއް އެގައުމުން ނުގެންގުޅޭ ކަމަށެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ބުނެފައިވަނީ ވަނީ މިވެކްސިން ޖެހުމުގައި އެއްވެސް ރިސްކެއް ނެތްކަމަށާއި ވެކްސިން ބޭނުން ކުރަމުން ދިއުމުގައި އެއްވެސް މައްސަލައެއް ނެތް ކަމުގައެވެ.

އެސްޓްރާޒެނިކާއިން އަދީއްތަ ދުވަހު ބުނެފައިވަނީ، އިގިރޭސިވިލާތުގައި މިވެކްސިން ޖަހާފައިވާ 17 މިލިއަން މީހުންގެ ތަފާސް ހިސާބުތައް ހޯދާ އެކުންފުނިން ދިރާސާ ކުރިއިރު، ލޭ ގަޑުވުމުގެ މައްސަލަ ކުރިމަތިވެފައިވަނީ އެންމެ 37 މީހުންނަށް ކަމަށެވ. އަދި މި 37 މީހުންނަށްވެސް މިމައްސަލަ ކުރިމަތިވެފައިވަނީ ވެކްސިނާ ގުޅިގެންކަން ސާބިތު ކޮށްދޭނެ އެއްވެސް ހެއްކެއް ފެންނާކަށް ނެތްކަމުގައެވެ. އަދި ބުނެފައިވަނީ، މިއީ ގުދުރަތީ ގޮތުން އާންމު އާބާދީގައިވެސް ލޭގަޑުވުމުގެ ހާލަތްތައް މެދުވެރިވެދާނެ މިންވަރަށްވުރެ ވެސް ދަށް މިންގަޑެއްގައި ކުރިމަތިވެފައިވާ މައްސަލަތަކެއް ކަމަށާއި، ލައިސަންސް ދޫކޮށްފައިވާ އެހެން ވެކްސިންތަކުގެ ސަބަބުންވެސް ބައެއް ކުދިކުދި ސައިޑް އިފެކްޓްތައް ކުރިމަތިވެދާނެ ކަމުގައެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ  (WHO) އަދި  ޔޫރަޕިއަން މެޑިކަލް އޭޖެންސީ  (EMA) އިންވެސް ބުނެފައިވަނީ، އެސްޓްރާޒެނިކާ ވެކްސިން ބޭނުންކުރުމުގައި ކަންބޮޑުުންތަކެއް ނެތްކަމުގައެވެ. ތައިލޭންޑުން މިވެކްސިން ޖަހަން ފަށާފައިވަނީ މި ދެ އޭޖެންސީން މިގޮތަށް ލަފާ ދިނުމައި ގުޅިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *