ލޯބި ވެވުމުން އެ ލޯބި ހާމަކުރަން ބައިވަރުގޮތްތައް ހުރެއެވެ. ނަމަވެސް އެކި މީހުން އެމީހެއްގެ ހިތުގައިވާ ލޯބި އަނެކާއަށް ފާޅުކުރުމުގައި ތަފާތުތަކެއް ހުރެދާނެއެވެ. އެގޮތުން ބަހާއި އަމަލުންވެސް ލޯބި ބުނެދެވިދާނެއެވެ. މިއަށް ކިޔަނީ ލޯބީގެ ބަހުރުވަ އެވެ. އެގޮތުން ލޯބި ފާޅުކުރެވޭ 5 ގޮތަކަށް ބަލާލާނަމެވެ.
1. ތައުރީފުކުރުން
ކުރާ ބުރަ މަސައްކަތަށް ތައުރީފުލިބުމަކީ އެންމެންވެސް ބޭނުންވާނެކަމެކެވެ. ތައުރީފުކުރުމުގެ ސަބަބުން އަނެކާއަށް އެމީހުންގެ އަޅާލުމާއި ލޯބި ފެނިގެންދެއެވެ. އެހެން ކަމުން ތައުރީފް ކުރެވެން ހުރި ހުރިހާ ގޮތަކަށް ތައުރީފް ކުރާށެވެ. އެންމެ އާދައިގެ ކުދި ކަންތަކުން ފެށިގެން ގޮސް ބޮޑެތި ކަންކަމަށް ވެސް ތައުރީފް ކުރާށެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ތައުރީފް ކުރުމަށް އެދޭނެވެ.
2. އެކުގައި ވަގުތުހޭދަކުރުން
ބައިވެރިޔާ އާއެކު މަޖާ ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ލޯބިވާކަން އެންމެ އަވަހަށް އަންގައިދެވޭނެ އެއްގޮތެވެ. ކުރަން ޖެހޭނެކަމަކީ ދައްކާ ވާހަކަތައް އަޑުއެހުމާއި ވަގުތު ދިނުމެވެ. ބައެއްް ފަހަރަށް ބައިވެރިޔާ ދައްކާ ވާހަކަ އަކީ މާ ޝައުގުވެރި ވާހަކަ އަކަށް ނުވެވެސް ދާނެއެވެ. އެހެންނަމެސް ހިއްސާކުރާނީ ކޮންމެވެސް އުންމީދެއް ހިތުގައި އޮތީމައި ކަމަށް ގަބޫލު ކުރާށެވެ. ބައިވެރިޔާގެ ވާހަކަ ތަކަކީ ޖަވާބުދާރީ ވާން ނޭނގޭ ވާހަކަތަކެއް ނަމަވެސް އަޑު އަހާށެވެ.
3. އެހީތެރިވުން
ލޯތްބަކީ މިފަދަ އެތަކެއް ހަރަކާތްތަކެއް އެކުލެވިގެންވާ އެއްޗެކެވެ. އެގޮތުން ބައިވެރިޔާ ދެކެ ލޯބިވާކަން އަންގައިދިނުމަށް އެންމެ މޮޅުގޮތަކީ އެހީތެރިވެ ގޭގެ އެކިއެކި ކުދި މަސައްކަތްވެސް ކޮށްލުމެވެ. ބައިވެރިޔާ މަސައްކަތެއް ގައި އުޅެނީ ނަމަ އޭނާ އަށް އެހީތެރިވެދޭށެވެ. އަމިއްލަ އަށް ފެނިގެންވެސް ބައިވެރިޔާ ހިތްހަމަ ޖެއްސުމަށްޓަކައި ބައެއް ކަންކަން ކޮށްލަދޭށެވެ. މިކަމުގެ ސަބަބުން ލޯބި އިތުރު ވާނެއެވެ.
4. ހަދިޔާ ދިނުން
ހަދިޔާ އެއް ލިބުމަކީ ކޮންމެ މީހަކުވެސް އުފާވާނެ ކަމެކެވެ. އެހެން ކަމުން ބައިވެރިޔާ އަށް ގިނަގިނަ އިން ހަދިޔާ ދޭށެވެ. ހަދިޔާ ދިނުމުގައި ވަނި ދުވަހެއް ނުވަތަ ވަކި މުނާސަބަތެއް ބޭނުމެއްނުވެއެވެ. އަދި ހަމަ އެހެންމެ މާ އަގުބޮޑު ހަދިޔާއެއް ވެސް ދިނުން މުހިންމެ ނޫނެވެ. މީ ލޯބި ވާކަން ދުލުން ބުނުމުގެ ބަދަލުގައި ލޯބިވާކަން ހާމަކުރުމަށް ވަރަށް ރަނގަޅު އުކުޅެކެވެ.
5. ފިޒިކަލް ޓަޗް
އަތުގައި ހިފާލުމާއި އަތުގައި ބޮސްދިނުމާ، އަދި ލޯބިން ބައްދާލުމަކީވެސް، ލޯބިފާޅުކުރާގޮތްތަކެވެ. އަދި ހަަމަ އެހެންމެ މީ އެންމެ ފަސޭހަ ގޮތް ވެސްމެއެވެ.
ހަފްތާ އަކު އެއްފަހަރު ނަމަވެސް ސައިކަލު ބުރެއް ޖަހާލަން ދިއުން ނުވަތަ ހަވީރެއްގައި ހިތްފަސޭހަ މާހައުލެއްގައި އަތާ އަތް ޖޯޑުކޮށް ހިނގާލުމަކީވެސް ލޯބި ފާޅުކުރެވިދާނެ ގޮތެކެވެ.
ލޯތްބަކީ ވަރަށް ތަފާތު އިހުސާސެކެވެ. އަދި ހަމަ އެއާއިއެކު ދިރިއުޅުމަށް އެންމެ މުހިންމު އެއްބައި ކަމުގައިވެސް ބުނެވިދާނެއެެވެ. މި ލޯބީގައި އިހުތިރާމް ދިނުމާއި އެހެންމީހުންގެ ކުރިމަތީގައިި ބައިވެރިޔާގެ އަގު ހިފެހެއްޓުމަކީވެސް ހަމަ އިންތިހާއަށް މުހިންމު ކަމެކެވެ. ދެމީހުން އެކަކު އަނެކަކަށް ވަފާތެރިވުމާއި އެކަކު އަނެއްކެއްގެ ބަސްއެހުމަކީވެސް ލޯބި ދިރިއުޅުމަކަށް މުހިންމު ކަންކަމެވެ.
އެހެން ކަމުން ލޯބިވެޔޭ ދުލުން ބުނުބުނި ކަމުގައި ވިޔަސް ލޯބި ފާޅުކުރެވޭނެ ތަފާތު ބަހުރުވަތައް އެބަހުއްޓެވެ.