ވޯލްޑްކަޕް ކޮލިފައިންގައި ޕެރޫއާއި ދެކޮޅަށް ކުޅުނު މެޗުގައި ނޭމާގެ ހެޓްރިކާއެކު މެޗުން މޮޅުވެ ބްރެޒިލުން ތާވަލްގެ އެއްވަނަ ދިފާޢުކޮށްފި އެވެ.
ޕެރޫގައި ކުޅެވުނު މިމެޗު ބްރެޒިލުން ކާމިޔާބުކުރީ 2-4 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ 6 ވަނަ މިނަޓްގައި ޕެރޫގެ ކަރިއްލޯ އޭރިއާގެ ބޭރުން ކާމިޔާބުކޮށްދިން ލަނޑަކާއެކު ލީޑު ނެގިނަމަވެސް ފުރަތަމަ ހާފު ނިމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ނޭމާވަނީ ބްރެޒިލަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
މެޗުގެ ދެވަނަ ފަހަރަށް ޕެރޫއިން ލީޑު ނެގީ މެޗުގެ ދެވަނަ ހާފުގައި ކުރީކޮޅުގައި ޓަޕިއާ ކާމިޔާބުކޮށްދިން ލަނޑަކުންނެވެ. އަދި އޭގެ ފަސް މިނަޓްފަހުން ރިކާލްސަން ބްރެޒިލްއަށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން އިރު، ނޭމާއަށް ކުރި ފައުލަކާއި ގުޅިގެން މެޗުގައި ލިބުނު ދެވަނަ ޕެނަލްޓީ ކާމިޔާބުކޮށް މެޗުގައި ފުރަތަމަ ފަހަރަށް ބްރެޒިލަށް ނޭމާ ލީޑު ނަގައިދިނީ މެޗުގެ 83 ވަނަ މިނަޓްގައެވެ.
ޕެރޫއަށް އިތުރަށް މެޗު އުނދަގޫވެގެން ދިޔައީ ޕެރޫގެ ދެކުޅުންތެރިޔަކަށް ރަތްކާޑު ދެއްކުމާއި ގުޅިގެންނެވެ.
ނޭމާގެ ތިން ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ އިތުރު ވަގުތުގައެވެ. މިލަނޑަކީ ބްރެޒިލްގެ ރިބެއިރޯ ފޮނުވާލި ހަމަލާއެއް އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނޭމާ ކާމިޔާބުކުރި ލަނޑެކެވެ.
ކޮލިފައިންގަ އާޖެންޓީނާ ރޭ ބޮލީވިއާގެ މައްޗަށް ފަހަތުން އަރައި ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. އާޖެންޓީނާގެ ލަނޑުތައް މާޓީނޭޒްއާއި ކޮރޭއާ ކާމިޔާބުކޮށްދިންއިރު، ބޮލީވިއާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މާޓިންސް މޮރޭނޯއެވެ.
މިމޮޅާއެކު ބްރެޒިލަށް ތާވަލްގެ އެއްވަނަ ލިބެނީ ދެވަނާގައި އޮތް އާޖެންޓީނާއަށްވުރެ އިތުރަށް ފައިދާ ފަސް ގޯލް ލިބިގެންނެވެ. ކޮލިފައިންގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް މިދެޓީމުވަނީ މޮޅުވެފައެވެ.