ސިޔާސީ މުވައްޒަފުންނަށް ސަރުކާރާއި ދެކޮޅަށް ހިޔާލު ފާޅުނުކުރެވޭގޮތަށް ހެދީ 2012 ގައި: ރައީސް އޮފިސް

ސިޔާސީ މުވައްޒަފުންނަށް ސަރުކާރާއި ދެކޮޅަށް ހިޔާލު ފާޅުނުކުރެވޭގޮތަށް ހެދީ 2012 ގައި: ރައީސް އޮފިސް

Author
މުޙައްމަދު ޖިމީ
25 ޖެނުއަރީ 2021 05:30
0

ސިޔާސީ މުވައްޒަފުން ސަރުކާރާ ޚިޔާލު ތަފާތުވިޔަސް އެ ޚިޔާލު ފާޅު ނުކުރެވޭގޮތަށް، އުސޫލެއް ހަދާފައިވަނީ 2012 ވަނަ އަހަރުކަމަށާއި، މިސަރުކާރުން ހަމައެކަނި ގެނައި ބަދަލަކީ ސަލާމުގެ ޗުއްޓީއަށް ގެނައި ބަދަލުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީީހުން ބުނީ ސިޔާސީ މުވައްޒަފުން ސަރުކާރާ ޚިޔާލު ތަފާތުވިޔަސް އެ ޚިޔާލު ފާޅު ނުކުރެވޭ ގޮތަށް، ސަރުކާރުގެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތުން މަޖުބޫރުކޮށް އާ އުސޫލެއް ހަދާފައިވާ ކަމަށް ދޭހަވާ ގޮތަށް މީޑިއާއިން ޢާންމުކުރި ޚަބަރުތަކަކީ އޮޅުމެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ "ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލު" އަކީ 2012 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ޢަމަލުކުރަމުންދާ އުސޫލެއްކަމަށާއި، އިއްޔެ މިއުސޫލު އަލުން ޝާއިޢުކޮށްފައިވަނީ އެންމެ އިސްލާހަކާއެކުކަމަށެވެ. އެގޮތުން އެ އުސޫލަށް ގެނައި ހަމައެކަނި ބަދަލަކީ ހަމައެކަނި މުވައްޒަފުންގެ ސަލާމުގެ ޗުއްޓީއަށް ގެނެވިފައިވާ ބަދަލުކަމަށާއި، އެގޮތުން ސަލާމުގެ ޗުއްޓީގެ 30 ދުވަހުގެ ތެރެއިން މެޑިކަލް ސެޓްފިކެޓެއް ނެތި ސަލާމުގެ ގޮތުގައި ދެވޭނީ 15 ދުވަސްކަމަށް ގެނައި ބަދަލުގައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.

އިއްޔެ މިއުސޫލު އަލުން ޝާއިޢުކޮށްފައިވަނީ މިއުސޫލުގެ 9 ވަނަ މާއްދާގެ (ހ) ގެ (15) ވަނަ ނަންބަރަށް ގެނެވުނު ބަދަލަކާ ގުޅިގެންނެވެ. މިއީ މި އުސޫލަށް ގެނެވުނު 10 ވަނަ އިޞްލާހެވެ.
ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލަށް މިގެނެނުވުނު އާ ބަދަލަކީ ހަމައެކަނި މުވައްޒަފުންގެ ސަލާމުގެ ޗުއްޓީއަށް ގެނެވިފައިވާ ބަދަލެކެވެ. މިބަދަލާއެކު ސަލާމުގެ ޗުއްޓީގެ 30 ދުވަހުގެ ތެރެއިން މެޑިކަލް ސެޓްފިކެޓެއް ނެތި ސަލާމުގެ ގޮތުގައި ދެވޭނީ 15 ދުވަހެވެ. މިބަދަލަކީ ވަޒީފާއާ ބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނާއެކު، ވަޒީފާއާބެހޭ ޤާނޫނުގެ 42 ވަނަ މާއްދާ (ސަލާމުގެ ޗުއްޓީ) އަށް ގެނެވުނު ބަދަލާ އެއްގޮތްވާ ގޮތުގެ މަތިން މިއުސޫލަށް ގެނެވިފައިވާ ބަދަލެކެވެ.

– ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިބަދަލަކީ ވަޒީފާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހާއެކު ގެނައި ބަދަލެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ. އެގޮތުން ވަޒީފާއާއި ބެހޭ ޤާނޫނަށް އެންމެ ފަހުން ގެނެސްފައިވާ އިޞްލާހުގައި ވަނީ ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކުރާ 30 ދުވަހުގެ ތެރެއިން 15 ދުވަހު، ވިދިވިދިގެން ދެ ދުވަހަށްވުރެ ދިގު ނުވާނެ ގޮތެއްގެ މަތިން، މެޑިކަލް ސެޓްފިކެޓަކާއި ނުލައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިޚްތިޔާރު، ވަޒީފާ އަދާކުރާ ފަރާތަށް ލިބިދޭކަމަށެވެ. މި އިޞްލާހާއި ގުޅިގެން މީގެކުރިން ރައީސުލުޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ އުޞޫލަށް ވެސް މިބަދަލު ގެނެސްފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން މިހެން ބުނެފައިވާއިރު، ރައީސް އައްޔަންކުރައްވާ ސިޔާސީ ބޭފުޅުން، ސަރުކާރުން ނިންމާ ނިންމުންތަކާމެދު ހިޔާލު ތަފާތުވި ނަމަވެސް އެކަމާ ގުޅޭގޮތުން ވަކިވަކި ފަރުދުންގެ ގާތުގަ އާއި އާންމު ތަންތަނާއި މީޑިއާގައި ވާހަކަ ދައްކައި، ނޫސް މަޖައްލާތަކާއި ސޯޝަލް މީޑިއާގައި ލިޔެ ނުހެދޭނެގޮތް ހެދިކަމަށްބުނެ ވަރަށް ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.