މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ
މި މައްސަލަތަކާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 31 އަހަރުގެ ފިރިހެނަކާއި 52 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީވެސް ދިވެހިންނެވެ.
މި ދެމީހުންގެ ތެރެއިން 31 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ މާލެއިން ކާށިދުއަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި މަހުގެ 21 ވަނަ ދުވަހު ކާށިދޫ ބަނދަރު މަތިންކަމަށް ފުލުހުން ބުނެއެވެ. އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ.
52 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ މާލޭން ފުރައިގެން ރެސްގެތީމަށް ދަތުރު ކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 21 ވަނަ ދުވަހު ރަސްގެތީމު ބަނދަރުމަތިންކަމަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަނުގައި، އޭނާ ހައްޔަރުކޮށް އެ ބޯޓުން ބޭލި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މީގެ އިތުރުން މާލޭން ތުޅާދުއަށް ދަތުރުކުރަމުންދާ ދޯންޏަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، އެ ދޯނި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 87 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރު ކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ދެ މީހުންނަށްވެސް މުއްދަތު ދީފައިވެއެވެ. މިގޮތުން 31 އަހަރުގެ މީހާއަށް ކާށިދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ މުއްދަތު ދީފައިވާއިރު 52 އަހަރުގެ މީހާއަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން 15ދުވަހުގެ މުއްދަތު ދީފައިވެއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގްކުރަމުންކަމަށްވެސް ބުންޏެވެ.
ކޮމެންޓު ފޮނުވާ