މިދިޔަ އަހަރަކީ ދިވެހި އަސްކަރިއްޔާއިން އޯގާތެރި ޚިދުމަތެއް ފޯރުކޮށްދިން އަަހަރެއް: މާރިޔާ

މިދިޔަ އަހަރަކީ ދިވެހި އަސްކަރިއްޔާއިން އޯގާތެރި ޚިދުމަތެއް ފޯރުކޮށްދިން އަަހަރެއް: މާރިޔާ

Author
މުޙައްމަދު ޖިމީ
25 ޖެނުއަރީ 2021 06:30
0

ވޭތުވެދިޔަ އަހަރަކީ، ދިވެހި އަސްކަރިއްޔާގެ އޯގާތެރި ޚިދުމަތް، ދިވެހި ތާރީޚާއި ދިވެހިންގެ ހަނދާނުން ފޮހެވިގެން ނުދާނެ އަހަރެއްކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އަލަށް ކޮމިޝަންވި ސިފައިންނާއި މަޤާމުގެ ކުރިއެރުން ޙާސިލްކުރި އޮފިސަރުންނަށް ލިޔުން ހަވާލުކޮށްދެއްވުމަށް މިއަދު ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކީ މިންތީގެ ހަމަހަމަކަން ގެންނެވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާ ސަރުކާރެއް ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު މަޤާމުގެ ކުރިއެރުން ލިބިވަޑައިގެންނެވި އޮފިސަރުންގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަޤާމް ހާސިލް ކުރެއްވި ތިން އަންހެން ބޭކަނބަލުން ހިމެނިވަޑައިގަންނަވާތީ އެކަމާ ނުހަނު އުފާކުރައްވާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

އެތިން ބޭކަލުންނަކީ ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީން އާއި ލެފްޓިނެންޓް ކާނަލް ޑރ. ފާތިމަތު ތަޙްސީނާ އިބްރާހީމް އަދި ލެފްޓިނެންޓް ކާނަލް ޑރ. އައިމިނަތު ޝުމްރާ އެވެ.

ވޭތުވެދިޔަ އަހަރަކީ، ދިވެހި އަސްކަރިއްޔާގެ އޯގާތެރި ޚިދުމަތް، ދިވެހި ތާރީޚާއި ދިވެހިންގެ ހަނދާނުން ފޮހެވިގެން ނުދާނެ އަހަރެއްކަން ފާހަގަ ކުރައްވާ މިނިސްޓަރ މާރިޔާ ވިދާޅުވީ، މިހާރުވެސް ސިފައިން ތައްޔާރުވަމުން އެދަނީ ރައީސް ޞާލިޙް އެކަމަށް އެދިވަޑައިގެންނެވުމުން ކޯވިޑް-19 ގެ ވެކްސިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަށްކަމަށެވެ. އަދި މިއަދު ދިވެހި އަސްކަރިއްޔާއިން މި ހުރިހާ ކުރިއެރުމެއް މި ޙާސިލްކުރެވެނީ، ހަމަ ޔަޤީނުންވެސް، ރައީސް ޞާލިޙް ދެއްވާ އިރުޝާދާއި އަގުހުރި ލަފާގެ މަތިން، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ސިފައިންގެ ލީޑަރޝިޕާއި، ހުރިހާ ރޭންކެއްގެ ސިފައިންގެ ބުރަ މަސައްކަތާއި އެއްބާރުލުން ލިބިގެން ކަމަށް ވެސް މިނިސްޓަރު ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، މިއަދު ދިފާޢީ މުއައްސަސާގެ ކޮންމެ ޕްރޮމޯޝަނެއް، ކޮންމެ މެޑައްޔެއް، ކޮންމެ ކުލައެއް އަދި ކޮންމެ ޝަރަފަކީ، އެކަމަށް އޮންނަ އުޞޫލުގެ ތެރެއިން ސިފައިން ޙާސިލްކުރާ އެއްޗެއް ކަމަށެވެ. އަދި މިއީ، އެއްގޮތަކަށްވެސް މިނިސްޓަރުގެ ހެޔޮފުޅުކަމުން، ނުވަތަ ވަކި އަތޮޅަކަށް، ރަށަކަށް، ފިކުރަކަށް ނުވަތަ އާއިލާއަކަށް ނިސްބަތްވާތީ، ދޭ ހަދިޔާއެއް އަދި އިނާމެއް ނޫން ކަމަށް ވެސް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

އެއީ، ތިޔަ އޮފިސަރުންގެ މައިންބަފައިން ތިޔަ ބޭފުޅުންނަށް ދެއްވި ފުރިހަމަ ތަރުބިއްޔަތާއި އަޚްލާޤީ ހަމަތަކުގެ ބިންގަލުން ނުކުންނަ ނަތީޖާ. އެއީ، ތިޔަ އޮފިސަރުންގެ އަނބިދަރިންނާއި އާއިލާގެ މެންބަރުންނާއި ގާތް އެކުވެރިން ތިޔަ ބޭފުޅުންނަށް ދޭ ލޯތްބާއި ހިތްވަރުން ނުކުންނަ ނަތީޖާ. އަދި އެއީ، ތިޔަ އޮފިސަރުންގެ މައްޗަށް ތިއްބަވާ ކޮމާންޑަރުންނާއި މުދައްރިބުންނާއި މުދައްރިސުން ދެއްވާ އިރުޝާދުގެ ނަތީޖާ. މިއަދު، ތިޔަ އޮފިސަރުން ހޯއްދަވާ ޕްރޮމޯޝަނަކީ، ތިޔަ ސިފައިންނަށް ޙައްޤު އެއްޗެއްކަން، މުޅި މި މުއައްސަސާ ހެކިވާނެ.

– މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ

މި ދަތިއުނދަގޫ ޙާލަތުގައިވެސް، ސިފައިން ދިޔައީ ޤައުމީ ވާޖިބު އަދާކުރުމުގައި ފަސްޖެހުމެއްނެތި ކުރިއަށްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ނަގަހައްޓަވައި، ދަމަހައްޓަވައި، ރައްޔިތުންގެ ޚިދުމަތުގައި ތާއަބަދަށް ދެމިތިބުމަށް، ސިފައިން ޢަޒުމް ކަނޑައަޅާ، އެޢަޒުމް ވަރުގަދަކުރަންވާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި އެކިއެކި ރޭންކުތަކުގެ ސިފައިން ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބިރުބޮޑު
މާރިއާތިޔަބުނާގޮތުން ވޭތުވެދިއަ 50 ހަކަށް އަހަރުތެރޭގައި ދިވެހިސިފައިންނަށް އޯގާތެރިކަމާއި އެއްވެސްކަމެއް ކަމެއްނުކޮށްދޭތާ ؟މާރިއާބުނާގޮތުންނަމަ ދިވެހިސިފައިންނަކީ ފިލާތިބޭ ފިނދަނަބައި ގަނޑެއްތާ؟ ވަރައްސާފް އިނގޭތޯ