ހައި-ސްޕީޑް ފެރީ ހޯދުމަށް އިޢުލާންކޮށްފި

ހައި-ސްޕީޑް ފެރީ ހޯދުމަށް އިޢުލާންކޮށްފި

Author
މުޙައްމަދު ޖިމީ
26 ޖެނުއަރީ 2021 06:06
0

ހައި ސްޕީޑް ފެރީގެ ޚިދުމަތަށް ބޭނުންވާ އުޅަނދުތައް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިއުލާން ކޮށްފިއެވެ.

ހައިސްޕީޑް ފެރީގެ ނިޒާމަކުން ދަތުރުފަތުރުގެ ވިއުގަ ގުޅުވާލުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮސްފައިވަމީ މިމަހުގެ17 ވަނަ ދުވަހުއެވެ.

ހައިސްޕީޑް ފެރީގެ ނިޒާމަކުން ދަތުރުފަތުރުގެ ވިއުގަ ގުޅުވާލުމުގެ ފުރަތަމަ ފިޔަވަހީގައި ޚިދުމަތް ދިނުމަށް ނިންމާފައިވަނީ ހއ.ހދ. އަދި ށ.އަތޮޅުގައެވެ. އަދި އެސަރަހައްދުތަކުގައި 40 އާއި 50 ޢަދަދަކަށް ހައިސްޕީޑް ލޯންޗު ބޭނުންކުރުމަށް ވަނީ ނިންމާފައެވެ. ހަފްތާގެ ހުރިހާ ދުވަހަކު ހުރިހާރަށަކުން ފެރީގެ ޚިދުމަތް ބޭއްވުމަށް ނިންމާފައިވާއިރު، ހޮސްޕިޓަލްފަދަ މުހިންމު ޚިދުމަތް ފޯރުކޮށްދޭ ރަށްރަށް ދުވާލަކު ދެ ދަތުރުކުރުމަށްވެސް ސަރުކާރުން މި އެއްބަސްވުމުގެ ދަށުން ވަނީ ނިންމާފައެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް ތަޢާރުފުކުރުމުގެ އެއް މަޤްޞަދަކީ ރާއްޖޭގެ ބައިބައިވެފައިވާ އާބާދީތަކަށް ފަސޭހަކަމާއި، ރައްކާތެރިކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމަކުން ގުޅުވައިލުމެވެ.

މުޅި ރާއްޖެއަށް ފުޅަކުރުމަށް ހަމަޖެހިފައިވާ އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްއަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040) ގައި ހިމެނޭ 3 ޒޯންއާއި 6 ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. މި ގޮތުން ފެރީ ނެޓްވޯކްއިން 6 ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅައިލެވޭއިރު، އެއް ރީޖަން އަނެއް ރީޖަންއާއި ވެސް ގުޅިގެންދާނެއެވެ. މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެންދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

ކޮމިއުޓް ލިންކްއަކީ އެ ރީޖަންއެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، ޢާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ޚާއްޞަކުރެވިފައިވާ ލިންކްއެވެ. ނަން-ކޮމިއުޓް ލިންކްއަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ޚާއްޞަކޮށްފައިވާ ލިންކްއެވެ. އަދި ހައިވޭ ލިންކްއަކީ އެއް ރީޖަން އަނެއް ރީޖަންއާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގައި ހިމެނޭ ދެވަނަ ޚިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ޚިދުމަތެވެ. މި ޚިދުމަތަކީ، އެ ރީޖަންއެއްގައި ހިމެނޭ ހުރިހާ ރަށްތަކާ އެންމެ ކައިރީގައި އޮންނަ ކޮމަރޝަލް ހަބްއާ ގުޅުވައިދޭނެ ޚިދުމަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.