މިހާރު ދިވެހި ޢަސްކަރިއްޔާއަކީ، ކުރިއަށްވުރެވެސް ބޮޑަށް ޢަސްކަރީ ހިންގުންތެރިކަން އިންތިޒާމުވެގެން، ޕްރޮފެޝަނަލް ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ދެމުން އަންނަ މުއައްސަސާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ދިވެހި ސިފައިންނަށް މަޤާމުގެ ކުރިއެރުން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މޭޖަރގެ ރޭންކުން، ލެފްޓިނެންޓް ކާނަލްގެ ރޭންކަށް ބަދަލުވި 3 އަންހެން ބޭފުޅުންނަށް، ލިބުނު މަޤާމުގެ ކުރިއެރުން ފާަގަކުރައްވާ، އެއީ ދިވެހި ސިފައިންގެ ތާރީޚުގައިވެސް، އަދި ދިވެހި އަންހެނުންގެ ޢަސްކަރީ ޚިދުމަތުގެ ތާރީޚުގައިވެސް، އެ ރޭންކަށް އަންހެން ސިފައިން ހަމަޖެހިގެންދިޔަ ފުރަތަމަ ފަހަރުކަމަށް ވިދާޅުވެފައެވެ. މިއީ އެމް.އެން.ޑީ.އެފް.ގެ ރޭންކުތަކަށް ބަލާއިރު، އެންމެ މަތިން ފެށިގެން މިއީ ހަތަރު ވަނަ ރޭންކެވެ. ރައީސް ވިދާޅުވީ، އެކަމުން އެނގެނީ، ދިވެހި ޢަސްކަރިއްޔާގައިވެސް، އަންހެން ބޭފުޅުންނަށް ހަމަހަމަ ފުރުޞަތު އެބައޮތްކަމާއި، ސިފަވަންތަކަމުގެ ގޮތުންނާއި، ހިންގުންތެރިކަމުގެ ދާއިރާއިންވެސް، ޤާބިލް އަންހެން ބޭފުޅުން ތިއްބެވިކަންކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވަނީ ޤައުމީ ޚިދުމަތުގެ ކޮންމެ ދާއިރާއަކީވެސް، ގިންތީގެ ތަފާތުކުރުމެއްނެތި، ޤައުމުގެ ކޮންމެ ފަރުދަކަށްވެސް، ކުރިއަށް ދިއުމުގެ ފުރުޞަތު ފަހިވެފައިވާ، ޒަމާނީ ފެންވަރަށް ތަރައްޤީވެފައިވާ ދާއިރާއަކަށް ހެދުމަށްކަމަށެވެ. ދިވެހި ސިފައިންނަކީ ޤާބިލު އަދި ހުނަރުވެރި ބަޔަކަށް ހެދުމަށް، ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ސިފައިންނަށް ބޭނުންވާ އުޅަނދުފަހަރާއި ޢަސްކަރީ އާލާތްތައް ހޯދައި، ޒަމާނީ ވަސީލަތްތައްވެސް ޤާއިމްކުރަމުން އަންނަކަމަށާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިވެހި ސިފައިން ތަމްރީނުކުރުމުގެ މަސައްކަތް، ކުރިއަށްވުރެ މިހާރު އިތުރުކުރައްވާފައިވާކަމަށެވެ.
ސިފައިންނާއި ސިފައިންގެ ޢާއިލާތަކުގެ ވެލްފެއަރ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް، މިދިޔަ ދެ އަހަރުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކުރެވިއްޖެ. ބޭސްފަރުވާގެ ކަންކަމާއި ރެކްރިއޭޝަންގެ ޚިދުމަތްތައްވެސް ފުޅާކުރެވިއްޖެ. އެހެން ޤައުމުތަކާއެކު ދިފާޢީ އަދި ސަލާމަތީ ގުޅުންތައް ވަރުގަދަކޮށް، އެ ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ އެހީތައް ހޯދުމުގެ މަސައްކަތް މި އަންނަނީ ކުރަމުން. މިހާރު ދިވެހި ޢަސްކަރިއްޔާއަކީ، ކުރިއަށްވުރެވެސް ބޮޑަށް ޢަސްކަރީ ހިންގުންތެރިކަން އިންތިޒާމުވެގެން، ވަރަށް ޕްރޮފެޝަނަލް ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ދެމުން އަންނަ މުއައްސަސާއެއް. އެމް.އެން.ޑީ.އެފް އަކީ، ޢަސްކަރީ ޚިދުމަތަކަށްވިޔަސް، ދިވެހި ސިފައިންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ މަދަނީ ވަރަށްގިނަ ޚިދުމަތްތައް އެބަހުރި.
– ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް

ރައީސްގެ ވާހަކަފުޅުގައި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް، ދިވެހިސިފައިން، ދިވެހި ރައްޔިތުންނަށްޓަކައި ވަމުން އަންނަނީ، އަގުނުކުރެވޭފަދަ މަތިވެރި ޤުރުބާނީތަކެއްކަން ފާހަގަކުރައްވާ، ކޯވިޑް-19ގެ ވެކްސިން ދިނުމަށް، ވަމުން އަންނަ ތައްޔާރީތަކުގައިވެސް، ދިވެހި ސިފައިންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބެމުން އަންނަކަން ފާަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މިދިޔަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް، ކަނޑުމަތީގެ 667 ހާދިސާއެއް ހިނގާފައިވާއިރު،، 1880 މީހަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. އަދި ޙާލު ބޮޑުވި ބަލިމީހުންގެ ތެރެއިން 4886 މީހަކު، ސީ-އެމްބިއުލާންސްގަޔާއި ހެލިކޮޕްޓަރުގައި އެއްތަނުން އަނެއްތަނަށް ގެންގޮސްދީފައިވާކަމަށާއި، 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި، ހެންވޭރު ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި، މާލޭ ޓީ-ޖެޓީ ސަރަޙައްދުގައި އޮތް ތެޔޮ ބައުޒަރުތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާއި، މިދިޔަ އަހަރުގެ އޮގަސްޓު މަހު، ހެންވޭރު ތިއޯލޯ ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގައިވެސް، ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ސިފައިން ކޮށްފައިވަނީ ވަރަށް ބުރަ މަސައްކަތް ރައީސް ފާހަގަކުރެއްވިއެވެ.
މި ހުންނަނީ، އިންސާނުންގެ ފުރާނަޔާ ގުޅިފައި ހުރި، ވަރަށް މުހިންމު އިންސާނީ ޚިދުމަތްތަކެއް. މިފަދަ ކޮންމެ ކަމަކަށްވެސް ސިފައިން ނުކުންނަނީ، ތިމާގެ އަމިއްލަ ފުރާނައާއި ޢާއިލާއަށްވުރެ، ޢާންމު ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމަށް އިސްކަންދީގެން. މި މުހިންމު ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ދިވެހި ޢަސްކަރިއްޔާގެ ހުރިހާ ރޭންކުތަކެއްގެ އެންމެހައި ސިފައިންނަށް، ދިވެހި ރައްޔިތުންގެ ނަމުގަޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
– ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް
ރައީސް ވިދާޅުވީ، ސިފައިންނަށް މަޤާމުގެ ކުރިއެރުން ދިނުމުގައިވެސް، ޒަމާނީ ޢަސްކަރިއްޔާތަކުގައި އެކަން ކުރަމުން އަންނަ ގޮތް ބަލައި، އެ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށާއި، މަޤާމުގެ ކުރިއެރުން ދިނުމުގެ ނިޒާމު ހަރުދަނާވެގެން އަންނައިރު، ސިފައިންގެ ތަޢުލީމީ ފެންވަރަށާއި، އެމީހެއްގެ ސިފަވަންތަ އަޚްލާޤަށާއި، ނަތީޖާ ނެރެދޭ މިންވަރަށާއި، ހުނަރުވެރިކަމަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. ދިވެހި