ދިވެހިންނަށް ޢުމްރާއަށް ދިއުމުގެ ޚާއްޞަ ހުއްދައެއް ސައުދީން ދީފި

ދިވެހިންނަށް ޢުމްރާއަށް ދިއުމުގެ ޚާއްޞަ ހުއްދައެއް ސައުދީން ދީފި

Author
މުޙައްމަދު ޖިމީ
24 ޖެނުއަރީ 2021 04:47
0

ކޯވިޑްގެ ޙާލަތުގައި ދިވެހިންނަށް ޢުމްރާއަށް ދެވޭނެ ޚާއްސަ އުސޫލެއް ސަޢޫދީ ޢަރަބިއްޔާއިން ކަނޑައަޅައިފިއެވެ.

ކޯވިޑްގެ ޚާއްސަ ޙާލަތާއި ގުޅިގެން ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރަށް އެޅުނު ހުރަސްތަކާއި، ސަޢޫދީ ޢަރަބިއްޔާ އަދި އެހެނިހެން ޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން ދިވެހިންނަށް ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ސަޢޫދީގެ ޚާރިޖީ ވަޒީރާއި އަދި ސަޢޫދީ ސަރުކާރާއެކު މަޝްވަރާތައް ކުރައްވާފައެވެ.

ކޯވިޑުގެ ހާލަތުގައި ދިވެހިރާއްޖޭގެ ރައްޔިތުން ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލްތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.

ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރުމުގައި ދިވެހިން އަމަލުކުރަންޖެހޭ އުޞޫލުތަކުގެތެރޭގައި:

• ޢުމްރާގެ އަޅުކަން އަދާކުރުމަށް އޮންނަ އުޞޫލުތަކާއި އެއްގޮތަށް، މުޤައްދަޞް ދެ ޙަރަމުން ކުރެ ޙަރަމަށް ޢުމްރާގެ އަޅުކަމަށް ނުވަތަ ޒިޔާރަތަކަށްވެސް، ދިޔުމުގެ ކުރިން ރިޒަވޭޝަން ހެއްދުން. (ކުރިންވެސް އަމަލުކުރަމުން އަންނަ އުސޫލުން އުމްރާ ގްރޫޕް/ޓްރެވަލް އެޖެންޓް މެދުވެރިކޮށް)
• ދިވެހިރާއްޖޭގައި ހުއްދަ ދެވިފައިވާ ލެބޯޓަރީއަކުން ހައްދާފައިވާ، ސަޢުދީ ޢަރަބިއްޔާއަށް ފުރުމުގެ ކުރިން 72 ގަޑިއިރު ހަމަނުވާ ކޮވިޑް-19 އަށް ނައްސި ޓެސްޓް ސެޓިފިކެޓެއް އޮތުން.
• ޢުމްރާގެ އަޅުކަން އަދާކުރާ ފަރާތަށް ހުއްދަދީފައިވާ ދަތުރުގެ ޕްރޮގްރާމާ އެއްގޮތްވާ އެއާލައިން ރިޒަވޭޝަނެއް އޮތުން.
• ސަޢުދީ ޢަރަބިއްޔާއަށް އެތެރެވުމަށްފަހު، ޢުމްރާގެ އަޅުކަން އަދާކުރާ ފަރާތެއް ހުންނަން ހަމަޖެހިފައިވާ ހޮޓަލުގައި 3 ދުވަހަށް ކަރަންޓީނުވުން.
• ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތުގެ ޤަވާއިދުގައިވާގޮތުން ޢުމްރާގެ އަޅުކަން އަދާކުރުމަށް މި ޙާއްސަ ހާލަތުގައި ހުއްދަ ދެވޭނީ އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ ފަރާތްތަކަށް.
• ޢުމްރާގެ އަޅުކަން އަދާކުރުމަށް ޒިޔާރަތްކުރާ ފަރާތްތަކުން، ސަޢުދީ ޢަރަބިއްޔާއަށް އެތެރެވާ ވަގުތުން ފަށައިގެން އެނބުރި ޤައުމަށް ދެވެންދެން، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލު ކުރުމުގައި ޙާއްސަ ސަމާލުކަމެއް ދިނުން.

ސައުދީ ސަރުކާރުން ވަނީ އަންނަ މާރިޗު މަހުގެ 31 ވަނަދުވަހުން ފެށިގެން ސައުދީގެ ހުރިހާ ބޯޑަރުތަކެއް ހުޅުވާލާނެކަން އިއުލާންކޮށްފައެވެ. ކޯވިޑްގެ ނުރައްކާ މުޅި ދުނިޔެއަށް ބޮޑުވެ ހައްޖާއި އުމްރާ ދަތުރުތައް ހުއްޓާލާ ސައުދީން އެ ޤައުމުގެ ބޯޑަރުތައް ބަންދުކުރީ މިިދިޔަ އަހަރުގެ މާރިޗުމަހުގެ 31 ވަނަދުވަހުއެވެ. އަދި އެދުވަހު ވަނީ ދެ ހަރަމުވެސް ބަންދުކޮށް އާއްމުކޮށް ހުޅުވާލައިގެން މީހުންނަށް ނުވަދެވޭގޮތަށް ނަމާދުކުރުންވެސް ހުއްޓާލާފައެވެ.

ސައުދީ ސަރުކާރުން ބުނީ އެ ޤައުމުގެ ހުރިހާ ބޯޑަރެއް އަންނަ މާރިޗުމަހުގެ 31 ވަނދުވަހު ހުޅުވާލާނެކަމަށެވެ. މި ބަދަލާއި އެކު ސައުދީ ރައްޔިތުންނަށް ޤައުމުން ބޭރަށް ދިޔުމާއި އެހެން ޤައުމުތަކުން އެޤައުމަށް އެތެރެވުމުގެ ހުއްދަވެސް އޮންނާނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ. ސައުދީ ސަރުކާރުން ކުރިން ނިންމާފައި އޮތީ މިމަހުގެ 31 ވަނަދުވަހު ހުރިހާ ބޯޑަރެއް އާއްމުކޮށް ހުޅުވާލުމަށެވެ. އެހެންނަމަވެސް ކޯވިޑްގެ އައު ވައްތަރެއް ފެނުމުން އެ ނިންމުމަށް ބައެއް ބަދަލުތައް ގެނެސްފައިވާކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

އަންނަ މާރިޗުމަހު ބޯޑަރުތައް ހުޅާލަން ނިންމި ނަމަވެސް އެ ވަގުތާއި ހަމައަށްވެސް ކޯވިޑްގެ ހާލަތު ގާތުން ބަލަމުންދާނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ. މިހާރު ދޫކޮށްފައިވާ ހުއްދަތަކުން އެޤައުމަށް އުމްރާއަށް އެތެރެވެވޭނީ ދެވޭނީ 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންނަށެވެ. އަދި އުމްރާއަށް އެ ޤައުމަށް އަންނަ މީހުން ތިން ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހެއެވެ.

ދިވެހިންނަށް ޢުމާރާއަށް ދެވޭނެ ޚާއްޞަ އުސޫލްތަކެއް ކަނޑައަޅާދީފައިވާއިރު، ރާއްޖެއިން ވަނީ ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އޮތް ޖަމާއަތްތަކަށް އެކަން ކުރެވޭނެކަން ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނިމްސާ އާމިނާދީ
ތިއީ މާކުރިންވެސް ސައުދީ އިން އާއްމުކޮށްފައިވާ ހުއްދައެއް. ޝާހިދު އެދިގެން ވަކިން ރާއްޖެއަށް ދިން ހުއްދައެއް ނޫން!