ދިވެހި އަސްކަރިއްޔާގެ އިސް ރޭންކަކަށް ފުރަތަމަފަހަރަށް ތިން އަންހެނުން!

ދިވެހި އަސްކަރިއްޔާގެ އިސް ރޭންކަކަށް ފުރަތަމަފަހަރަށް ތިން އަންހެނުން!

Author
މުޙައްމަދު ޖިމީ
26 ޖެނުއަރީ 2021 12:37
0

ދިވެހި އަސްކަރިއްޔާގެ ލެފްޓިނެންޓް ކާނަލްގެ ރޭންކަށް ފުރަތަމަ ފަހަރަށް އަންހެން ސިފައިން ރޭންކުކޮށްފިއެވެ.

އަލަށް ކޮމިޝަންވި ސިފައިންނާއި މަޤާމުގެ ކުރިއެރުން ޙާސިލްކުރި އޮފިސަރުންނަށް ލިޔުން ހަވާލުކޮށްދެއްވުމަށް ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މޭޖަރގެ ރޭންކުން ލެފްޓިނެންޓް ކާނަލްގެ ރޭންކަށް ތިން އަނަހްނެ ސިފައިން ވަނީ ރޭންކުކޮށްފައެވެ. އެ ތިން ސިފައިންގެ ކަނބަލުންނަކީ، ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީން އާއި ލެފްޓިނެންޓް ކާނަލް ޑރ. ފާތިމަތު ތަޙްސީނާ އިބްރާހީމް އަދި ލެފްޓިނެންޓް ކާނަލް ޑރ. އައިމިނަތު ޝުމްރާއެވެ.

ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީންއަކީ ސިފައިންގެ ކޯޕަރޭޓް (ސިފްކޯ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ(ސީއީއޯ)ގެ މަޤާމުގައި ހުންނެވި ބޭފުޅާއެވެ. މިއީ ސިފައިންގެ ވެލްފެއާއާއި ވިޔަފާރިއާ ގުޅުންހުރި މަސައްކަތްތަކުގައި އެންމެ އިސްކޮށް ހުންނަވާ ބޭފުޅާއެވެ.

ލެފްޓިނެންޓް ކާނަލް ޑރ.ފާތިމަތު ތަޙުސީނާއަކީ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލްގެ ޑެޕިއުޓީ ކޮމާންޑަރ އޮފިސަރެވެ. ޑރ.ފާތިމަތު ތަހުސީނާ މިވަގުތު މަސައްކަތްކުރައްވަނީ ސެނަހިޔާ ހޮސްޕިޓަލްގެ ރޭޑިއޯލޮޖިސްޓެއްގެ ގޮތުގައެވެ. ލެފްޓިނެންޓް ކާނަލް ޑރ.އާމިނަތު ޝުމްރާއަކީ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގެ ޑެޕިއުޓި ކޮމާންޑިންގ އޮފިސަރެވެ. އަދި ޑރ.އާމިނާތު ޝުމާރާ މަސައްކަތް ކުރައްވަމުންދަނީ ސެނަހިޔާ ހޮސްޕިޓަލްގައި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައެވެ.

މޭޖަރ ރޭންކުން ލެފްޓިނެންޓް ކާނަލްގެ ރޭންކަށް ކުރިއެރި ތިން ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މަރުހަބާ ދަންނަވާފައެވެ.

އާދެ، މިއީ ދިވެހި ސިފައިންގެ ތާރީޚުގައިވެސް، އަދި ދިވެހި އަންހެނުންގެ ޢަސްކަރީ ޚިދުމަތުގެ ތާރީޚުގައިވެސް، މި ރޭންކަށް އަންހެން ސިފައިން ހަމަޖެހިގެންދިޔަ ފުރަތަމަ ފަހަރު. މިހާރު އެމް.އެން.ޑީ.އެފް.ގެ ރޭންކުތަކަށް ބަލާއިރު، އެންމެ މަތިން ފެށިގެން މިއީ ހަތަރު ވަނަ ރޭންކު. މިއިން އެނގެނީ، ދިވެހި ޢަސްކަރިއްޔާގައިވެސް، އަންހެން ބޭފުޅުންނަށް ހަމަހަމަ ފުރުޞަތު އެބައޮތްކަމާއި، ސިފަވަންތަކަމުގެ ގޮތުންނާއި، ހިންގުންތެރިކަމުގެ ދާއިރާއިންވެސް، ޤާބިލް އަންހެން ބޭފުޅުން އެބަ ތިއްބެވިކަން.

– ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

އަންހެން ތިން ސިފައިންނަށް ލެފްޓިނެންޓް ކާނަލްގެ ރޭންކް ލިބިވަޑައިގަތުމާއި ގުޅިގެން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީވެސް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މިނިސްޓަރު މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކީ މިންތީގެ ހަމަހަމަކަން ގެންނެވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާ ސަރުކާރެއް ކަމަށެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު މަޤާމުގެ ކުރިއެރުން ލިބިވަޑައިގެންނެވި އޮފިސަރުންގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަޤާމް ހާސިލް ކުރެއްވި ތިން އަންހެން ބޭކަނބަލުން ހިމެނިވަޑައިގަންނަވާތީ އެކަމާ ނުހަނު އުފާކުރައްވާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ރައީސް ޞާލިޙްގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން، މިއަހަރު ރެކޯޑް އަދަދަކަށް އަންހެން ސިފައިން މަޤާމުގެ ކުރިއެރުން ޙާސިލްކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.