ހިންނަވަރު ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކުރުމުގައި ބޮޑެތި އޮޅުވާލުންތަކެއް: އޮޑިޓް

ހިންނަވަރު ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކުރުމުގައި ބޮޑެތި އޮޅުވާލުންތަކެއް: އޮޑިޓް

Author
މުޙައްމަދު ޖިމީ
26 ޖެނުއަރީ 2021 05:15
0

ފާދިއްޕޮޅު ހިންނަވަރުގައި ސިއްޙީ މަރުކަޒެއް ޢިމާރާތް ކުރުމަށް ގަވާއިދާ ޚިލާފަށް ބަޔަކާ ހަވާލު ކުރުމުގެ ސަބަބުން ދައުލަތަށް 2.8 މިލިޔަން ރުފިޔާގެ ގެއްލުންވެފައިވާކަމަށް 2018 ވަނަ އަހަރުގެ ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އެގޮތުން އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ސޮއިކުރައްވާ ނެރުއްވާފައިވާ ހެލްތު މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައ ވަނީި، ޚިދުމަތެއް ހޯދުމުގެ ކުރިން ނުވަތަ އެއްޗެއް ގަތުމުގެ ކުރިން އެކަމަށް ބޭނުންވާ ފައިސާއާ އޮފީހުގެ ފާސްވެފައިވާ ބަޖެޓުގައި ހިމެނި، ޚަރަދުކުރެވޭވަރަށް ބާކީގައި ހުރިކަމަށް ބަޖެޓް ސެކްޝަނުގެ ކަމާބެހޭ ވެރިޔަކު ނުވަތަ ޕްރިންސިޕަލް އެކައުންޓްސް އޮފިސަރު ސޮއިކުރުމުން މެނުވީ އެއްވެސް އެއްޗެއް ގަތުމަށް ނުވަތަ ޚިދުމަތެއް ހޯދުމަށް އޯޑަރުކޮށްގެން ނުވާނެކަމަށް ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައި ބަޔާންކޮށްފައިވާކަމަށެވެ.

ނަމަވެސް، ޅ.ހިންނަވަރުގައި ސިއްހީ މަރުކަޒެއް ޢިމާރާކުރުމަށް މިނިސްޓްރީން ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ އެކު ދިހަ މިލިއަން ހަތަރު ސަތޭކަ ހަތްދިހަ އަށް ހާސް ތިން ސަތޭކަ އަށްޑިހަ އަށް ރުފިޔާއަށް 01 އޮކްޓޫބަރު 2016 ގައި އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، 2
ނޮވެންބަރު 2016ގެ ނިޔަލަށް  އަމަލީ މަސައްކަތް ފެށިފައިނުވާ ޕްރޮޖެކްޓްތައް ހުއްޓާލުމަށް މިނިސްޓްރީ އޮފް ފިނޭންސުން އެންގުމުން 11 ޖަނަވަރީ  2011ގައި އެ އެއްބަސްވުން ބާތިލްކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. އަދި އެއްބަސްވުން ބާތިލްކޮށްފައިވަނީ ބަޖެޓްގެ ދަތިތަކެއް ހުރެގެންކަމަށް ބަޔާންކޮށްފައިވާ އިރު، ބަޖެޓްގައި ފައިސާ ނެތި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ކޮށްފައިވާ ކަމެއްކަން އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ،

އަދި 11 ޖަނަވަރީ 2017 ގައި ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ އެކުވެފައިވާ އެއްބަސްވުން އުވާލުމަށްފަހު 12 ފެބްރުވަރީ 2017 ގައި ހަމަ އެ ޕްރޮޖެކްޓުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލަޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއާރުޑީސީ)އާއި ހަވާލުކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން އެ މައްސައްކަތް އެމްއާރުޑީސީއާ ހަވާލު ކުރީ އަށްމިލިޔަން ރުފިޔާއަށް ކަމަށާއި އެއްބަސްވުމުގައި ހިމެނޭ ޖުމުލަ އަގުގެ 15 ޕަސެންޓަށް ވާ 1.2 މިލިޔަން ރުފިޔާ އެޑްވާންސްގެ ގޮތުގައި އެ ކުންފުންޏަށް ދީފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ. އަދި އެއަށްފަހު  120 ދުވަހުގެ ތެރޭގައި އެ ޕްރޮޖެކްޓް ނިންމުމަށް އެމްއާރުޑީސީން އެމަސައްކަތް ވިލުކޮޅު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް،  ހަތް މިލިޔަން ރުފިޔާއަށް 18 މެއި 2017 ގައި ސަބްކޮންޓްރެކްޓްކޮށް އެޑްވާންސް ފައިސާގެ ގޮތުގައި އެއްމިލިޔަން ރުފިޔާ ދީފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައިވެއެވެ.

އެހެންނަމަވެސް އެމްއާރުޑީސީ ލިކުއިޑޭޓް ކުރަން ސަރުކާރުން ނިންމުމުގެ ސަބަބުން އެ ކުންފުނިން ކުރިއަށް ގެންދިޔަ މަޝްރޫއުތައް އެ މަސައްކަތް ހަވާލުކުރި އޮފީހަކުން ކުރިއަށް ގެންދިއުމަށް ނިންމުމާ ގުޅިގެން އެ މަސައްކަތާ އަނެއްކާވެސް ހެލްތު މިނިސްޓްރީން ހަވާލުވިކަމަށާއި، އޭރު އެ މަސައްކަތް ނިންމަން ވިލުކޮޅުއާ ހަވާލުކުރި މުއްދަތު ހަމަވެފައިވީ ނަމަވެސް މަސައްކަތް ނިންމާފައި ނުވާކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އިތުރު އެއްބަސްވުމެއްގެ ދަށުން 120 ދުވަސްތެރޭގައި އެ މަސައްކަތް ނިންމުމަށް ހެލްތު މިނިސްޓްރީން ހަމަ އެ ކުންފުންޏާ ހަވާލު ކުރިކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާތީ 25 ނޮވެމްބަރު 2018 ގައި އެއްބަސްވުން ބާތިލު ކޮށްފައިވާއިރު އެހައިތަނަށް 1.68 މިލިޔަން ރުފިޔާ އެކުންފުންޏަށް ދައްކާފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.

ހެލްތު މިނިސްޓްރީން މިމަސައްކަތަށް  ޖުމްލަ ާދެމިލިއަން އަށް ސަތޭކަ އަށްޑިހަ ފަސް ާސް ތިން ސަތޭކަ އަށްޑިހަ ހަ ރުފިޔާ ޚަރަދުކޮށްފައިވީ ނަމަވެސް، އެތަނުގައި ކޮށްފައިވާ މަސައްކަތުގެ ފެެންވަރުދަށްވުމުގެ ސަބަބުން އޮކްޓޫބަރު 2019ގައި އެތަނުގައިހުރި ސްޓްރަކްޗަރާ ސައުވީސް ހާސް ފަސްސަތޭކަ އަށްޑިހަ ރުފިޔާއަށް އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެން ރޫޅާލާފައިވާކަންވެސް ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.