ސިފައިންނަކީ އެއިރެއްގައި ކުރިމަތިވާ އެންމެ ބޮޑެތި ނުރައްކާތަކާ އެކަށޭނަ މިންވަރަށް، އަބަދުވެސް ތައްޔާރީ ޙާލަތުގައި ތިބެންޖެހޭނެ ބައެއްކަމަށާއި، އެއީ ޢަސްކަރީ ނުރައްކަލެއް ކަމަށްވިޔަސް، ނުވަތަ މަދަނީ ނުރައްކަލެއް ކަމަށްވިޔަސް، ނުވަތަ ޓެރަރިޒަމްގެ ނުރައްކަލެއް ކަމަށްވިޔަސް، ދިވެހި ސިފައިން ތިބެން ޖެހޭނީ، އެކަންކަމަށް ފުރިހަމައަށް ތައްޔާރުވެގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ތައްޔާރީ ޙާލަތުގައި ދިވެހި ޢަސްކަރިއްޔާ ބޭއްވުމުގެ ބޭނުމުގައި، މިދިޔަ ދެ އަހަރުގެ ތެރޭގައި، ބޭރު ޤައުމުތަކާއެކު، ދިފާޢީ އަދި ސަލާމަތީ ގުޅުންތައް ވަރަށް ބޮޑަށް ބަދަހިކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި، ސިފައިންގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށާއި، ޢަސްކަރީ އުޅަނދުތަކާއި ސާމާނުތައް ތަރައްޤީކުރުމަށް، އެކުވެރި ޤައުމުތަކުގެ ޢަސްކަރީ އެހީތެރިކަންވެސް ވަރަށް ފުޅާ ދާއިރާއެއްގައި ލިބެމުން އަންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އޭގެތެރެއިންވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ޑިފެންސް މިނިސްޓްރީގެ އައު ޢިމާރާތް އެޅުމަށް، އިންޑިއާ ސަރުކާރުން ދީފައިވާ 5.08 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މިހާރު ކުރިއަށްދާ މަޝްރޫޢުގެ ވާހަކަ. އަދި ޖަޕާން ސަރުކާރުގެ އެހީގައި، ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރުގެ އައު ޢިމާރާތް އެޅުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކުރެވިފައި.
– ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް

މީގެ އިތުރުންވެސް، ރާއްޖޭގެ ޢަސްކަރިއްޔާގެ ތަރައްޤީއަށް، ވަރަށް ގިނަ ޤައުމުތަކެއްގެ އެހީތެރިކަން، މިދިޔަ ދެ އަހަރުގެ ތެރޭގައި ލިބިފައިވާކަން ފާަގަކުރައްވާ ރައިސް ވިދާޅުވީ، އެފަދަ އެހީތައް ރާއްޖެއަށް ލިބެނީ، ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު، ހަރުދަނާ ގުޅުންތަކެއް ޤާއިމުކުރެވި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޞުލްޙައަށް ރާއްޖެއިން ދޭ ސަމާލުކަމާއި އެކަމަށްޓަކައި ކުރާ މަސައްކަތް، ބޭރު ދުނިޔެއިން ބަލައިގަންނާތީކަމަށެވެ. ޚާއްޞަކޮށް ރާއްޖެއަކީ ހަރުކަށި ފިކުރުތަކާއި، ޓެރަރިޒަމްގެ ޢަމަލުތަކާ ދެކޮޅަށް އަބަދުވެސް އަޑުއުފުލާ ޤައުމަކަށްވާތީ، އަދި ޞުލްޙަ ޤާއިމުކުރުމުގެ ގޮތުން، ރާއްޖޭގެ ޢަސްކަރިއްޔާ ވަރުގަދަ ކުރުމަކީ މުހިންމު ކަމެއްކަމަށް އެ ޤައުމުތަކުންވެސް ޤަބޫލުކުރާތީކަމަށާއި، އެކަމުގެ ހެޔޮ ނަތީޖާ ދިވެހިރާއްޖެއަށާއި މި ސަރަޙައްދަށްވެސް ކުރާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