ކިނބިދުއާއި، ކަނޑޫދޫ ސިއްޙީ މަރުކަޒު އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ކިނބިދުއާއި، ކަނޑޫދޫ ސިއްޙީ މަރުކަޒު އެޅުމަށް ބަޔަކާ ހަވާލުކޮށްފި

Author
މުޙައްމަދު ޖިމީ
26 ޖެނުއަރީ 2021 09:07
0

ދެރަށެއްގެ ސިއްޙީމަރުކަޒުގެ އައު ޢިމާރާތް އެޅުމަށް ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. އެއީ ތ.ކިނބިދޫއާއި އެއަތޮޅު ކަނޑޫދޫގެ ސިއްޙީ މަރުކަޒުގެ އާޢިމާރާތްކުރުމުގެ މަސައްކަތެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ތ.ކިނބިދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ހެލްތު މިނިސްޓްރީން ޙަވާލުކޮށްފައިވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. 15 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް މިމަޝްރޫޢު އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 10 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ހެލްތު މިނިސްޓްރީން ބުނީ ތ.ކިނބިދޫގައި މިހާރު ބޭނުންކުރަމުން އަންނަ ސިއްޙީ މަރުކަޒުގެ އިމާރާތް ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. އަދި އެއީ ބޭނުންކުރުން އެހާ ރައްކާތެރި ޢިމާރާތެއް ނޫންކަމަށްވެސް ހެލްތު މިނިސްޓްރީން ބުންޏެވެ. އާ ޢިމާރާތާއެކު މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކެއްވެސް ޢިމާރާތްކުރުމަށް މި މަޝްރޫޢުގެ ތެރޭގައި ވަނީ ހަމަޖެހިފައިވާކަމަށެވެ.


ކަނޑޫދޫ ސިއްޙީ މަރުކަޒުގެ އާޢިމާރާތް އެޅުމަށް ޙަވާލުކޮށްފައިވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިމަޝްރޫޢު އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 13.9 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް 10 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ހެލްތު މިނިސްޓްރީން ބުނީ އެރަށުގެ ސިއްޙީ މަރުކަޒަކީވެސް ވީރާނާވެ ވަރަށް ބޮޑަށް ބާވެފައިވުމުގެ އިތުރުން ޖާގައިގެ ގޮތުންވެސް ދަތިތަކާއި ކުރިމަތިވެފައިވާ މަރުކަޒެއްކަމަށެވެ. މިޢިމާރާތާއެކުވެސް ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަ އެކޮމޮޑޭޝަން ބުލޮކެއްއެޅުމަށްވަނީ ނިންމާފައެވެ. މިދެރަށުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތަކުގައި ބޭނުންކުރާނީ އިޔާދަކުރަނިވި ހަކަތަކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިދެ ރަށުގެ ސިއްޙީ މަރުކަޒު އެޅުމުގެ މަޝްރޫޢޫތައް ކުންފުނިތަކާ ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު އަޙްމަދު އާދިލްއެވެ. ތ.ކިނބިދޫގެ ސިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުރުޝިދާ އަލިމަނިކެވެ. ތ.ކަނޑޫދޫ ސިއްޙީ މަރުކަޒުގެ އާޢިމާރާތް ތަރައްޤކީކުރުމުގެ މަޝްރޫޢުގައި ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަސްލަމެވެ.

ރާއްޖޭގައި ހުރި ދުވަސްވީ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ސަރުކާރުން ގެންދަނީ މަރާމާތުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.